Roadha Mihaaru
100 ވޯޓުން ނިންމީ ޗެއާޕާސަން އިންތިހާބު ފަސްކުރަން

ފައްޔާޒާ އެއްކޮޅަށް ދިން 100 ވޯޓުން އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކޮށްފި

08 މާޗް 2022

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން، އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފަރާތުން ހުށަހެޅި ހުށަހެޅުއްވުމުން، 85 ވޯޓުގެ ބޮޑު ތަފާތަކުން އެ ހުށަހެޅުން މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން، އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފަރާތުން ހުށަހެޅި ހުށަހެޅުއްވުމުން، 85 ވޯޓުގެ ބޮޑު ތަފާތަކުން އެ ހުށަހެޅުން މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

އިންތިޚާބު ބާއްވަން ކުރިން ކަނޑައެޅި ތާރީޚު ރޯދަ މަހާ ދިމާވާތީ އިންތިޚާބު ފަސްކުރަން ފައްޔާޒް ހުށަހެޅުއްވިޔަސް، އެ މަގާމަށް ދެން ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެކަމާ ދެކޮޅެވެ. އޭނާ ވިދާޅުވާ ގޮތުން އިންތިޚާބު ބާއްވަން ޖެހޭނީ ކުރިން ހަމަޖެއްސި ތާރީޚު ނުވަތަ އެއަށް ވުރެ އަވަހަށެވެ.

މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ދެ ފަރާތުން ބަދަލުކުރި ބަހުގެ ހޫނު ހަމަލާތަކަށް ފަހު ފައްޔާޒަށް ތާއީދުކުރާ މެމްބަރުން ހުށަހެޅުއްވީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށެވެ. އެ ތާރީޚު ފާސްކުރީ އެ ޖަލްސާއަށް ހާޒިރުވި 115 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓުންނެވެ. ވޯޓު ނުދެއްވީ 15 މެންބަރެކެވެ.

ފައްޔާޒްގެ ފަރާތުން އައި ހުށަހެޅުން ފާސްވުމުން އިންތިގެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.

މިރޭ ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވާހަކަ ދެއްކެވީ ވެސް ފައްޔާޒްގެ ހުށަހެޅުއްވުމަށް ތާއީދުކޮށް، އިންތިޚާބު ފަސްކުރުމަށެވެ. އެކަމަކު އިންތިއަށް ތާއީދުކުރި މެމްބަރުން ވިދާޅުވަނީ އިންތިޚާބު ފަސްކުރަން އުޅެނީ ފައްޔާޒަށް މެމްބަރުންގެ ތާއީދު ނެތުމުން އެކަމަށް ފުރުސަތު ހޯދަން ކަމަށެވެ. ދެ ފަރާތުން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރި އެވެ.

މިރޭގެ ޖަލްސާގައި ފައްޔާޒް ވަނީ އޭނާ ހުންނެވީ ސަރުކާރާ އެކީގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އުނދަގޫ ކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭނާ އުޅުއްވަނީ ބްރޯ ހެދިގެން ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ ޕާޓީއަށްޓަކައި ގުރުބާންވީ ވަކި ބަޔަކު ނޫން ކަމަށާއި އޭނާ އަކީ ވަގެއް ކަމަށް ބުނެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.

އިންތިހާބު ބާއްވާނެ ތާރީހަކާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހަށް ދާން ވެސް ޖެހުނީ ދެފަރާތުން ވާހަކަ ދައްކައިގެން މިކަމުގައި ގޮތެއް ނުނިމި މައްސަލަ ބޮޑުވުމުންނެވެ. ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ޖަލްސާ ނިންމަވާލައްވަމުން އެކަން ފާހަގަކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މި ހިސާބުން މިކަން ނިންމަން ނުޖެހި ވޭތޯ ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.