Roadha Mihaaru
ޑައިވިން ލެޖެންޑް "ގެއްލުން": ފެންކަޅިވެ، ހުއްޓިފައި

ޑައިވިން ލެޖެންޑް "ގެއްލުން": ފެންކަޅިވެ، ހުއްޓިފަައިވާ އެތައް ބަޔެއް!

22 މެއި 2022

ފުވައްމުލަކު ލެޖެންޑް، މުހައްމަދު ސައީދު ގެއްލުމަކީ "ދެންމެ ހިނގި ހާދިސާ" އެކެވެ! ތިން ހަފުތާ ވިޔަސް އަންހެނުން އައިމިނަތު އިސްމާއީލާއި ރައްޓެހިންނަށް އެ ހިތްދަތި އިހްސާސުން އަރައެއް ނުގަނެވެ އެވެ. ގަބޫލުކުރަން ދަތިވެ އަދިވެސް ތިބީ ޝޮކުގަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުވައްމުލަކު ލެޖެންޑް، މުހައްމަދު ސައީދު ގެއްލުމަކީ "ދެންމެ ހިނގި ހާދިސާ" އެކެވެ! ތިން ހަފުތާ ވިޔަސް އަންހެނުން އައިމިނަތު އިސްމާއީލާއި ރައްޓެހިންނަށް އެ ހިތްދަތި އިހްސާސުން އަރައެއް ނުގަނެވެ އެވެ. ގަބޫލުކުރަން ދަތިވެ އަދިވެސް ތިބީ ޝޮކުގަ އެވެ.

ޑައިވްކުރަނިކޮށް މި މަހުގެ ދެ ވަނަ ދުވަހު ގެއްލުނު ސައީދު 44، ހޯދަން އެމްއެންޑީއެފުން ބޮޑު ސަރަހައްދެއް ބެލި އެވެ. އެކަމަކު ކާމިޔާބީއެއް ނުލިބުމުން، އޭނާ ހޯދުން އަށް ވަނަ ދުވަހު ހުއްޓާލީ އެވެ.

އެކަމަކު އަންހެނުންނާއި ރައްޓެހިން ވެސް އުއްމީދު ކަނޑައެއް ނުލަ އެވެ.

"ދިރި ހުއްޓައި އަދި ދިމާވާނެ،" އެންމެންގެ ވެސް ދުއާއަކީ މި އެވެ.

"ދިރިއުޅުމުގައި މި ހިސާބަށް އާދެވުނީ އެތައް ހިތާމައެއް ތަހައްމަލްވުމަށް ފަހު. ހިތަކަށް ވެސް ނާރާ މިހާ ހިސާބުން އެކަނި ދަތުރުކުރަން ޖެހިދާނެ ކަމަށް،" ﷲގެ ރަހުމަތާއި އުއްމީދު ގެއްލުވާނުލާ ކަން ހާމަކުރަމުން އަންހެނުން އައިމިނަތު ލިއެފައިވެ އެވެ.

ސައީދު އަންހެނުންނާ އެކު: އައިންތުގެ ދުއާއަކީ މި ދުނިޔެއިން ބައްދަލުވުން.

ސައީދު އަންހެނުންނާ އެކު: އައިންތުގެ ދުއާއަކީ މި ދުނިޔެއިން ބައްދަލުވުން.

އެކި ޕޯސްޓުތަކުގައި އޭނާގެ ދުއާއަކީ ސައީދާ މި ދުނިޔެ އިން ބައްދަލުވުމެވެ. ހިތުގައި ސައީދަށް އޮތް ލޯތްބާއި ވަކިވެދިއުމުގެ ހިތްދަތިކަން އެ ޕޯސްޓުތަކުގައި އޭނާ ވަނީ ބަންޑުންކޮށްލައިފަ އެވެ.

"އިންޝާﷲ. ﷲ މިއަޅާގެ ފިރިމީހާ ހެޔޮ ހާލުގައި ދިރިހުއްޓާ ފެނުމުގެ ނަސީބު މިއަޅާއަށް ދައްކަވާނދޭވެ،" އަސަރުގަދަ އެތައް ވާހަކަތައް ހިއްސާކޮށް، އެއް މެސެޖުގައި ލިއެފައިވެ އެވެ.

ސައީދު ގެއްލުނު ސަރަަހައްދު: ހަފުތާއެއް ވަންދެން ބެލުމަށް ފަހު އެމްއެންޑީއެފުން މެދުކަނޑާލީ ކާމިޔާބެއް ނުލިބުމުން.

ސައީދު ގެއްލުނު ސަރަަހައްދު: ހަފުތާއެއް ވަންދެން ބެލުމަށް ފަހު އެމްއެންޑީއެފުން މެދުކަނޑާލީ ކާމިޔާބެއް ނުލިބުމުން.

