28 މެއި 2022
އއ. އުކުޅަސް ހާއްސަވަނީ, ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވާ ގޮތުގައި, މަރުހަބާ އިންނެވެ. އެއީ, ޓޫރިޒަމްގައި މި ރަށުގެ ކުރިއެރުމާ ގުޅިފައިވާ ސިއްރެވެ. ލާމަރުކަޒީ ހައްލުތައް ހޯދަން ކައުންސިލަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވާ "ވިޔަވަތި" ކޮންފަރެންސް މި ރަށުގައި ބޭއްވުމުގެ ފަހަތުގައި އޮތް އެއް ސަބަބު ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އއ. އުކުޅަސް ހާއްސަވަނީ, ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވާ ގޮތުގައި, މަރުހަބާ އިންނެވެ. އެއީ, ޓޫރިޒަމްގައި މި ރަށުގެ ކުރިއެރުމާ ގުޅިފައިވާ ސިއްރެވެ. ލާމަރުކަޒީ ހައްލުތައް ހޯދަން ކައުންސިލަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވާ "ވިޔަވަތި" ކޮންފަރެންސް މި ރަށުގައި ބޭއްވުމުގެ ފަހަތުގައި އޮތް އެއް ސަބަބު ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ހިތްހެޔޮކަމާއި އެކުވެރިކަމާ އެކު މީހުންނަށް އެހީވުން. އެއީ ހަމަ އަޅުގަނޑުމެން މި ރަށުން ދޫކޮށްނުލާނެ ވިސްނުމަކީ، އަދި ކުރިއެރުމާ ގުޅިފައި ވަނީ ވެސް އެ ސިފަތައް،" ޝައުކަތު ވިދާޅުވި އެވެ.
އުކުޅަސް: މި ރަށުގެ މީހުންނަކީ މެހްމާންދާރީގައި ނަމޫނާ ބައެއް. -- ފޮޓޯ | މިހާރު
މި ރަށުގެ އާބާދީއަކީ ހާހެއްހާ މީހުންނެވެ. އެކަމަކު އެއްފަހަރާ 400 އަށް ވުރެ ގިނަ މީހުން އިއްޔެ ރަށަށް ޖަމާވެ ހަރަކާތްތެރިވެއްޖެ އެވެ. މިހާ ގިނަ ބަޔަކު އެއްފަހަރާ މި ރަށަށް އައުމަކީ އާ ކަމެއް ނޫނެވެ. އުކުޅަހުގެ ކޮންވެންޝަން ސެންޓަރަކީ މިފަދަ ގިނަ ބައްދަލުވުންތަކާއި ހަފުލާތަކުން އަބަދުވެސް ބިޒީ ތަނެކެވެ.
މިކަމުގެ ފައިދާ ވެސް އުކުޅަހަށް ބޮޑެވެ.
"ތިން ދުވަހުން މި ވަންނަނީ މި ރަށަށް ތިން މިލިއަން ރުފިޔާ. މި ރަށުގެ ހުރިހާ ގެސްޓް ހައުސްތަކެއް ފުރިއްޖެ. ރެސްޓޯރަންޓްތަކަށް ބާރުބޮޑުވާނެ. އެހެންވީމާ ކޮންމެ ދުވަހަކު މިލިއަނެއް މަދުވެގެން ވަންނާނެ," ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވި އެވެ.
ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ފޯކާސްޓް ދައްކާ ގޮތުން ދެ އަހަރުގެ ތެރޭގައި އިތުރު 150 ކޮޓަރި އަންނާނެ.
ބޮޑެތި އިވެންޓްތައް މި ރަށުގައި ބާއްވާ އަނެއް ސަބަބަކީ ސިޔާސީ ގޮތުން ފޯރިގަދަ ވުމެވެ. ސިޔާސީ މޫސުންތަކުގައި މިއީ ފޯރިގަދަ ރަށެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބޮޑެތި ބަދަލުތައް ފެށުމުގައި ވެސް މިއީ އިސް ދައުރެއް އަދާކުރި ރަށެކެވެ.
