Roadha Mihaaru
އިސްރަށްވެހިންގެ އިންސާފަށް ބަހުސެއް ވެސް ނުކުރި!

އިސްރަށްވެހިންނަށް އިންސާފު ހޯދަން މަޖިލީހުގައި ބަހުސެއް ވެސް ނުކުރި!

19 މެއި 2022

މުޅި އުމުރު ދައުލަތަށް ހިދުމަތްކުރި އިސްރަށްވެހިންތަކަކަށް ޕެންޝަން ދިނުމުގައި އޮތް ބޭއިންސާފަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަހުސްކުރަން ވެސް ބޭނުން ނުވެ އިއްޔެ ބޭރުކޮށްލުމުން ބިލް ހުށަހެޅުއްވި މެމްބަރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އިސްރަށްވެހިންގެ ޖަމިއްޔާ އިން ކަންބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މުޅި އުމުރު ދައުލަތަށް ހިދުމަތްކުރި އިސްރަށްވެހިންތަކަކަށް ޕެންޝަން ދިނުމުގައި އޮތް ބޭއިންސާފަށް ހައްލު ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބަހުސްކުރަން ވެސް ބޭނުން ނުވެ އިއްޔެ ބޭރުކޮށްލުމުން ބިލް ހުށަހެޅުއްވި މެމްބަރު ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އިސްރަށްވެހިންގެ ޖަމިއްޔާ އިން ކަންބޮޑުވެއްޖެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނު މުރާޖައާ ކުރަން ރިޔާޒް މަޖިލީހަށް ހުށަހެޅުއްވީ ރާއްޖެ އަށް އައި ބަދަލުތަކުގެ ތެރޭގައި އިސްރަށްވެހިންތަކެއް ނިޒާމުގެ ތެރޭގައި ނިކަމެތިވި މައްސަލައަކަށް ހައްލެއް ހޯދައިދިނުމަށެވެ. ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންތަކަކަށް، އެ މީހުންގެ ހިދުމަތުގެ ޕެންޝަން ނުލިބި އެބަތިއްބެވެ.

ގާނޫނު މުރާޖައާކުރަން ހުށަހެޅުމުން ބަހުސްކުރަން ވެސް ބޭނުން ނުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތަށް ހިދުމަތްކުރި މީހުންގެ އަގު ވަޒަން ނުކުރުން. -- ރިޔާޒް

ޕެންޝަނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ރަށްރަށުގައި 40 އަހަރު ހިދުމަތް ކުރެއްވި އަތޮޅުވެރިންނާއި ކަތީބުން ފަދަ ބޭފުޅުންނަށް ހިދުމަތުގެ ޕެންޝަނެއް ނުލިބެ އެވެ. އެ މީހުންނަށް ލިބެމުން އަންނަނީ ގާނޫނަށް ފަހުން ގެނައި އިސްލާހާ އެކު އެންމެންނަށް އަސާސީ ޕެންޝަންގެ ގޮތުގައި ދެމުން އަންނަ 5،000ރ. އެވެ.

Fahathah nujassa, Ae kuree safuge hagguverin!

Fahathah nujassa, Ae kuree safuge hagguverin!

The most trusted news source in the Maldives

Mihaaru

ޕެންޝަނާ ގުޅޭ ގޮތުން އިސްރަށްވެހިންގެ އޮތް ކަންބޮޑުވުމާއި ނިޒާމުގެ ތެރެއަށް ވެއްދުމަށް ޖަމިއްޔާ އިން ހުށަހަޅާ ކަންކަން.

މިއީ ބޭއިންސާފަކަށް ވާތީ ޕެންޝަންގެ ގާނޫނު މުރާޖައާކުރަން ގޮވާލައި ރިޔާޒް ހުށަހެޅުއްވި މައްސަލައިގައި ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލުމުން އިސް ރަށްވެހިންގެ ޖަމިއްޔާގެ ނައިބު ރައީސް އަދި ކުރީގެ މިނިސްޓަރު އަނީސާ އަހްމަދު ވެސް ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ.

