11 މެއި 2022
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް އޮތީ، ޕާޓީގެ ފިކުރު ފޮހެވިދާނެ ކަމުގެ ބިރެވެ. އާއްމު މެމްބަރުންގެ ގުރުބާނީތަކުން ލިޔެވި ތަރުތީބުކުރި އުސޫލްތަކާއި ހަމަތަކާއި ފަލްސަފާތައް ނެތި ޕާޓީ ފުނޑިދާނެ ކަމުގެ ކަންބޮޑުވުމެވެ. މަސްހުނި ފިކުރުތަކެއް ވައްދައި ޕާޓީ އަށް ލޮޅުން އެރުވުމުގެ ޖާގަ ދެއްވާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް އޮތީ، ޕާޓީގެ ފިކުރު ފޮހެވިދާނެ ކަމުގެ ބިރެވެ. އާއްމު މެމްބަރުންގެ ގުރުބާނީތަކުން ލިޔެވި ތަރުތީބުކުރި އުސޫލްތަކާއި ހަމަތަކާއި ފަލްސަފާތައް ނެތި ޕާޓީ ފުނޑިދާނެ ކަމުގެ ކަންބޮޑުވުމެވެ. މަސްހުނި ފިކުރުތަކެއް ވައްދައި ޕާޓީ އަށް ލޮޅުން އެރުވުމުގެ ޖާގަ ދެއްވާކަށް އޭނާ ބޭނުމެއް ނުވެ އެވެ.
އިންތިހާބުގައި ވާދަކުރައްވާ މައިގަނޑު ސަބަބީ އެއީ ކަމަށް ވިދާޅުވި އެވެ.
އޭނާ ނުކުމެ ހުންނެވީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕާޓީން ބޭރުކުރުމުގެ ފުރުސަތު ވެސް ނުދެއްވުމަށެވެ. ޗެއާޕާސަން ކަމުގައި އިންތިގެ ޒިންމާއަކީ އޭނާ ވިދާޅުވާ ގޮތުގައި އެމްޑީޕީ އަސްލަށް ރުޖޫއަކޮށް 2023 ކާމިޔާބު ކުރުމެވެ.
މިއީ، އަންނަ ހޮނިހިރުދުވަހު އޮންނަ ޗެއާޕާސަން ކަމުގެ އިންތިހާބާ ގުޅޭ ގޮތުން (އިންތި) "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުގެ މުހިއްމު ޚުލާސާ އެވެ.
އިންތި "މިހާރު"އާ ވާހަކަ ދައްކަވަނީ: އިންތިހާބު ކާމިޔާބުވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްޑީޕީ ބިނާ ވެފައި ވަނީ ތިރިން މައްޗަށް ހަރަކާތްތެރިވާ ޕާޓީއެއްގެ ގޮތަށް. ރައުސްމާލަކީ ޕާޓީގެ ވަރުގަދަ ތަނބުތަކަކީ އާއްމު މެމްބަރުން. ކެމްޕޭން ފެށުމުގެ ކުރިން ވެސް އާއްމު މެމްބަރުން އަޅުގަނޑަށް ދެމުން ދިޔަ ހިތްވަރާއި އެކަން އިތުރަށް ޔަގީން ވެގެން ދިޔައީ ކެމްޕޭން ފަށައިގެން ކުރި ދަތުރުތަކުން.
ވާދަވެރި ކެންޑިޑޭޓާ ހިލާފަަށް މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް އަރައި ނިމިއްޖެ. އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 5،000 އަށް ވުރެން ގިނަ ގެތަކަށް ވަދެވިއްޖެ. ބައްދަލުވާ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ވޯޓު އަޅުގަނޑުމެންނަށް ޔަގީންކޮށްދެއްވާ ކަމަށް ވިދާޅުވަމުން ގެންދެވި. އެހެންވީމަ މި ހިސާބަށް އާދެވުނު އިރު އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ވަރަށް ކޮމްފޮޓަބަލްކޮށް، ޕާޓީގެ އާއްމު މެމްބަރުން ތިބީ އުސޫލްތަކާއި ހަމަތައް ދަމަަހައްޓާ މީހަކާ އެކުގައި ކަމަށް ޔަގީންކަން އެބަ ދެއްވާ.
ވިޔަފާރި ކުންފުންޏެއްގެ ސިފަތަކާ ވަރަށް ތަފާތު ކަމެއް ސިޔާސީ ޕާޓީއެއް ހިންގުމަކީ. މި އުޅެނީ ވިޔަފާރި ކުންފުންޏަކަށް ސީއީއޯއެއް ހޯދާކަށެއް ނޫން. މިއީ ވަރަށް އިންސާނީ ހަމަހަމަ ކަމާއި މިނިވަންކަމާއި ތިމާގެ ހަލާލު މަސައްކަތުން ހަމަ އިސްކޮޅަށް ތެދުވެވިފައިވާ ރައްޔިތަކު ބިނާކުރުމާއި ޑިމޮކްރެޓިކް މި ކަހަލަ ނިޒާމެއްގެ ވާހަކަ މި ދައްކަނީ. ރޭވި އިންތިޒާމުވެގެންދާ ރާއްޖެ އެކުލެވޭ ނިޒާމެއް، ސިޔާސީ ހަރަކާތެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. މިއީ ވަރަށް ތަފާތު ދެ ކަމެއް.
އަޅުގަނޑުމެން މި ނަގަހައްޓަނީ މި ދެންނެވި ކަހަލަ އުސޫލްތައް، ހަމަތައް. އަޅުގަނޑަށް މުހިއްމުވާ ކަމަކީ ނަޒާހަތްތެރިކަމާއި ތެދުވެރިކަމާއި ތަފާތުކުރުން ރައްޔިތުންގެ މެދުގައި ނުގެންގުޅުމާއި ބިރުވެރިކަމުން އެއްކިބާވެ ތިބުމާއި މިނިވަންކަމާ އެކު ގޮސް ވޯޓުގަނޑު ވައްޓާލުމާއި މި ޕާޓީއަށް ބޭނުންވާ އިތުބާރު ހޯދުން. މިއީ ވަރަށް މުހިއްމު ކަމެއް. އާއްމު މެމްބަރުން މިކަންކަމަށް އެދިއެދި ތިބި ކަން މި ހިސާބަށް ދިޔައިރު މާ ބޮޑަށް ޔަގީންވެއްޖެ.