ވިޔަވަތި ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެއް ކަމަކަށް އެމްޑީޕީގެ 2018ގެ ކޮންގްރެސް އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދޭން ނިންމީ އުކުޅަހުގައި 700 އަށް ވުރެ ގިނަ އެމްޑީޕީގެ މެމްބަރުން ބައިވެރިވި ކޮންގްރެސްގަ އެވެ.
ޝައުކަތު ވިދާޅުވީ ސިޔާސީ ކަންކަމުގައި އަތޮޅުގެ އެހެން ރަށްތަކުން ނިންމުންތައް ނިންމުމުގައި ވެސް މި ރަށް އޮތް ގޮތެއް ބަލާނެ އެވެ.
"ވަރަށް މިސްޓޭކެއް ނުހަދާނެ ސިޔާސީ ކަންކަމުގައި ވެސް މި ރަށުން," އޭނާ ދެއްވާ ޔަގީން ކަމަކީ މި އެވެ.
ކައުންސިލްގެ ރައީސް ޝައުކަތު "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
ކިތަންމެ ސިޔާސީ ވިޔަސް ވިޔަސް މި ރަށު މީހުން ދޫކޮށްނުލާނެ ކަންތައްތަކެއް ހުރެ އެވެ. އެއްބައިވަންތަ ކަމެވެ. ތަރައްގީ އަށް ގުޅިގެން މަސައްކަތް ކުރުމެވެ. ކޮންމެ ކުލައެއްގެ މީހަކަސް މުޅި ރައްޔިތުންގެ ފައިދާ އޮންނަ ކަންކަމުގައި ގޮތް ދޫކުރުމެވެ.
"މި ވަރުގެ ރަށްރަށުގައި ބައިބައިވުން ބޮޑުވެއްޖިއްޔާ އޭގެ އަސަރު ވަރަށް ބޮޑަށް ކުރޭ ރަށުގެ ކުރިއެރުމަށް. ރަށުގެ ރައްޔިތުން ވާން މި ޖެހެނީ އެއް ވިސްނުމެއްގައި އެއް އަމާޒެއްގައި ރަށުގެ ކުރިމަގަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުން ދޭ ބަޔަކަށް," އޭނާ ވިދާޅުވި އެވެ.
ކައުންސިލަށް ވެސް އެންމެ މުހިއްމު އެޖެންޑާއަކީ ޝައުކަތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހަމަޖެހުމެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމެވެ. ދިމާވާ ކަންކަމުގައި އަޅާލައި ކަންކަން ފަސޭހަކޮށްދިނުމެވެ. ޝަކުވާތައް އަޑު އެހުމެވެ. ހައްލު ހޯދައިދިނުމެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ރަށުގެ މީހަކު ބަލިވެގެން މާލެ ފުރުވާލަން ޖެހުނަސް, ހާސްކަމެއް ކުރިމަތިވިޔަސް އެންމެ ކުރީގައި އެހީވާން ތިބޭނެ އެއް ބަޔަކީ ކައުންސިލަރުންނެވެ.
"އެ އިތުބާރު ވަރަށް ބޮޑަށް އުފެދިފައި މިއޮތީ ރައްޔިތުންނާ ކައުންސިލާ ދެމެދު," އޭނާ ވިދާޅުވި އެވެ.
އުކުޅަސް ބަޔަކު ކުޅިވަރުތައް ބަލާލަނީ: މި ރަށުގައި ދެ ދުވަހަށް ލާމަރުކަޒީ ކޮންފަރެންސް ކުރިއަށްދާނެ. -- ފޮޓޯ | ރައީސް އޮފީސް
"ކޮންމެ މަހަކު ވެސް ރަށުގެ ހަރު މީހުންނާ އަޅުގަނޑުމެން ބަދަލުކުރަން. އެއީ ރަށް ތަރައްގީކުރަން މިކުރާ މަސައްކަތުގައި ހިޔާލު ހޯދުން. ނުވަތަ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރަނގަޅު ކުރަން ޖެހޭ ކަމެއް އޮތްތޯ ބެލުން. ގޭގެއަށް ގޮސް އަންހެނުންނާ ވެސް ބައްދަލުކޮށް, ކައުންސިލަށް ދެވޭނެ އެހީތެރިކަން ވެސް ބަލަން," އޭނާ ވިދާޅުވި އެވެ.