އެ މައްސަލަ ބަލައިގަނެ ބަހުސް ކުރުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރެވެ. އަދި 19 މެމްބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް: ޕެންޝަންގެ ގާނޫނު މުރާޖައާ ކުރަން އޭނާ ހުށަހެޅުއްވި މައްސަލައަށް މަޖިލީހުން ބަހުސްކުރަން މެޖޯރިޓީ އޮތް އެމްޑީޕީގެ ބޭނުމެއް ނުވި.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް: ޕެންޝަންގެ ގާނޫނު މުރާޖައާ ކުރަން އޭނާ ހުށަހެޅުއްވި މައްސަލައަށް މަޖިލީހުން ބަހުސްކުރަން މެޖޯރިޓީ އޮތް އެމްޑީޕީގެ ބޭނުމެއް ނުވި.

ރިޔާޒް ވިދާޅުވީ ރަށްރަށުގައި ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި އަތޮޅުވެރިންނާއި ކަތީބުން ފަދަ ބޭފުޅުންނަށް ޕެންޝަންގެ ގޮތުގައި ދެމުން އަންނަނީ 2،000-3،000ރ. ކަމަށެވެ. އެ މީހުންގެ މި ޕެންޝަން ހިމަނާފައި ވަނީ އަސާސީ ޕެންޝަނުގެ ގޮތުގައި އެންމެންނަށް ދޭ 5،000ރ. ގެ ތެރޭގަ އެވެ.

އިސްރަށްވެހިންގެ ޖަމިއްޔާ އިން އެދެނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000ރ. ގެ ތެރޭގައި ހިދުމަތްތެރިއެއް ނަމަ، ދިގު މުއްދަތުގެ އަގަށް ކަނޑައެޅި ފައިސާ ނުހިމަނައި ދިނުމަށެވެ.

"ގައުމަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރި މީހުންނެކޭ އެއްވެސް ހިދުމަތެއް ނުކުރާ މީހުންނެކޭ އެއްވަރުގެ ޕެންޝަނެއް މިހާރު ލިބެމުން އަންނަނީ. މިއީ ކަންބޮޑުވުން އޮތް މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

މައްސަލައެއްގެ ގޮތުގައި ބަލަނީ ވަކި ޕާޓީއެއްގެ މީހުން އެ މީހުންގެ އަމިއްލަ ފައިދާ އަށް ކުރާ ކަންކަން އެކަނި ކަމަށް ވަނީ ނަމަ އެއީ ވެސް މައްސަލައެއް. މަޖިލީހަށް ހުށަހެޅޭ ސިޔާސީ ނޫން، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވެސް އެބަޖެހޭ ވާހަކަ ދެކެވެން. -- އަނީސާ

މަޖިލީހަށް އެ މައްސަލަ ވެއްދީ ރިޔާޒް ވިދާޅުވި ގޮތުގައި ރަށްރަށަށް ކުރި ދަތުރުތަކުގައި އެ ބޭފުޅުންގެ "އަގު ވަޒަންނުކޮށް ބާކީކޮށްފައިވާ ކަމުގެ އިހްސާސްވެއްޖެ" ކަމަށް ފާޅުކުރި ޝުއޫރުތަކުގެ މައްޗަށެވެ. މައްސަލަ މަޖިލީހަށް ވެއްދީ އިސްރަށްވެހިންގެ ޖަމިއްޔާ އާއި ޕެންޝަން އޮފީހާ ވެސް ބައްދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު މުރާޖައާކުރަން ހުށަހެޅުމުން ބަހުސްކުރަން ވެސް ބޭނުން ނުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތަށް ހިދުމަތްކުރި މީހުންގެ އަގު ވަޒަން ނުކުރުން،" ރިޔާޒް ވިދާޅުވި އެވެ.

"ރައްޔިތުންގެ ކަންބޮޑުވުންތަކަށް ވެސް ވާހަކަ ދެކެވެން ޖެހޭ"

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ އަޑު އިއްވައި ހައްލު ހޯދައިދޭން ޖެހޭ ތަން ކަމަށްވާ އިރު ކަންބޮޑުވުމެއް ހުށަހެޅުމުން އެންމެ ކުޑަމިނުން ބަހުސްކޮށްލަން ބޭނުން ނުވުމަކީ އަނީސާ ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް ބޮޑު މައްސަލައެކެވެ.