އާއްމު މެމްބަރުން ތިބީ ވޯޓުން އަޅުގަނޑު ހޮއްވަވައިދެން ތައްޔާރަށް. އަޅުގަނޑު ޔަގީންކުރަނީ އުސޫލްތައް ނެގެހެއްޓުމުގައި ދެމި ހުންނާނެ ކަން.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ. އޭނާ ވިދާޅުވީ އެމްޑީޕީން ނިންމި ގޮތަށް ވޯޓު ނުދެއްވާނެ ކަަމަށް.
ޕާޓީއަށް ބޭނުންވާނެ ހަތަރު ވައުދެއް އަޅުގަނޑު މި ހުށަހަޅަނީ. އެއީ ޕާޓީއަށް ކުރިއެރުން ހޯދައިދެވޭނެ ކަންކަން އާއްމު މެމްބަރުން އެކަން ބަލައިގެންފި. އެ ބޭފުޅުން އެކަން ބަލައިގަނެ އެގޮތުގައި ތިއްބެވީތީ ވަރަށް އުފާވެސް ކުރަން.
ޔަގީން ކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޮވޭނެ ކަން.
އަބަދުވެސް ޕާޓީ ބިނާވެފައި ވަނީ އާއްމު މެމްބަރުން ބާރުވެރި ކުރުވުމަށް. އަބަދުވެސް އަޅުގަނޑު ވީއްލާލާނީ ޕާޓީ، ޕާޓީގެ އާއްމު މެމްބަރުންގެ ތަސައްވަރާ އެއްގޮތަށް ޕާޓީ ހިންގަން. ޕާޓީ ރުކުރުވާލައި އިންތިޒާމްކުރާނީ އާއްމު މެމްބަރުން ބޭނުންވާ ގޮތަށް. އަދި ޕާޓީގެ އަސާސްތަކާއި އަސާސީ ގަވާއިދު ބުނާ ކަންކަން ޔަގީންކަމާ އެކުގައި އާއްމު މެމްބަރުންނަށް ތަންފީޒުކުރެވޭނެ ކަމުގެ ޔަގީންކަން ހޯދައިދޭނަން.
މެނިފެސްޓޯގައި ހުށަހެޅި ހަތަރު ކަންތަކުގެ ތެރެއިން ކުރިއެރުންތަކެއް ލިބޭނެ. ޕާޓީގެ އާއްމު މެމްބަރުންނާ ދެކެވުނު ވާހަކަތަކުން ވެސް އެއް ކަމަކީ ޕާޓީގެ އެތެރޭގައި އޮންނަ ދަފްތަރާއި އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ދަފްތަރު ސާފުކުރުން. ޕާޓީ ލާމަރުކަޒު ކުރުމުގެ ނިޒާމަށް ޕާޓީގެ ވަރަށް ގިނަ ކަންކަން ފެތެން އެބަޖެހޭ. އެކަމަށް ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ. މިސާލަކަށް އެއް ކަމަކީ ދާއިރާތަކަށް އިންތިހާބުވެފައި ތިބޭ މީހުންގެ މެދުގައި ދާއިރާ މަޖިލީހެއް އުފެދި ބަހުސްތައް ކުރެވި ޕާޓީ ވިލަރެސްކުރެވި ކޮމިޓީތަކަށް ހުށަހެޅި ގައުމީ މަޖިލީހުގެ ބަހުސް ހިނގާ ގޮތަށް އާއްމުންނަށް ފެންނަ ގޮތަށް ލައިވްކުރެވޭނެ ބައްދަލުވުންތަކަކަށް ހަދައިދިނުން.
ޕާޓީގެ އެކިއެކި މެސެޖިން އާއި ހަބަރުތައް އާއްމު މެމްބަރުންނަށް ވަގުތުން ލިބޭނެ ގޮތަށް މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރާނަން. އެއާއެކު ޕާޓީގެ އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރަށް ކުރިއެރުން ހޯދައިދޭނެ ނިޒާމެއް ގާއިމްކުރާނަން. ކޮންގްރެސް ބޭއްވުމުގެ ފުރުސަތު އެބަ ހުޅުވާލަން.
ކެމްޕޭންގައި އިންތިގެ މެސެޖުތައް ސަޕޯޓަރުންނާ ހިއްސާކޮށްދެއްވަނީ: ހުރިހާ ރަށްތަކަށް ވަޑައިގެން ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރެއްވި.
އަޅުގަނޑުމެންގެ ސިޔާސަތުތައް ސަރުކާރުން ތަންފީޒުކުރަން ބާރުއެޅޭނެ ނިޒާމެއް ވެސް ގާއިމްކުރާނަން. މިއީ އާއްމު މެމްބަރުންގެ ކަންބޮޑުވުންތަކުގެ އަލީގައި އަޅުގަނޑުމެން ހުށަހަޅާ ހުށަހެޅުންތަކެއް.
އެމްޑީޕީއަކީ އަޅުގަނޑު އަބަދުވެސް ދަންނަވަނީ ފިކުރެއް، ފިކުރު ދަމަހައްޓާނީ ޕާޓީގެ މެމްބަރުން. އަދި ހަމަ އެ ފިކުރު އެހެން ގޮތަކަށް ބަދަލުކުރުމުގެ ބާރު ވެސް އެބަ ލިބޭ ޕާޓީގެ އާއްމު މެމްބަރުންނަށް. އަޅުގަނޑު ހަމަ ގައިމު ވެސް މި ޕާޓީގެ މެމްބަރަކަށް ވަނީ ލޯބި ޖެހެނީ ފެށުނީއްސުރެން އެމްޑީޕީއާ އެކު ދެމި މިހުރީ ދަމަހައްޓާ އުސޫލްތަކަކާއި ހަމަތަކެއްގެ ފުރިހަމަ ކަމުން. ރަނގަޅު ކަމުން. މުޅި ރާއްޖެ އާއި ރައްޔިތުންނަށް ފައިދާ ހުރި، އެހެން ސިޔާސީ ޕާޓީތަކާ މުޅިން ތަފާތު ކަމަށް ވާތީ.
އެހެންވެ މަގުމަތީގައި ވެސް އަޅުގަނޑުމެން އެހާ ބޮޑެތި ކަންތައްތަކެއް، ވަގުތުތަކެއް ހޭދަކޮށްގެން އެހާ ނުރައްކާތަކާ ކުރިމަތިލައިގެން ވެސް ނަފްސު ނުވިއްކާ ފަހަތަށް ނުޖެހި ގެއަށް ނުވަދެ މިހުރީ މި ދެންނެވި ފިކުރުގެ މުހިއްމު ކަމަށްޓަކައި.
