09 މާޗް 2022
އެމްޑީޕީގައި މި ފަހުން ނެގި ކޮންމެ ވޯޓެއްގައި ވެސް ބަލަނީ ޕާޓީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު އޮތް ވަރެވެ. ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހުގައި ރޭ ނެގި ވޯޓުން ވެސް ދިޔައީ ހަމަ އެގޮތަށެވެ. އެ ވޯޓު ވެސް ބުރަވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮޅަށެވެ.
އެމްޑީޕީގައި މި ފަހުން ނެގި ކޮންމެ ވޯޓެއްގައި ވެސް ބަލަނީ ޕާޓީގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު އޮތް ވަރެވެ. ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހުގައި ރޭ ނެގި ވޯޓުން ވެސް ދިޔައީ ހަމަ އެގޮތަށެވެ. އެ ވޯޓު ވެސް ބުރަވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮޅަށެވެ.
ފަސް އަހަރުގެ ދައުރަކަށް ޗެއާޕާސަނަކު ހޮވަން، އިންތިހާބާ ބެހޭ ކޮމިޓީން ކަނޑައެޅި ތާރީހަކީ އަންނަ މަހުގެ 16 އެވެ.
އެކަމަކު، އެ ތާރީހު ދިމާވަނީ ރޯދަ މަސް ކަމަށް ވާތީ ކުރިމަތިވާނެ އުނދަގޫތަކަކަށްޓަކައި އިންތިހާބު ފަސްކުރަން ހުށަހެޅުއްވީ ރައީސްގެ ތާއީދާއެކު ނުކުމެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ޓީމުންނެވެ. ތާރީހާ ކުޅެ އިންތިހާބުތައް ފަސްކުރުމަކީ އެމްޑީޕީގެ ސިފައެއް ނޫން ކަމުގެ ހިތްހަމަނުޖެހުންތަކާ އެކު އެކަމާ ދެކޮޅު ހެދީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުންނެވެ.
ގައުމީ މަޖިލީހަށް ހާޒިރުވި 115 މެމްބަރުންގެ ތެރެއިން ވޯޓު ބޮޑުތަނުން ބުރަވީ އިންތިހާބު، މެއި 14 އަށް ފަސްކުރުމަށެވެ.
ދާއިރާ ރައީސުން ހިމެނޭ ގައުމީ މަޖިލީހުގެ 100 މެމްބަރުން އެ ގޮތަށް ތާއީދު ކުރިއިރު ދެކޮޅު ހެއްދެވީ އެންމެ 15 މެމްބަރުންނެވެ.
ފައްޔާޒްގެ ޓީމުން ހުށަހެޅުއްވި ގަރާރަށް ތާއީދުކޮށް ވޯޓަށް އަތް ނަގައިގެން ތިބި މަންޒަރުން ފެނުނީ، އެއް ބަޔަކު މާނަކުރާ ގޮތުގައި، ޕާޓީގެ ކޮންޓްރޯލް އޮތް ގޮތެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން ކުރިއަށް ދަނީ. -- ފޮޓޯ/ މިހާރު
މި ފަހުން ބޭއްވި ހުރިހާ ވޯޓުތައް ވެސް ނިމިފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅިއަށް ކަމަށް ވާއިރު، މި ހިނގާ ގައުމީ މަޖިލީހުގެ ގިނަ ގޮނޑިތައް އެ ފަޅިން ކާމިޔާބުކޮށް 65 މެމްބަރުން ތިއްބެވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލް ވެސް އޮތީ އެ މަނިކުފާނުގެ އަތްޕުޅުގައި ކަމަށް ބުނާނެ ޖާގަ އެބައޮތެވެ.
އެންމެ ފަހުން ބޭއްވި ޕީޖީގެ ވޯޓުގައި ވެސް ހުރިހާ މަގާމުތަކެއް ކަހަލަ ގޮތަކަށް ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިން ޕީޖީ ލީޑަޝިޕަށް ނެރުއްވި ބޭފުޅުންނެވެ.
އެމްޑީޕީން ރޭ ބޭއްވީ މިހާތަނަށް އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ހުތުރު މަންޒަރުތައް ފެނުނު އެއް ބައްދަލުވުމެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ކޮރަޕްޝަނާއި ވަގަށް ގޮވި އެވެ. ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އެޅުވި އެވެ. ހުދުމުހުތާރު ސިފަތައް އަތްގަދަކޮށް، ޕީޕީއެމްގެ އަމަލުތަކަށް ވުރެ ދަށު ދަރަޖައަށް އެމްޑީޕީ ވައްޓާލައިފި ކަމުގެ ތުހުމަތު ވެސް އެޅުވި އެވެ.
