Roadha Mihaaru
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

އެމްޑީޕީގެ މަޖިިލިސް ޕްރައިމަރީގެ އުސޫލު ބަދަލުކޮށް، ޕްރައިމަރީއަށް ހުޅުވާލައިފި

16 ޑިސެމްބަރ 2023

މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރާއިރު ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ޕްރައިމަރީގައި ވާދަކުރަން މިއަދު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަޖިލިސް އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރާއިރު ކުށުގެ ރެކޯޑް ސާފުކުރަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ޕްރައިމަރީގައި ވާދަކުރަން މިއަދު ހުޅުވާލައިފި އެވެ.

އެ ޕާޓީން ޕްރައިމަރީގައި ވާދަކުރަން ހުޅުވާލީ މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރައިމަރީއެއް ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ އަންނަ މަހުގެ 26 އަދި 27 ގައި ބާއްވަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޗެއާޕާސަންގެ ނައިބު، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާއިރު ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފު ކުރުމަށްފަހު ހުށަހަޅަންޖެހޭ ގޮތަށް މިފަހަރު ނިންމާފައިވާ ކަމަށެވެ. އެ ބަދަލު ގެނައީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުށުގެ ރެކޯޑް ސާފުކުރާ ގޮތް ބަދަލުކޮށްފައި ވާތީ އާއި ޕްރައިމަރީން ހޮވުމަށްފަހު ކެންޑިޑެސީ ފޯމް ހުށަހަޅާއިރު ރެކޯޑް އޮތުމުގެ މައްސަލަތައް ކުރިމަތިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އިލެކްޝަން ކޮމިޝަނުން ބަލަމުން ގެންދަނީ މާލޭގައި ހުންނަ ސުޕީރިއާ ކޯޓްތަކާއި އެމީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށުގެ ކޯޓްތައް އެކަނި. ނަމަވެސް މިހާރު އެބަ ބަލައި ހުރިހާ ރަށެއްގެ ރަށު ކޯޓުތަކުގައި އޭނަގެ ދަރައްޏެއް ނުވަތަ ކުށުގެ ރެކޯޑެއް އޮތްތޯ،" އޭނާ ވިދާޅުވި އެވެ.

ކުށުގެ ރެކޯޑު ސާފުކުރަން ނިންމި އަނެއް ސަބަބަކީ ޕްރައިމަރީން ހޮވޭ މީހުންގެ ކުށުގެ ރެކޯޑްކުރަން ފަސް ދުވަސް ހޭދަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންނަށް ވެފައި ތިބި މީހުންނަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރާ މީހުންނަކީ މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރި ބައެއް ނަމަ އެކަން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ޓަކައި ފުރަން ޖެހޭ ފޯމް އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުރި އިރު އެ ފޯމާ އެކީ ކުށުގެ ރެކޯޑް ސާފުކުރާ ފޯމު ލިބޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.