އަޅުގަނޑުމެންގެ މި ފިކުރާ ދުރަށް ދާ ތަން ހަމައެކަނި މި އިންތިހާބަށް ބަލާލިއަސް ވާދަވެރި ކެންޑިޑޭޓުންގެ ފަރާތުން އެބަ ފެނޭ. ކެމްޕޭނުގައި އެބަ ފެނޭ. އެބަ ވިދާޅުވޭ ރަށްތަކަށް ވަޑައިގެން ވަޒީރަށް ވޯޓު ނުދީފިއްޔާ ރަށް ފަޅުވާނެއޭ. މިއީކީ ހަމަ ގައިމު ވެސް އެމްޑީޕީގެ ފިކުރެއް ނޫން. މި ޕާޓީއަކީ ހަމަހަމަކަމާ އެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިދުމަތްކުރުމަށް އޮތް ޕާޓީއެއް.
ވައުދުތަކަކާ އެކު އޮތް ޕާޓީއެއް. ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގަންނަވާ ވައުދުތަކަކީ ވެސް ޕާޓީގެ ވައުދުތައް. ވަކި ބޭފުޅަކު ޗެއާޕާސަން ކަމަށް އަތުވެއްޖިއްޔާ ވައުދު ނުފުއްދާނެ ކަމުގެ އިންޒާރުދިނުމަކީ އުސޫލްތަކާ ދުރަށް ދިއުން.
ހަމައެއާއެކު ފެނަކައިގައި ހުންނަ ކުއްޖާއަށް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރީމަ ވަޒީފާގެ ބިރު ދައްކައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް އަތިރިމައްޗަށް މަރުހަބާ ކިޔަން މަޖުބޫރުކޮށް ހެދުމަކީ އެމްޑީޕީގެ އުސޫލްތަކެއް ނޫން. މި ކަންތައް ޕާޓީގެ ތެރެއަށް ވެއްދުމަށް މަސައްކަތް އެބަކުރޭ.
އިންތި "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭނާ އުއްމީދު ކުރައްވައިގެން ހުންނެވީ މި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އަދި ކޮރަޕްޝަނާއި ދައުލަތުގެ މުދާ މި އިންތިހާބާ ގުޅިގެން ވެސް ބޭނުންކުރުން ޕާޓީގެ ތެރެއިން އެބަ ފެނޭ. މިއީ މި ޕާޓީން އަބަދުމެ ދެކޮޅު ހަދާ ކަންކަން. ހިޔާލުފާޅުކުރުމާއި ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ދަށަށް ދިއުމަކީ ޕާޓީއަށް އަރާ ލޮޅުން، ލިބޭ ނިކަމެތިކަން. ނަމަވެސް ވާދަވެރިން ފެންނަނީ މި ކަންކަމަށް ބާރުއަޅައި ހިތްވަރުދީ ތަންފީޒުކުރަމުންދާ ތަންތަން.
ނޫން ކަންތައްތައް ވެސް އެބަކުރައްވާ އިނގޭތޯ، މި ޕާޓީގެ ފިކުރާ ދުރުކަންތައް. މި އިންތިހާބަށް ބަލާ ކަމުގައި ވަނީ ނަމަ ކުރިން މި ދަންނަވާލީ ތަފްސީލްތައް.
ރިޔާސީ އިންތިހާބުގެ ކުރިން ވެސް މިސާލަކަށް، އަޅުގަނޑުމެން ވިސްނާފައި މިއޮތީ ކޯލިޝަނަކާ އެކުގައޭ ވެރިކަމަށް އަންނަން ގަސްތުކުރަނީ ވިސްނާކަން އެނގޭ ނަމަ ނުވަތަ ވިސްނާފައި އޮތް ކަން އެނގޭ ނަމަ ވަރަށް ނުބައި ނަތީޖާއެއް އެބަ ނުކުމޭ. މިހާރުއްސުރެން އެހެން ޕާޓީތަކުގެ ޑިމާންތައް އެބަ މައްޗަށް އެބަދޭ. އެއީ ވަޒީފާ އާއި އެ ނޫން ވެސް ފައިދާކުރާނެ ޑިމާންޑްތައް. ޕާޓީގެ ވަރަށް ގިނަ ކަންކަން މިކަމާ ހެދި ކޮމްޕްރޮމައިޒްވެގެންދާނެ.
ހަމައެއާ އެކުގައި އެއަށް ވުރެން ނުރައްކާ ކަމެއް، އަޅުގަނޑުމެން ވެރިކަމަށް އަންނަން ގަސްތުކޮށްފައި އޮތީ ކޯލިޝަނަކާ އެކުގައި ކަން އެނގޭ ނަމަ އެ ބޭފުޅުންގެ ތެރޭގައި އަޅުގަނޑުމެންގެ އައިޑިއޮލޮޖީ ނުވަތަ ފިކުރަށް ހަމަލާދޭނެ. ފިކުރުގެ ތެރެއިން ބައެއް ކަންކަން ދޫކޮށްލުމަށް މަޖުބޫރީ ހާލަތު ކުރިމަތި ކުރުވާނެ.
މިއީ ވިސްނަން ވެއްޖެ ކަމެއް. މިކަމަށް އެބަހުރި ހައްލުތަކެއް މިހާރު ވެސް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅިފައި އެބަހުރި.
ކެމްޕޭންގައި އިންތި ސަޕޯޓަރުންތަކަކާ ސަލާމްކުރައްވަނީ.
އެމްޑީޕީން ކުރި ތަޖުރިބާއަށް ބަލާ ނަމަ ވަރަށް ދެރަ ތަޖުރިބާތަކެއް ކޮށްފައި ވަނީ. މި ގައުމު ވެއްޓިފައި އޮތް އިރު ހިފަހައްޓާލީ އެމްޑީޕީ. އަޅުގަނޑުމެންގެ ފަހަތަށް އެ ނޫން ސިޔާސީ ޕާޓީތައް އައި. އެކަމަކު އެންމެ ވަރުގަދަ ތަނބަކީ ފޯސްއަކަށް ވެފައި އޮތީ މި ޕާޓީ.