"ޕެންޝަނާ ބެހޭ ގާނޫނުގައި މި ބޭއިންސާފު އޮތީމާ އެ ކަންބޮޑުވުމަށް އިސްލާހެއް ގެންނަން ފެނޭތޯ އެންމެ ކުޑަމިނުން ބަހުސްކޮށްނުލީމާ އަޅުގަނޑު ކަންބޮޑުވީ. ކީއްވެތޯ ބަހުސް ނުކުރެވެންވީ އެއީ ކުރަން ވެއްޖެ ކަމެއްތޯ ނުވަތަ ނޫންތޯ. ވާހަކަ ދައްކައިގެން ގޮތެއް ނިންމޭނީ. އޭގެ ބަދަލުގައި އެ ބަލައި ވެސް ނުގަތީ،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ޕެންޝަންގެ ގޮތުގައި 1،600ރ. ލިބެމުން ދިޔަ މީހަކަށް، ފަހުން ގާނޫނަށް އައި އިސްލާހާ އެކު 65 އަހަރުން މަތީގެ މީހުންނަށް ލިބޭ އަސާސީ ޕެންޝަން ދެއްވަން ނިންމެވީ. އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތަށް އެ މީހަކު ކޮށްފައިވާ ހިދުމަތް، އޭރުގެ ގާނޫނުއަސާސީގައި އޮތް ގޮތުން މެދުނުކެނޑި 20 އަހަރު ހިދުމަތް ކުރުމުން ލިބެން ޖެހޭ 1،600ރ. އަކީ ހައްގު އެއްޗެކޭ. އެހެންވީމަ މި 1،600ރ. އެކު އަސާސީ ޕެންޝަން ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރި މީހާއަށް ލިބެން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އަނީސާގެ ހިތްހަމަނުޖެހުން ފާޅުކުރެއްވީ މަޖިލީހަށް ހުށަހެޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ މައްސަލަތަކަށް މަޝްވަރާކޮށްލަން ވެސް ބޭނުން ނުވާ މަންޒަރު ދައްކަމުންދާތީ ކަމަށް ވިދާޅުވި.

އަނީސާގެ ހިތްހަމަނުޖެހުން ފާޅުކުރެއްވީ މަޖިލީހަށް ހުށަހެޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭ މައްސަލަތަކަށް މަޝްވަރާކޮށްލަން ވެސް ބޭނުން ނުވާ މަންޒަރު ދައްކަމުންދާތީ ކަމަށް ވިދާޅުވި.

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބަހުސްކުރަން ޖެހޭނީ، އަނީސާ ވިދާޅުވި ގޮތުގައި، މެޖޯރިޓީ އޮތް ބޭފުޅުން ހުށަހަޅުއްވާ ކަންބޮޑުވުންތަކާއި ހިޔާލުތަކާއި ބިލްތަކަށް އެކަންޏެއް ވެސް ނޫނެވެ.

މަޖިލީހުގެ 87 މެމްބަރުންގެ ސާފު އަޣުލަބިއްޔަތު 65 މެމްބަރުންނާ އެކު އޮތީ އެމްޑީޕީއަށެވެ.

"މަޖިލީހަށް އެކަން ހުށަހެޅީ ބަޔަކު ދިރާސާތަކެއް ކޮށްފައި ކަމަށް މެމްބަރު [ރިޔާޒް] ވިދާޅުވީ. އެކަމަކު ބަހުސް ނުކޮށްލުމުން މާނައަކީ އެއީ މައްސަލައަކަށް ނުބެއްލެވީއޭ،" އަނީސާ ވިދާޅުވި އެވެ.

"މައްސަލައެއްގެ ގޮތުގައި ބަލަނީ ވަކި ޕާޓީއެއްގެ މީހުން އެ މީހުންގެ އަމިއްލަ ފައިދާއަށް ކުރާ ކަންކަން އެކަނި ކަމަށް ވަނީ ނަމަ އެއީ ވެސް މައްސަލައެއް. މަޖިލީހަށް ހުށަހެޅޭ ސިޔާސީ ނޫން، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ވެސް އެބަޖެހޭ ވާހަކަ ދެކެވެން، މަޝްވަރާކުރެވެން."