Roadha Mihaaru
ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ.ގެ ޖޫރިމަނާ

ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000ރ.ގެ ޖޫރިމަނާއެއް!

01 ޖޫން 2022

ސިޔާސީ ޕާޓީތަކަށް މީހުން ވަގަށް ވައްދާ މައްސަލަ ހައްލުކުރުމަށް، ޕާޓީތައް ބޮޑު އަދަދުން ޖޫރިމަނާ ކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ޕާޓީތަކަށް މީހުން ވަގަށް ވައްދާ މައްސަލަ ހައްލުކުރުމަށް، ޕާޓީތައް ބޮޑު އަދަދުން ޖޫރިމަނާ ކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

އެ ކޮމިޝަނުން ބުނީ ޕާޓީތަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް އެ ޕާޓީއެއް 10،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އެއާއެކު ޕާޓީތަކުގެ ރަޖިސްޓްރާ ވެސް ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.

"އޭޕްރީލް އެކަކުން ފެށިގެން، ޕާޓީ އަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް ޕާޓީ 10،000 ރުފިޔާ، ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000 ރުފިޔާ، ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާ ޖުރިމަނާ ކުރަން ފަށާގޮތަށް މިއަދު ކޮމިޝަނުން ނިންމައިފި،" އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ހަބީބު ވިދާޅުވި ގޮތުގައި މިގެނައި ބަދަލާ އެކު، ހަ މަސް ދުވަހުގެ ތެރޭގައި ބަދަލެއް ނުފެނިއްޖެ ނަމަ، އިތުރު ފިޔަވަޅެއް ވެސް ތަންފީކުރަން ފަށާނެ އެވެ. އެއީ ޕާޓީއަށް ވަންނަން އެދި ހުށަހަޅާ ފޯމުގައި ސޮއިކޮށްފައިވާ ހެކި ވެރިން ވެސް 5،000ރ. ޖޫރިމަނާކުރަން ފެށުމެވެ.

"އަނެއް ކަމަކަށް، އޮގަސްޓް އެކަކުން ފެށިގެން ޕާޓީތަކުގެ ދަފްތަރު އަޅުގަނޑުމެން އާއްމުކުރަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ ހައްލުކުރުމަށެވެ.

ޕާޓީތަކުގެ އިސް މަގާމްތައް ފުރުއްވާ މީހުން ވެސް އެކި ޕާޓީތަކުުގައި ރަޖިސްޓްރީކުރުވާފައި އެބަހުއްޓެވެ. އީސީން ބުނަނީ މިކަމުގައި އެ ކޮމިޝަނުގެ އިހުމާލެއް ނެތް ކަމަށެވެ. އެކަމަކު ޕާޓީތަކުން ދަނީ ކޮމިޝަނުގެ މައްސަލަތަކެއް ވެސް ދައްކަމުންނެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާ މެމްބަރުންގެ ފޯމުތައް ކަށަވަރު ކުރުމަށްޓަކައި ސޮއިކުރާ މީހާގެ ނަން އީސީން މިހާރު އަންނަނީ އާއްމުކުރަމުންނެވެ. ފޯމު ހުށަހަޅާ މީހުންގެ ފޯނަށް މެސެޖެއް ވެސް ފޮނުވަ އެވެ. މިއީ ވެސް ޕާޓީތަކަށް ވަންނަ މީހުންގެ ފޯމު އޮޅުވާލައި އެހެން ޕާޓީތަކަށް ބަދަލުކުރާ ކަމުގެ ތުހުމަތު ބޮޑުވުމުން އީސީން އެޅި ފިޔަވަޅެކެވެ.