ރިޔާސީ އިންތިހާބަށް ރަށްރަށަށް ދަތުރުކުރި އިރު ދިދަ ހިފާލާނެ ކުއްޖާ ވެސް ބައެއް ޕާޓީތަކުގައި ނެތީމަ އެމްޑީޕީ ކުއްޖާ ހިފާލީ. މިއީ ހަމަ ހަގީގަތް އިނގޭތޯ ރަށްތަކުގައި.
އެކަމަކު ވެރިކަމަށް އައުމަށް ފަހު އެމްޑީޕީއަށް އެންމެ 40 ޕަސެންޓް ދީފައި މި ދެންނެވި ޕާޓީތަކަށް އެންމެ 60 ޕަސެންޓް ދިނީމާ މިއީ ވަރަށް ހިތްދަތިކަމެއް. ހިތްފަޅައިގެންދާ ވަރުގެ ކަމެއް. އެމްޑީޕީގެ އާއްމު މެމްބަރުންނަށް ވަރަށް ގަބޫލުކުރަން ދަތިވި ކަމެއް. މިއީތޯ އަޅުގަނޑުމެން އަދިވެސް މި ޕާޓީ ކުރިއަށްދާން ވިސްނާފައި އޮތް ގޮތަކީ.
އެމްޑީޕީއަށް އިތުބާރު އުފައްދަން ޖެހޭ، ދެބައިވެގެން ދިޔަ ނުދޭން ޖެހޭ. އުސޫލްތައް ހިފަހައްޓައި އަމުދުން ވައްކަމާއި ހިޔާނާތާއި ދުރު ޕާޓީއަކަށް ހަދަން ޖެހޭ. އެމްއެމްޕީއާރުސީގެ މައްސަލަތައް ބަލަން ޖެހޭ. މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭ އިތުބާރެއް ނުއުފުއްދޭނެ އެ ނޫން ގޮތަކަށް. އަސާސްތައް ނަގަހައްޓަން ޖެހޭނެ. ވަޒީފާގެ ބިރު ދެއްކިގެންދާނެ. ވަޒީރުންނާ ގުޅިފައިވާ ކުންފުނިތަކުން ކޮރަޕްޝަންތައް ހިންގި ކަމުގެ ތުހުމަތު ނުބެލޭ ގޮތަށް އޮވެގެން ނުވާނެ. މިއީ ކުދިކުދި ކަންކަން މި ދެންނެވީ، އިތުބާރު އުފައްދައިގެން ނޫން ގޮތަށް 2023 ނުލިބޭނެ.
މި އިތުބާރު އުފައްދައިދޭނެ މީހަކީ އިރާދަކުރެއްވިއްޔާ ޗެއާޕާސަންކަމުގައި އަޅުގަނޑު.
ބަރުލަމާނީ ނިޒާމަކީ އެމްޑީޕީން މާ ކުރިއްސުރެން ޕާޓީންް އެންމެން ކަހަލަ ގޮތަކަށް ތާއީދުކުރަމުން އައި ނިޒާމަކަށް. ގައުމީ މަޖިލީހަށް ވެސް އެކަން ހުށަހެޅިފައިވޭ. ނަމަވެސް މިއީ އާއްމު ވޯޓަކާއި ރައްޔިތުން ބަސްބުނާ ގޮތަކާއި އެންމެންނަށް އެއްބަސްވެވޭ ގޮތަށް އޮތް ކަމެއް. ބަރުލަމާނީ ނިޒާމަކީ އޭގެ ޒާތުގައި ވަރަށް ސަޅި، ހެޔޮ ނިޒާމެއް.
އެއީ އެއްވެސް ތުހުމަތެއް ވެސް ނޫން. ތާކުންތާކު ނުޖެހޭ ވާހަކައެއް.
އަޅުގަނޑުމެން މިއުޅެނީ 2023 ކަށަވަރުކުރަން. ޔަގީންކުރަން. އެކަން ކުރެވޭނެ ގޮތްތަކުގެ ވާހަކަ އަޅުގަނޑު ދެންމެ މި އިޝާރާތްކުރީ. ހިޔާނާތް ބެލެން ޖެހޭ. މަރުތައް ބެލެން ޖެހޭ. އަދި ކީއްތޯ އެމްޑީޕީގެ ރައީސަށް މި ވެރިކަމުގައި ލިބުނު ހަމަލާއަށް އިންސާފު ލިބެން ޖެހޭ. ވައުދުތައް ހަމަހަމަކަމާ އެކު ފުއްދަން ޖެހޭ. އަޅުގަނޑުމެންގެ ސަރުކާރުގައި ހިނގި ވެންޓިލޭޓަރުގެ ވައްކަން ބެލެން ޖެހޭނެ. އެ ނޫން ވެސް ވާދަވެރި ކެންޑިޑޭޓުންނަށް ތުހުމަތުވާ ގޮތަށް ހުރި މައްސަލަތައް ބެލެން ޖެހޭ.
އިންތިގެ ކެމްޕޭން ބައްދަލުވުމެއްގައި ސަޕޯޓަރުން: އޭނާ ވިދާޅުވަނީ އެމްޑީޕީ އަށް މުހިއްމީ އަސާސްތައް ދެމެހެއްޓުން ކަމަށް.
ވަގުތު އޮތް ނަމަ މިއަށް ވުރެން ވެސް ތަފްސީލްކޮށްދެވިދާނެ އެކަމަކު ކުރުކޮށްލާނަން.
ރައީސް ނަޝީދުގެ ވިސްނުންފުޅެއް ނޫން، އަޅުގަނޑު ވެސް އަދި ރާއްޖޭގައި އެމްޑީޕީއަށް ތާއީދުކުރާ އެކަކު ވެސް ވިސްނުމެއް ނޫން އަޅުގަނޑުމެންނަށް 2023 ގެއްލުވާލުމަކީ. އެންމެން މި ބާރުއަޅަނީ 2023 ކަށަވަރުވާނީ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިގެންނޭ. މި ދެންނެވި އެމްޑީޕީ ނޫން ސިފަތަކުން ސަލާމަތްވެގެންވާ ޕާޓީއަކަށް ވެގެންނޭ. ވައްކަން ހިޔާނާތް ބޮޑު ވައުދެއް. ބެލިއްޖެތޯ. ނުބެލޭ.