ސައީދު އެކުގައި ނެތް ކަން ގަބޫލުނުކުރެވެނީ، ރައްޓެހިން ބުނި ގޮތުގައި، އޭނާގެ އެފަދަ ދެވަނައެއް ނެތް ސިފަތަކުންނެވެ. ހާލު ބަލަން ނުވަތަ ކޮފީއަކަށް ނުގުޅާ ދުވަހެއް ނުދެ އެވެ. ގޭގައި ކެއުން ތައްޔާރުކޮށް އެކުގައި ވަގުތު ހޭދަކުރުމަކީ ސައީދުގެ އުފަލެވެ. ރައްޓެހިންނަށް މިސްވަނީ އެ ސައީދެވެ.

"ވަރަށް މަޖާ، ވަރަށް ހިތްހެޔޮ، ކޮންމެ މީހަކާ ވެސް ގުޅޭ، އެއްވެސް މީހެއް ދެކެ ރުޅި ނާންނާނެ، އެއީ ވަރަށް ނައިސް ބްރޯއެއް،" ސައީދުގެ އެކުވެރި އަހްމަދު ނަޝީދު (ލޮނޫ) ބުންޏެވެ.

ސައީދު ގެއްލުނު ފަހުން އަދި ޑައިވެއް ނުކުރޭ!

ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޑައިވް ނުކުރާ ދުވަހެއް ނަޝީދުގެ ހަނދާނަކު ނެތެވެ. މި ހުރިހާ ދުވަހަކު ވެސް ސައީދަކީ އޭނާގެ ވަރަށް ބޮޑު ހިތްވަރެކެވެ. ޑައިވްކުރުމުގައި، އޭނާއަށް ހެދޭ ގޯސްތަކާއި ރަނގަޅުކުރަންވީ ކަންކަން ކިޔައިދެ އެވެ. ސައީދު ގެއްލުނު ފަހުން އޭނާއަށް ޑައިވްކުރަން ނުދެވި "ހުއްޓިފައި" ހުރި ސަބަބަކީ އެއީ އެވެ.

"އެއްގޮތަކަށް ވެސް ނުވޭ ޑައިވްކުރާ ހިތެއް. އަދިކިރިޔާ އިއްޔެ ބަނދަރާ ހަމައަށް ވެސް ދެވުނީ. ވަރަށް އުނދަގޫ އިހްސާސެއް. ގަބޫލެއް ނުކުރެވޭ އެކުގައި ނެތް ކަމަކަށް،" ޝާކް އައިލެންްޑް ޑައިވް ޝޮފް ހިންގާ ނަޝީދު ކިޔައިދިނެވެ.

އޭނާއަށް ވެސް ވަރަށް ގިނަ ކަންކަން ދަސްކޮށްދިން އިންސްޓްރަކްޓަރު ސައީދަށް ވީ ގޮތް، ލަފާކުރަން ވެސް އެ މީހުންނަށް އުނދަގުލެވެ. ދަރިވަރަކާ އެކު ޑައިވްކުރަން އުޅުނު ސައީދު، އެކަމުގައި މިސްޓޭކެއް ނުހަދާނެ ކަމަށް ވަރަށް ޔަގީންކަމާ އެކު ނަޝީދު ބުންޏެވެ.

ސައީދު ޑައިވްކުރަން ފަށައި، އިންސްޓްރަކްޓަރަކަށް ވެ މީހުން ތަމްރީންކުރުމުގައި ގާތްގަނޑަކަށް 25 އަހަރު ވެއްޖެ އެވެ.

"ޑައިވްގައި ފުވައްމުލަކުގެ އެންމެ ފުންނާބު އުސް މީހާ އެއީ، ނުދަންނަ ކަމެއް ނޯންނާނެ. [ކަނޑައަޅާފައިވާ ވަރަށް ވުރެން] އަޑިއަށް އަހަރެމެން ދިޔަކަން ކިރިޔާ ހީވިޔަސް މައްސަލަ ޖައްސާނެ. ގެރެންޓީއާ އެކު ބުނަން އެނގޭ ނުދާނެ މާބޮޑަށް އަޑިއަކަށް. އޭނާ އުޅޭނީ ރާއްޖޭގެ ގަވާއިދުގައި އޮންނަ ގޮތަށް،" ނަޝީދު ބުންޏެވެ.