މި ރަށުގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހުޅުވީ 2012ގަ އެވެ. ތިން ކޮޓަރީގެ އެތަން ޓޫރިސްޓުންނަށް ހުޅުވި ގޮތަށް މަޑުޖެހުމެއް ނެތި ލޯކަލް ޓޫރިޒަމްގައި ރީތި ނަމެއް ފަވާލެވިއްޖެ އެވެ. އޭގެ ނުވަ އަހަރު ފަހުން މި ރަށް މިހާރު މިއޮތީ ޓޫރިޒަމްގައި އަތުނުލެވޭ ވެސް ކުރީގަ އެވެ.
މި ރަށުގައި 34 ގެސްޓް ހައުސް މިހާރު އެބަހުއްޓެވެ.
"މީ 668 ބެޑް, އަދިވެސް ވަރަށް ބޮޑެތި ތަންތަން ޕްލޭންކުރެވި ކައުންސިލާ ހަމައަށް ލިބި ކުރެހުންތައް އެޕްރޫވްކުރެވި ބައެއް ތަންތަނުގެ މަސައްކަތްތައް ކުރިއަށް އެބަދޭ," ޝައުކަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެސްޓް ހައުސްތައް މި ފަހުން އިމާރާތްކުރަމުން އަންނަނީ ސިޓީ ހޮޓާ ފެންވަރަށް ކަމަށެވެ.
ކައުންސިލަށް ފެންނަނީ ޓޫރިޒަމްގެ މިސްރާބު ބާރުވެފައި ކުރިއަށް ވެސް ފައިދާވާން އޮތް ތަނެވެ.
އުކުޅަސް: މިއީ ޓޫރިޒަމުން ކުރި ހޯދުމުގައި ސްޕީޑު ބާރު ރަށެއް.
"ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ފޯކާސްޓް ދައްކާ ގޮތުން ދެ އަހަރުގެ ތެރޭގައި އިތުރު 150 ކޮޓަރި އަންނާނެ," ޝައުކަތު ވިދާޅުވި އެވެ.
މި ރަށުގެ ފުލް ކެޕޭސިޓީއަކީ 700 އެވެ.
ލޯސީޒަންގައި 40 ޕަސެންޓް, މިޑް ސީޒަން 60 ޕަސެންޓް އަދި ޕީކް ސީޒަންތަކުގައި 100 ޕަސެންޓް އެބަވޭ," އޭނާ ވިދާޅުވި އެވެ.
ދައުލަތަށް ޓެކްސްގެ ގޮތުގައި، އެންމެ ފަހުން ކައުންސިލުން ބަލާފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި 2018 ވަނަ އަހަރު 50 މިލިއަން ރުފިޔާ ދައްކާފައި އެބަހުއްޓެވެ.
އާމްދަނީ ހޯދަން ބޭނުންވާ ނަމަ އެ މަގު ފަހިނުވާނެ މީހަކު އުކުޅަހުގައި ނުހުންނާނެ އެވެ. އެ ޔަގީންކަން މަނިކު ދެއްވީ ރަށުގެ ރައްޔިތުންގެ އެވްރެޖް އާމްދަނީން މިސާލު ޖައްސަވަމުންނެވެ.
އޭނާ ވިދާޅުވީ އެވްރެޖް އާމްދަނީ 10,000 އަށް ވުރެން މަތިވާނެ ކަމަށެވެ.
އުކުޅަސް: މި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ކައުންސިލުން ކުރިއަރުވާ އެންމެ މުހިއްމު އެޖެންޑާ.