ވާދަވެރި ކެންޑިޑޭޓް ނިސްބަތްވާ ބިގު ކުންފުންޏަށް ވެރިކަމަށް އައުމަށް ފަހު ތިޖޫރީއަށް އަޅާލާވަރަށް ގެއްލުމުގެ ބަދަލެއް ނަގައިދީފި، ދަށު ކޯޓެއްގެ ނިންމުމާ ހަމައިން. އޮޑިޓާ ޖެނެރަލް އަދި އޭސީސީގެ އެންގުމަކާ ވެސް ހިލާފެއް. މިއީ އިއްތިފާގެއް ކަމަށް ބަލައިގެން ކަންކަން ކުރާނެ ޗެއާޕާސަނެއް ނޫން.
އެ ނެޓްވޯކް ބޮޑުކުރަން ފުރުސަތެއް ނުދޭނަން.
އިކޮނޮމިކް މިނިސްޓްރީ ތެރޭގައި އަޅުގަނޑު ހަނދާންވާ ގޮތުން ސޮނޭވާ ފުށީގެ ނަމުގައި ވަގު ކޯޓާތަކުގެ މައްސަލަ 900 ކޯޓާ އެޕްރޫވްކޮށްފައި 200 އަށް ވުރެން ގިނަ މީހުން އެތެރެވި މައްސަލަ މިއަދާ ހަމައަށް އެބައޮތް ނުބަލާ. މިއީ އެ އިމާރާތުން ބޭރު ބަޔަކު މާސްކު އަޅައިގެން ކަޅު އަންގި އަތަށް މަހައިގެން ކުރި ކަމެއް ނޫން. ހަތަރުު ފާރުގެ ތެރޭގައި އެބަތިބި އެކަން ކުރި މީހުން. އެ ކަންކަމުން ނެއްޓިގެން ނޫނީ އަޅުގަނޑުމެންނަކަށެއް ނެތް 2023 ލިބޭކަށެއް.
ވާދަވެރި ކެންޑިޑޭޓާ ގުޅޭ އޭސީސީގެ ރިޕޯޓެއް އޮންނާނެ ބައްލަވާލައްވާ، މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުހުމަތު އެބައޮތް ކުރައްވާފައި. ފުލުސް އޮފީހުން އެކަން ބަލަން ޖެހޭނެ ކަމަށް ބުންޏަސް އޮތީ ވަތްގަނޑުގައި. 2023 ހޯދާ ނަމަ މި ކަންކަން ބަލަން ޖެހޭނެ ވާހަކަ އަޅުގަނޑުމެން ގޮވާ މި ނަގަނީ.
ޕާޓީ ދެބައިވުމުގެ ފުރުސަތު ދީފި ނަމަ ވާނެ މޮޅެއް ނޯންނާނެ. ވާދަވެރިން އެ މަގަށް މަސައްކަތް ކުރާތަން އެބަ ފެނޭ.
އަޅުގަނޑު ކުރިމަތިލީ އެމްޑީޕީގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން އަމިއްލަ ނިންމުމެއްގެ ގޮތުގައި، އަޅުގަނޑަށް 17 އަހަރު ދެމިހުރެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަޅުގަނޑުގެ ތަޖުރިބާ ވާދަވެރި ކެންޑިޑޭޓަށް ވުރެންމާ ބޮޑުވާނެ. ޕާޓީއަށް އޮތް ލޯބި ބޮޑުވާނެ. މުއްދަތު ވެސް ބޮޑުވާނެ.
ރައީސް ނަޝީދު ވެސް އިއުލާން ކުރައްވާފައެއް ނެތް އަޅުގަނޑަށް ތާއީދު ކުރައްވާ ކަމެއް. އަދި ރައީސުލްޖުމްހޫރިއްޔާ ވެސް އިއުލާން ކުރައްވާފައެއް ނެތް. ތިބޭފުޅުން ވެސް އެގޮތަަށް، ރައީސް ނަޝީދުގެ ކެންޑިޑޭޓް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަންޏާ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ރައީސުލްޖުމްހޫރިއްޔާ ވެސް އަޅުގަނޑަށް ތާއީދުކުރައްވާ ނަމަ އެއީ ވަރަށް ބޮޑު ޝަރަފެއް.
އިންތި: ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދުކުރައްވާނެ ކަމަށް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ރާއްޖެ ޑިމޮކްރަސީގެ ހެޔޮ ގޮތްތަކަށް ބަދަލުކުރުމުގައި، އެންމެ ވަރުގަދަ ޝަހުސިއްޔަތަކީ ރައީސް ނަޝީދު. ޕާޓީގެ ހެވަށްޓަކައި އެ ބޭފުޅާ އެޅުއްވި ކޮންމެ ފިޔަވަޅެއް އަޅުއްވާފައި ވަނީ. އެ ބޭފުޅާ މި ޕާޓީ އަށް ކުރިއެރުން ހޯއްދަވައި ދެއްވާފައި ވަނީ. މި ޕާޓީއަށް ދެރަވާނެ އެއްގޮތެއް ވެސް އެ ބޭފުޅާ ނުކުރައްވާނެ.
ހަމައެއާ އެކު ރައީސުލް ޖުމްހޫރިއްޔާ ވެސް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑަށް ތާއީދު ކުރައްވާ ކަމަށް އިތުބާރު ކުރައްވާ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ވެސް ވިދާޅުވެފައި ވަނީ ނަޒާހަތްތެރި ރައްޔިތުންގެ މަޖިލީހެއް ބޭނުން ވަނީ ނަމަ އެންމެ ކުރީގައި އޮންނަން ޖެހޭ ނަމަކީ އަޅުގަނޑުގެ ނަމޭ. އަދި އަދި މި ޕާޓީއާ އެކު އަޅުގަނޑު ދެމިހުރި ގޮތްތައް ވެސް ސިފަކޮށްދެއްވާފައި އެބަވޭ.
މަގުމަތީގައި ވިޔަސް، މުޒާހަރާއެއްގައި ވިޔަސް މަޖިލީހުގައި ވެސް އެމްޑީޕީގެ ހަރުގެ ތެރޭގައި އެކަނިމާ އެކަނި ހުރެ ތަގުރީރެއް ކުރަން ޖެހުނަސް އަޅުގަނޑު ވަނީ އެކަން ސާބިތުކޮށްދީފައި. ދެ ބޭފުޅުން ވެސް އަޅުގަނޑަށް ހަމަ އިތުބާރު ކުރައްވާ.
