Roadha Mihaaru
ފަރެސްމާތޮޑާ އެއާޕޯޓު ޖުލައި މަހު ނިމޭނެ: އާޒިމް

ފަރެސްމާތޮޑާ އެއާޕޯޓު ޖުލައި މަހު ނިމޭނެ: އާޒިމް

12 މެއި 2022

ގދ. ފަރެސްމާތޮޑާގެ އެއާޕޯޓުގެ މަސައްކަތް އަންނަ ޖުލައި މަހު ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގދ. ފަރެސްމާތޮޑާގެ އެއާޕޯޓުގެ މަސައްކަތް އަންނަ ޖުލައި މަހު ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ، އެ އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތުގެ 25 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. ތާރު އެޅުން ލަސް ވަނީ ވިއްސާރަ މޫސުމާ ގުޅިގެން އެ މަސައްކަތް ކުރިއަށް ނުގެންދެވޭތީ ކަމަށެވެ. އެ ރަށުގައި އާޅާ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއެއް އަޅާނެ އެވެ.

އާޒިމް ވިދާޅުވީ، މަސައްކަތުގެ ލޮޖިސްޓިކް ލަސްތައް ކުރިމަތިވެފައިވާ ކަމަށާއި ސަބަބަކީ ބަހައްޓާނެ ތަންތަން ނެތުން ކަމަށެވެ.

އެއާޕޯޓާ އެކު ފަރެސްމާތޮޑާގައި އަޅާ ބްރިޖްގެ މަސައްކަތް ވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

އެ އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އެ ޕްރޮޖެކްޓަށް 145 މިލިއަން ރުފިޔާ ހޭދަކުރާ އިރު މަސައްކަތް ނިންމުމަށް ދިނީ އެއް އަހަރާ އަށް މަސް ދުވަހެވެ.

ފަރެސްމާތޮޑާގެ އިތުރުން ރ. އަލިފުއްޓާއި މ. މުލީގައި ވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. ރ. އަލިފުށީގެ އެއާޕޯޓުގެ މަސައްކަތް ފެށުމަށް އެ ރަށަށް އެމްޓީސީސީގެ އިކުއިޕްމަންޓްތައް ގެންގޮސްފައިވާ އިރު މުލީގެ އެއާޕޯޓަށް ބޭނުންވާ އިމާރާތްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފަޔާ ބިލްޑިން އާއި ޓާމިނަލް އެޅުމުގެ މަސައްކަތްތައް އެބަ ކުރިއަށް ގެންދެ އެވެ.