"ކޮންމެ މީހަކު ވިޔަސް ކުރާނެ މަސައްކަތެއް އޮންނާނެ މި ރަށުގައި. އެންމެ ކުޑަ މިންވަރަކަށް ބަލާ ނަމަ ރޮށި ފިހަން ބޭނުންވާ މީހާ އަށް އެކަމުން ވެސް މަހެއްގެ މައްޗަށް ލިބޭނެ ރަނގަޅު އާމްދަނީއެއް. ކިތަންމެ ކުޑަ ކަމެއް ކުރިޔަސް އެ މީހަކަށް ދިރިއުޅެވޭވަރުގެ އާމްދަނީއެއް ލިބޭނެ," ޝައުކަތު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުން ލިބުނު ބާރުތަކާ އެކު ރަށުގެ ތަރައްގީއަށް ކައުންސިލްގެ ވިސްނުންތަކެއް ނެރެފި އެވެ. އެއް ކަމަކަށް ރަށުގެ ހުޅަނގުކޮޅުން ބިމެއް ހިއްކުމެވެ. އެތަނުން 14 ހެކްޓަރު ބިމެއް ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މީގެތެރެއިން އެއް ކަމަކަށް ގޯތިގޮދޮރުގެ މައްސަލައަށް ހައްލު ލިބޭނެ އެވެ.
އެއާއެކު ވިޔަފާރިތައް ވެސް ބައިވަރު ބިންތަކެއް ދޫކުރާނެ އެވެ. ވޭތުވެދިޔަ 25 ވަރަކަށް އަހަރު މި ރަށުން ގޯއްޗެއް ދުލެއް ނުކުރެ އެވެ. އެހެންކަމުން ގޯތިތައް ބަހަމުން އައިސް ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑެވެ.
އުކުޅަހުގެ މަގެއް: މި ރަށުގެ ރައްޔިތުންނަށް ކުރިއެރުން ހޯދައިދޭން ކައުންސިލްގެ ޕްލޭންތަކެއް އެބަހުރި.
އަޅުގަނޑުމެން ވަރަށް ދެރަވޭ މި މައްސަލައިގައި. މި ޝަކުވާތައް ވެސް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެބަ އާދޭ," ޝައުކަތު ވިދާޅުވި އެވެ.
ޝައުކަތު ސިފަކޮށް ދެއްވި ގޮތަށް އުކުޅަހުގެ ދިރިއުޅުން އުފާވެރި އެވެ. މިއީ ކުރިއަށް އޮތް ތަނުގައި މުސްތަގުބަލް އޮތް އުޖާލާ ރަށެކެވެ. ދެން އޮތީ، ލާމަރުކަޒީ ނިޒާމުން ލިބުނު ބާރުތައް ހަގީގީ މާނައިގައި ތަންފީޒުކޮށް، ރަށް ކުރިއެރުވުން ކަމަށް ޝައުކަތު ވިދާޅުވި އެވެ.
އޭނާ ޔަގީންކަން ދެއްވާ ގޮތުގައި، އުކުޅަހުގައި މިއަދު ފަށާ ކޮންފަރެންސަކީ އޭގެ ފެށުމެވެ.
ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލަކަށް
ރަސްދޫ މަރު: ކުންފުނީގެ ލައިސެންސް އޮތީ ހަމަވެފައި!
ޓޫރިޒަމް ޓެކްސް ބޮޑުކުރަން މުޅި މަޖިލީހުން ފާސްކޮށްފި
ބިޔޯންޑް ދި އީކުއޭޓާއިން އައްޑޫގެ ރީތިކަމާއި ނަލަކަން
އައްޑޫގެ ޓޫރިޒަމް ބްރޭންޑުކޮށް އިފްތިތާހުކުރަނީ
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
ޓޫރިޒަމްގެ ބޭނުމަށް ފިޔޯރިން ބޮޑު ބިމެއް ކުއްޔަށް ދެނީ
ޓޫރިޒަމަށް ގޮއިދޫން 275،000 އަކަފޫޓުގެ ބިން ދެނީ
ގަމުގެ ބީޗްސައިޑުން 8 ބިމެއް ޓޫރިޒަމަށް ދޫކުރަނީ
ރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ ނެރެން އަމުރުކޮށްފި