މި ޕާޓީއަށް ތެދުވެރިވެފައި ވަފާތެރި ވާނީ އަޅުގަނޑުކަން ދެ ބޭފުޅުން ވެސް ގަބޫލުކުރައްވާ. އެހެންވީމާ އަޅުގަނޑަކީ ޕާޓީގެ އަސާސީ ގަވާއިދު ނަގަހައްޓާނެ މީހެއް. އަޅުގަނޑާ ރައީސް ނަޝީދާ ވެސް ފަހަރުގައި އިއްތިފާގުވެދާނެ ކަންކަން ހުރެދާނެ، އަޅުގަނޑު ގަބޫލުކުރަނީ ރައީސް ނަޝީދަކީ އަބަދުވެސް މި ޕާޓީގެ ކުރިއެރުމާއި މުސްތަގުބަލާއި ހެވަށްޓަކައި މި ޕާޓީ ރަމްޒުކޮށްދޭނެ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް.
މިހާތަނަށް ނެތް ރައީސް ނަޝީދު ވެސް ޕާޓީގެ އަސާސަކާ ހިލާފަށް ކަމެއް ކޮށްފައެއް. އަމުދުން އަޅުގަނޑު ވެސް ނަގަހައްޓާނީ ޕާޓީގެ އަސާސީ ގަވާއިދު.
އެމްޑީޕީއެއް ނޫން، ކޮންމެ ސިޔާސީ ޕާޓީއެއް ވިޔަސް ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅާ ތާއީދުކުރައްވާނެ މީހަކު ހުންނާނެ. ތާއީދު ކުރެއްވުމުގެ ހައްގު ވެސް އޮންނާނެ. އެކަމަކު މިގޮތަށް ނޫޅުއްވޭނީ މިސާލަކަށް އެމްޑީޕީގެ ތެރޭގައި އޮންނަ އިލެކްޝަންސް ކޮމިޓީއަކަށް ވަކި ކެންޑިޑޭޓަޓަކަށް އިސްކޮށްގެން ތާއީދުކޮށްގެން ނޫޅެވޭނެ.
އިންތި ސަޕޯޓަރުންތަކަކާ ވާހަކަ ދައްކަވަނީ: އާއްމު މެމްބަރުން ބޭނުންވާ މަގަށް ޕާޓީ ގެންގޮސްދެއްވާނެ ކަމަށް ވިދާޅުވި.
ޕޮލިޓިކަލް ބޭފުޅުންނަށް އެ ބޭފުޅަކު ބޭނުންވާ ކެންޑިޑޭޓަކަށް ތާއީދުކުރެއްވެވޭނެ. ރައީސް ނަޝީދު އަޅުގަނޑަށް ތާއީދުކުރައްވައޭ ތިހެން ވިދާޅުވާ އިރު ރައީސް އޮފީހުގެ ޓުވީޓުން އެބަ ޓުވީޓްކުރައްވާ ބައެއް ފަހަރު އޮޅިގެންވަޑައިގެން ކަމަށް ވިދާޅުވެ ވާދަވެރި ކެންޑިޑޭޓުގެ ބައެއް ޓުވީޓްތައް.
ކޮންމެ ބޭފުޅަކަށް ވެސް އޮވޭ ހައްގެއް. އެ ބޭފުޅަކު ތާއީދު ކުރައްވާ ކެންޑިޑޭޓަށް ތާއީދު ކުރައްވަން.
އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް ސަރުކާރެއް ކަން. އެމްޑީޕީން ވި ވައުދުތަކެއް ސަރުކާރުން ފުއްދަވަމުން ގެންދަން ޖެހޭނީ. އަދި ސަރުކާރުގެ ކުރިއެރުމާއި ހުރިހާ ކަމަކަށް ޕާޓީން ތާއީދުކުރާނެ. މިހާރު ވެސް އެކަން ކުރަނީ އެ ގޮތަށް. އަޅުގަނޑުމެން ތިބީ ޕާޓީގެ ތެރެއިން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭ ގޮތަށް.
އެއްވެސް ވަަރަކަށް ސަރުކާރަށް އުނދަގޫކޮށް ދަތި ކުރުމުގެ ވާހަކައެއް ނުދައްކާ. އަޅުގަނޑު އަޑުއަހާފައި އޮތީ ކިތަންމެ ފަހަރަކު ރައީސުލްޖުމްހޫރިއްޔާ ވެސް، ސަރުކާރަށް އެންމެ ބޮޑަށް އެއްބާރުލުން ދެއްވާ ތަނަކީ ރައްޔިތުންގެ މަޖިލީހޭ ވިދާޅުވި އަޑު. ޕާޓީގެ މުހިއްމު ގުނަންތަކުން އެއްބާލުން ދެއްވާފައި އޮތީ. އެކަން އެގޮތަށް ހިނގާނެ ވެސް މެ.
ސަރުކާރާއި އެމްޑީޕީ ގުޅުވާލުން އެއީ އަބަދުވެސް އޮންނަން ޖެހޭނެ ކަމެއް. އަޅުގަނޑުގެ ތަޖުރިބާގައި 2028 ގައި ވަރަށް ގިނައިން ޕާޓީގެ ގުނަންތަކާ އެކު، ޕާޓީގެ ރައީސުލްޖުމްހޫރިއްޔާ އަކު ހުންނަވާ ނަމަ ގުނަންތަކާ އެކު ހަފުތާއަކު ބައްދަލުކުރުން ބާއްވާ. އަޅުގަނޑަށް ހީވަނީ މިއީ ވަރަށް މުހިއްމު އެކްސަސައިޒަކަށް ވާނެ ހެން.
މިކަހަލަ ކަންތައް ގިނަވާ ކަމަށް ވަނީ ނަމަ އެ ކަހަލަ ކަންތައް މިހާރު ވެސް ކުރެއްވެނީ ކަަމަށް ވާ ނަމަ، ބޮޑަށް ގުޅުން ބަދަހިވާނެ ސަރުކާރާއި ޕާޓީއާ.
އަޅުގަނޑު މަސައްކަތް ކުރާނީ ޕާޓީ އާއި ސަރުކާރުގެ ގުޅުން ބަދަހިކުރަން. ޕާޓީގެ ޗެއާޕާސަނަކަށް ވަޒީރެއް ވަޑައިގަނެވިއްޖެ ކަމަށް ވަނީ ނަމަ ޕާޓީން ސަރުކާރުގެ ބައެއް ކަންކަން އޯވާސައިޓްކުރާ އިރުގައި ހުރަސްތަކެއް ހުންނާނެ. ޕާޓީން ބަލަން ޖެހޭ، އެމްޑީޕީގެ ޕޮލިސީސްތަކާއި އެމްޑީޕީގެ ވައުދުތައް ތަންފީޒުކުރާ މިންވަރު.
