Roadha Mihaaru
ޕީޖީ ވަކިކުރުމުގެ މަސައްކަތް ބައެއް މެމްބަރުން ފަށައިފި

ޕީޖީ ޝަމީމް ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ފަށައިފި

01 ޖޫން 2022

ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ފައްޓަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ފައްޓަވައިފި އެވެ.

އެ ގްރޫޕުގެ މިއަދުގެ ބައްދަލުވުމެއްގައި، ޝަމީމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން މެމްބަރަކު ހުށަހެޅުއްވި އެވެ. އެކަމަށް ބައެއް މެމްބަރުން ތާއީދުކުރެއްވިޔަސް މިއަދު މަޝްވަރާއެއް ނުހިނގަ އެވެ.

މަޖިލީހުގައި 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް "މިހާރު"އަށް ވިދާޅުވީ ޕީޖީ ޝަމީމް ވަކިކުރުމުގެ މަސައްކަތް ފަށަން ހުށަހެޅި ހުށަހެޅުމަށް ބައެއް މެމްބަރުންގެ ތާއީދު ލިބުނު ކަަމަށެވެ. އެކަމަކު އެ މައްސަލަ ހުށަހެޅީ، ޕީޖީ ގްރޫޕްގެ އެހެނިހެން މައްސަލައަށް މިއަދުގެ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލި ވަގުތު ކަމަށް ވިދާޅުވި އެވެ.

"އެފަދަ މައްސަލައަކީ އެޖެންޑާ ކުރެވި، މަޝްވަރާ ކުރެވި ގޮތެއް ނިމެންޖެހޭ މައްސަލައަކަށް ވާތީ އަޅުގަނޑު މިއަދު ވޯޓަކަށް ނާހަން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕީޖީއާ ގުޅޭ ގޮތުން ހުށަހެޅީ ޒިންމާއަދާކުރައްވާ ގޮތާ މެދު އެ މެމްބަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެ އެވެ.

"އެންމެ ރަނގަޅު ގޮތަކީ އެޖެންޑާ ކުރެވިގެން ކުރިއަށް ގެންދިއުން ކަމަށް ފެންނާތީ، ޕާޓީގެ ލީޑަޝިޕާ މަޝްވަރާކޮށްފައި ދެން އޮންނަ ބައްދަލުވުމަށް ހުށަހެޅުމެއް ހުށަހަޅަން މިއަދު ނިންމީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެފަދަ ހުށަހެޅުމެއް އަތުވެއްޖެ ނަމަ މަޝްވަރާކުރަން ދެން އޮންނަ ބައްދަލުވުމަކަށް އެޖެންޑާކުރައްވާނެ ކަމަށެވެ.

ޕީޖީ ޝަމީމާ މެދު ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ހިތްހަމަނުޖެހުން އަމާޒުވީ ސީދާ ކޮން މައްސަލަތަކަކާ ގުޅިގެން ކަން އަދި ސާފުނުވިޔަސް މީގެ ކުރިން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވާފައިވެ އެވެ. އޭގެތެރޭގައި، އެމްއެމްޕީއާރުސީގެ މައްސަލަ އާއި އޭސީސީން ތަހުގީގުކޮށްފައި ފޮނުވާ ބައެއް މައްސަލަތަކުގައި ދައުވާކުރުން ލަސްވާ މައްސަލަ ހިމެނެ އެވެ.

މި ފަހުން އެންމެ ބޮޑު ފާޑުކިއުމެއް ބައެއް މެމްބަރުންގެ ފަރާތުން ޕީޖީއަށް އަމާޒުވީ، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ދައުވާކުރަން އޭސީސީން ފޮނުވި މައްސަލައިގައި ގޮތެއް ނުނިންމައި ޕީޖީ އޮފީހުގައި ދިގުލައިގެންދިއުމުންނެވެ.