"އެހެންވީމަ އޭގައި ވެދާނެ ގޮތެއް، މިސާލަކަށް ސްޓްރޯކެއް ޖެހުން، ހާޓްއެޓޭކެއް، އަޑީގައި އޮންނަ އިރު އެކަހަލަ ކަމެއް ވެއްޖިއްޔާ ސިންކް ތާ ވާނީ. ކައިރީގައި އޮތީ ސައީދު ޓްރޭން ކުރި އޭނަގެ ދަރިވަރެއް. އޭނަ ކޮމްޕިއުޓަ ޕެޓާންތަކުން ފެންނަ ގޮތުގައި އޭނަ އެބަހުރި ފުދޭވަރަަކަށް އަޑިއަށް ގޮސްފައި. މާނައަކީ އޭނަ އެބަހުއްޓޭ ސައީދު ގޮވައިގެން މައްޗަށް އަރަން ވަރަށް މަސައްކަތްކޮށްފައި. ގާތްގަނޑަކަށް 60 މީޓަރުން [196 ފޫޓު] ޝޫޓްކޮށްފައި މައްޗަށް އޭނަ އަރާފައި ހުރީ."

ސައީދު، ޑައިވްކުރި މީހަކާ އެކު ފޮޓޯއަކަށް ހުއްޓިގެން: ޑައިވްކުރި ޓޫރިސްޓުންގެ ވާހަކަތަކުގައި ވެސް އޮތީ ސައީދަށް ތައުރީފް.

ސައީދު، ޑައިވްކުރި މީހަކާ އެކު ފޮޓޯއަކަށް ހުއްޓިގެން: ޑައިވްކުރި ޓޫރިސްޓުންގެ ވާހަކަތަކުގައި ވެސް އޮތީ ސައީދަށް ތައުރީފް.

ސައީދާ އެކު ޑައިވްކުރަން އުޅުނު މީހާގެ ހާލު އަދިވެސް ރަނގަޅެއް ނޫނެވެ. އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ އިންޑިއާއަށް ގެންގޮސްފަ އެވެ.

ނަޝީދު ބުނި ގޮތުގައި އަދިވެސް އޭނާއަށް ހީވަނީ ސައީދުގެ ފޯނު ކޯލެއް އަތުވެދާނެ ހެންނެވެ.

"ދޭތެރެއަކުން ގުޅާފައި އަހާފާނެ ކައިފިންހޭ. މިއަދު ޑައިވް ކިހިނެއްހޭ. ވަރަށް ގިނައިން ކައްކާނެ. ގޭ ދޮރުމަތީގައި ބާބެކިޔު ހަދާފައި ގުޅާނެ. ލޮބްސްޓާ އެއްޗެހި ނަގައިގެން އައިސް އަންހެނުންނާ ދަރިންނާ އެކު އޮންނަ ކެއުމުގައި ވެސް ބައިވެރިކުރާނެ އަހަރެމެން. އަހަރެން ޑައިވްގައި އޮންނަ އިރު އެ މީހުން ޝޮޕްގައި ކައްކައިގެން ވެސް ގުޅާފައި ބުނާނެ އަންނާށޭ އަވަަހަށް. މިއީ ދެން ސައީދުގެ ވަރަށް މިސްވާ ކަމެއް،" އޭނާ ބުންޏެވެ.

ފުވައްމުލަކުގައި މިހާރު ހަ ޑައިވް ޝޮޕް ހިންގަ އެވެ. ސައީދު ގެއްލުނު ދުވަހު އޭނާ ފޭބި ޕޮއިންޓް އެ ޝޮޕްތަކަށް ދޫކުރާނެ އުސޫލް ކަނޑައެޅުމުގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ. ޑައިވް ޝޮޕްތަކުގައި ޖެހޭ މައްސަލަތައް ހައްލުކުރުމުގައި އެންމެ އިސް ދައުރެއް އޮންނަނީ ސައީދުގެ އެވެ.

"ހަމަ ޔަގީނުން ވެސް އަހަރެންގެ އުއްމީދަކީ ސައީދު ދިރިހުއްޓައި ފެނުން، އުއްމީދު ކަނޑައެއް ނުލެވޭ. ޑައިވް ކޮމިއުނިޓީ އެންމެން އަދިވެސް އެ ތިބީ ބަސްހުއްޓިފައި."

ސައީދު ގެއްލުނު ސަރަހައްދު.

ސައީދު ގެއްލުނު ސަރަހައްދު.

ނަޝީދު ބުނި ގޮތުގައި ރާއްޖޭގެ ޑައިވިން އިންޑަސްޓްރީގައި، އެހާ ތަޖުރިބާހުރި މީހަކު އަދި ދިރިއުޅުމުގައި ނަމޫނާ ސިފަތަކެއް ހުރި މީހަކު ގެއްލުމަކީ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. އަންހެނުންނާއި ރައްޓެހިންނަށް އަރައިނުގަނެވެނީ އެ ހިތްދަތި އިހްސާސުންނެވެ.

ސައީދު އަތުވެދާނެއޭ ހީވަނީ، ގެއްލިއްޖެ ކަމަށް ގަބޫލުކުރަން ދަތިވުމުންނެވެ.