އެކަންކަން ހިންގާ އިރު ޕާޓީގެ ވަޒީރަކު ޗެއާއަކު ހުންނަވާ ނަމަ ހުރަސްތައް މެދުވެރިވާނެ. އެކަމަކު ވަޒީރަކު ނޫން ނަމަ އެކަންކަން ތަންފީޒުކުރާ ގޮތް ބެލުމުގައި މާ ހަރުދަނާކޮށް އިތުބާރު ކުރެވޭ ގޮތަށް ދާނެ.
އެމްޑީޕީގެ ވަރަށް ވަރުގަދަ އަސާސެއް، ޖަވާބުދާރީކުރުވަނިވި ދައުލަތެއް ބިނާކޮށް އެއްބާރުލުން ލިބޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރުން. ޖަވާބުދާރީ ކުރުވަން ޖެހޭނެ އަޅުގަނޑުމެންގެ ސަރުކާރަކަށް ވިޔަސް އަދި އެ ނޫން ސަރުކާރަކަށް ވިޔަސް. ކޮރަޕްޝަން، ވައްކަން ހިންގައިފި ނަމަ ބެލެން ޖެހޭނެ. މަރުތައް ބަލަން ޖެހޭ. ވެރިކަަމަށް އައީ އެ ވާހަކަ ވަރަށް ބޮޑަށް ދައްކައިގެން.
މި ސަރުކާރު އައި ފަހުން ހިނގާފައި ހުރި ކޮރަޕްޝަންތައް ވެސް ބެލެން ޖެހޭ. ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް ދަނީ މަތިވަމުންް. މިކަންކަން ނުބެލެންޏާ މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ދެކެން.
އަޅުގަނޑު މެން މިތިބީ ސަރުކާރާ އެކުގައި ސަރުކާރު ގެނައުމަށްޓަކައި އަޅުގަނޑުމެން ވީ ގުރުބާނީ ވީ އެހެން ބަޔަކު ނުތިބޭނެ. ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ރައްޔިތުންނާ އެކު އަޅުގަނޑުމެން ދެމިތިބި މިންވަރު، ބަލާލި ކޮންމެ ފޮޓޯއަކުން އެ އޮތީ ފެންނަން.
އެމްޑީޕީގެ ސަރުކާރަށް ލޯބި އޮންނާނެތީވެ އަޅުގަނޑުމެން މި އެދެނީ ޕާޓީގެ ވައުދުތައް ފުއްދުމާއި ވައްކަން ހިޔާނާތަށް ތަރުހީބުދޭ ސަރުކާރެއްގެ ގޮތުގައި ފެނިގެން ނުވާނެ ކަމަށް.
އެ ވިދާޅުވި ބަހުގެ މާނައެއް އަޅުގަނޑަކަށެއް ނޭނގެ. އެކަމަކު ވެދާނެ އަޅުގަނޑުމެންގެ އުސޫލްތަކާއި ހަމަތަކާ ދުރަށް ސަރުކާރު ދާތީވެ، ދުރަށް ނުދިއުމުގެ އިލްތިމާސަކަށް. ޕާޓީ ސަލާމަތް ކުރަން ޖެހޭނެ ކަމަށް އެ ބާރު އަޅުއްވަނީ. ޕާޓީ އޮވެގެން މި ސަރުކާރު ދެމި އޮންނާނީ. ދެހާސްތޭވީސް ވެސް ޔަގީންވާނީ އެމްޑީޕީ އޭގެ އަސްލުގެ ގޮތުގައި ދެމި އޮވެގެން.
މި ޕާޓީގެ އަސްލުތައް ދޫކޮށްލައި އެހެން ޕާޓީއަކަށް ބަދަލުވީމަ އަޅުގަނޑު ހިތުން އިތުބާރެއް ނުއުފެދޭނެ.
އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ ޕާޓީއާ އެކުގައި. އެމްޑީޕީގެ މެމްބަރެއް މިއީ އަބަދުވެސް. އަދި އެމްޑީޕީގެ ސަރުކާރެއް ދެމިއޮތުމުން އެ ސަރުކާރާ އެކުގައި.
ރައީސް ނަޝީދު ބާކީކޮށް އެކަހެރި ކުރުމުގެ މަސައްކަތް ކުރާކަން ސާފުކޮށް އެބަ އެނގޭ. ޔަގީންކަމާ އެކު އެނގޭ ކަމެއް. މި ފަހުން ބޭއްވި ގައުމީ މަޖިލީހުގެ އޮއިވަރު ހުރި ގޮތް ވެސް ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ވާދަވެރި ކެންޑިޑޭޓުންގެ ފަރާތުން އެ ފެނުނު މަންޒަރަކީ އޭގެ އެއް ހެކި.
މި ޕާޓީ އަށް އަދި ރައީސް ނަޝީދަށް ލިބުނު އެންމެ ބިރުހުރި ގެއްލުމަކީ ފުރާނަފުޅަށް ނުރައްކާވީ ހައެއް މޭގެ ހަމަލާ. އެއާއެކު އެމަނިކުފާނަށް އިހާނާތްތެރިވި މަންޒަރު ފެންނަމުން ދިޔަ. އެއް ކަމަކީ އެކަމުގެ މައުލޫމާތު ހިއްސާކުރަން ގައުމީ މަޖިލީހުން މައުލޫމާތު ގެނެސްދޭން ފާސްކުރި ފާސްކުރުމާ އެއްކޮށް ކޯރަމް ހަމަނުކޮށް ހިފަހައްޓާލި ގޮތް އޮތީ ފެންނަން.
ކެމްޕޭންގައި ސަޕޯޓަރުންތަކަކާ ސަލާމްކުރައްވަނީ. ނަޝީދުގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދެއްކެވި.
އެމަނިކުފާނަށް އެންމެ އެހީތެރިވާންވީ ވަގުތު އިހާނާތްތެރިކޮށް ހިތާފައިވޭ. އެ ވާހަކަ ދެއްކުން ވެސް ހުއްޓުވި. ފޯނުކޮށްގެން މަނާކޮށްގެން ގައުމީ މަޖިލިސް ބޭއްވިޔަ ނުދޭން ކޯރަމް ގެއްލުވާލާފައި ވަނީ. މިއީ އެމަނިކުފާނު އެކަހެރިކުރުވަން ނިކަމެތިކުރަން، އިހްތިރާމްކުޑަކުރަން، ކުރި ކަމެއް.
މަޖިލީސް ތެރެއިން ވެސް ފިއްތުންތައް ކުރިމަތިކުރުވި އިންކުއަރީ ކުރިއަށް ގެންދިޔައިރު ވެސް. މިއީ އެމަނިކުފާނު ބަލިކަށިކުރަން ކޮށްފައިވާ ކަންކަން.
ވާދަވެރި ކެންޑިޑޭޓުގެ އަމަލުތަކާއި ވިދާޅުވެފައި އޮތް ކަންކަމުން ވަރަށް ސާފު، ރައީސް މުހައްމަދު ނަޝީދު އެކަހެރިކޮށް ބާކީ ކުރުމުގެ އަމަލުތަކެއް ހިންގާ ކަމަށް މިހާރު ވެސް.
ޕާޓީގެ މަސައްކަތުގައި އަބަދުވެސް ދެމިތިބޭނީ އަޅުގަނޑުމެން. އެހެން ބޭފުޅުން ވެސް މި ޕާޓީއާ އެކު ކުރިއަށް ވަޑައިގަންނަވަނީ ނަމަ ޕާޓީގެ އުސޫލްތައް ނެގެހެއްޓެން ޖެހޭނެ. މި ދެންނެވި ތުހުމަތުތަކުން އެއްފަރާތްވެ ސާފުވާން ޖެހޭ. އެކަންކަން ބެލެން ޖެހޭނެ. އޭރަށް އިތުބާރު ވެސް ލިބިގެންދާނީ.
އެކަމަކު އެކަންކަން ނުކުރައްވައިފި ނަމަ ވަރަށް އުނދަގޫވާނެ އެކުއެކީގައި މަސައްކަތް ކުރަން ވެސް. އުނދަގޫ އެކަންޏެއް ނޫން، ޕާޓީ އަށް ލިބޭ ގެއްލުމަަކަށް ވާނެ. އެކަންކަމުގެ އިތުބާރު ކުޑަވެގެންދާނެ. އަމިއްލަ ޒިންމާއެއްގެ ގޮތުގައި ވެސް އެކަންކަން ބެލުމަށް ބާރު އަޅަން ޖެހޭނެ.
އިންތި އެމްޑީޕީގެ ސްޕޯކްސްޕާސަންގެ ގޮތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު
އަޅުގަނޑަށް ކޮންމެ ފަރުދަކާ އެކުގައި ވެސް މަސައްކަތް ކުރެވޭނެ. މި ޕާޓީ އެކަތިގަނޑަކަށް ހެދޭނެ، އަޅުގަނޑަކީ އެކަން ކުރެވޭނެ މީހެއް އިރާދަކުރެއްވިއްޔާ. ވާދަވެރި ކެންޑިޑޭޓް އެގޮތުން އަޅުގަނޑާ ވަރަށް ތަފާތުވާނެ.
ދެ ބޭފުޅުން ވެސް ޕްރައިމަރީއަށް ވާދަކުރައްވާނެ ކަމަށް އަޅުގަނޑު ދެކެނީ. އޭގެ ކުރިން ވެސް ކުރައްވަފާނެ އެހެން މުހިއްމު ކަންތައްތަކެއް އެބަހުރި އަޅުގަނޑު ދެކޭ ގޮތުގައި. ޕާޓީން ވަކާލާތުކުރާ ކަމެއް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތެއް ބެލުން. އެއީ ވެސް ކުރެއްވިދާނެ ކަމެއް، ގައުމީ މަޖިލީހަށް ހުށަހެޅިފައިވާ ކަންކަން ކޮންގްރެސްއާ ހަމައަށް ގެންދިއުން. ރިޔާސީ ޕްރައިމަރީ އަށް ފަހު ހޮވިވަޑައިގަންނަވާ ބޭފުޅަކާ އެކުގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ.
އިރާދަކުރެއްވިއްޔާ ވަރަށް ތަފާތު ބޮޑުކޮށް އަޅުގަނޑުމެން ކާމިޔާބުކުރާނަން. ޕަސެންޓޭޖު ނުދެންނެވިއެއް ކަމަކު. މީހުން އުޅޭ ގިނަ ގެތަކަށް ވަދެ، ބައްދަލުވި އެންމެން ތާއީދު އޮތް ކަމުގެ ޔަގީންކަން އަރުވާފައިވޭ. ވަރަށް ބޮޑު ތަފާތަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މޮޅުވާނެ.
އަޅުގަނޑު އުއްމީދުކޮށްގެން މިހުރީ މޮޅުވާނެ ކަމަށް. އެހެންވީމާ އެ ސުވާލުގެ އަނެއް ބަޔަށް ދާކަށް ނުޖެހޭނެ ކަންނޭނގެ. މޮޅުވާނެ އިރާދަކުރެއްވިއްޔާ.
ސަރުކާރާ ދެކޮޅަށް އެމްޑީޕީ/ޑިމޮކްރަޓްސް އެއްގަލަކަށް
އައްޑޫގެ މަޝްރޫއުތައް ބާރަށް ކުރިއަށް އެބަދޭ: ސަރުކާރު
ނުފޫޒު ފޯރުވާކަމަށް އިންތި ޓީމުން ހުށަހެޅި ޝަކުވާބަލަނީ
ޗެއާޕާސަންގެ އިންތިހާބު: 94،000 މީހަކަށް ވޯޓުލެވޭ
ގައުމީ މަޖިލީހުގެ ހޫނުވި ވޯޓު: ނަޝީދަށް މެސެޖެއް؟!
100 ވޯޓުން ނިންމީ ޗެއާޕާސަން އިންތިހާބު ފަސްކުރަން
އިންތިހާބު ގަޑުބަޑުވެދާނެތީ ފަސްކުރަން ދެކޮޅު ހަދައިފި
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
އިންތިހާބަށް ނުކުތީ ޔަގީން ހިސާބުތަކާ އެކު: އިންތި
ފައްޔާޒްއާ ވާދަކުރައްވަން އިންތި ނުކުންނަވައިފި