ހިޔާލުފާޅުކުރަން ފުރުސަތު ނުދީ، ހުއްޓުވައި ލަދުގަންނަވާލުމަކީ އެމްޑީޕީގެ ސިފައެއް ނޫން ކަަމަށް ވެސް ބައެއް މެމްބަރުން ގޮވި އެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރަކު ނަން ހާމަނުކުރަން އެދިވަޑައިގެން ވިދާޅުވީ، ގައުމީ މަޖިލީހުން ސާފުކޮށް ރޭ ފެނުނީ ޕާޓީގެ ކޮންޓްރޯލް ނަޝީދަށް ގެއްލިފައި އޮތް މަންޒަރު ކަމަށެވެ. އެ މަނިކުފާނު ނެރުއްވި ކެންޑިޑޭޓުގެ ޓީމުން ބޭނުންވާ ގޮތަށް ވޯޓު ގެންދަން ގައުމީ މަޖިލީހުން ބޭނުން ނުވުމަކީ ސާފުކޮށް އެ ވާހަކަ ބުނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމީ މަޖިލީހުން އެ ދިނީ ރައީސް ނަޝީދަށް މެސެޖެއް. ޕާޓީ ކޮންޓްރޯލް ކުރައްވައި، ކަނޑައެޅިފައި ހުރި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އެ މަނިކުފާނު ބޭނުންފުޅުވާ ހުރިހާ ގޮތަކަށް ކަންކަން ގެންދަން ނުރުހޭކަން،" އެ މެމްބަރު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ޕީޖީ އިންތިހާބުގައި ވޯޓު ލައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ވާހަކައަށް ބާރު ދެއްވަން ވިދާޅުވީ ޕާޓީގެ ދާއިމީ ކޮމިޓީތައް އިންތިހާބު ނުކުރާތާ ފަސް އަހަރު ވެއްޖެ ކަމަށެވެ. އަންހެނުންގެ ގޮފީގެ ރައީސްގެ އިންތިހާބު ނުބާއްވައި ދައުރު ދަންމަނީ ވެސް އެ މަގާމުގައި ނަޝީދާ ގާތްބޭފުޅެއް ކަމަށްވާ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހުންނެވުމުން ކަމުގެ ތުހުމަތު ވެސް އެޅުވި އެވެ.
"އެންމެން ތިބީ މި ހުރިހާ ދުވަހަކު އަޅާނުލާ. އެކަމަކު މިހާރު އެ ގޮތަށް ރުހިގެން ތިބެން ބޭނުން ނުވާ ކަން ރޭގައި ފެނިގެން އެ ދިޔައީ،" އޭނާ ވިދާޅުވި އެވެ.
"ކެކެމުން ކެކެމުން ދިޔަ އެއްޗެއް ރޭ ފަޅައިގެން އެ ދިޔައީ."
މިހެން ދިމާވީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީ ދެކެ އިންތިހާއަށް ލޯބިވާ އިހުލާސްތެރި މެމްބަރުން ތިއްބައި އެ މީހުން އެކަހަރިކޮށް، ވަކި ބަޔަކު ގާތްކޮށްގެން ބޭނުންވާ ގޮތަށް ޕާޓީ ހިންގުމުންނެވެ. ތަފާތުކުރުމަކީ އެމްޑީޕީގެ ތެރެއިން ފެންނަން ޖެހޭ ސިފައަކަށް ނުވިޔަސް ހިނގަމުން އައީ ވަކި ބަޔަކަށް ޖާގަ ނެތް ޕާޓީއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒްގެ ކެމްޕޭން މެނޭޖަރު، އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ހަޔާތުގައި ޕާޓީ ހިންގަމުން ދިޔަ ގޮތް އެންމެ ގާތުން މަސައްކަތް ކުރި މީހުންނާއި އާއްމު މެމްބަރުންނަށް އެނގެ އެވެ. ޕާޓީގެ ތެރެއިން ރޭ ފެނުނީ އޭނާ ސިފަކުރެއްވި ގޮތުގައި އުސޫލުތަކެއްގެ ތެރޭގައި ޕާޓީ ހިންގަން ބޭނުންވާ ގިނަ ބަޔަކު ތިބި ކަމެވެ.
"އެ ދުވަސް، އެ މަންޒަރު ފެނުނީ ރޭ. ޕާޓީ އިންތިޒާމުތަކެއްގެ ތެރެއިން އަސާސީ ގަވާއިދުގައިވާ ގޮތަށް ހިނގަން މެމްބަރުން ބޭނުން ވަނީ،" އޭނާ ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގައި ފެނުނީ ނަޝީދަށް ކޮންޓްރޯލް ގެއްލިފައި އޮތް މަންޒަރު ކަމަށް ބުނާ ވާހަކަ އޭނާއާއެކު ތިއްބެވި ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވީ ގައުމީ މަޖިލީހުން ބޭނުންވާ ގޮތަކީ، ޕާޓީގެ އާއްމު މެމްބަރުންގެ ވިސްނުން ހުރި ގޮތް ނޫން ކަމަށެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ފަހު ސޯޝަލް މީޑިއާގައި ވެސް ތަކުރާރުކުރާ މި ވާހަކައަށް ރައްދު ދެއްވައި، ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވީ، ގައުމީ މަޖިލީހުގައި ވޯޓު ދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕާޓީގެ އާއްމު މެމްބަރުން ހޮވައި އެ ތަނަށް ފޮނުވާފައި ތިއްބެވި މެމްބަރުން ކަމަށެވެ. އެހެންކަމުން އެއީ އާއްމު މެމްބަރުން ބޭނުންވާ ގޮތް ނޫން ކަމަށް ބުނާނެ ޖާގައެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.
އިންތިގެ ކެމްޕޭން މެނޭޖަރު، މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ގައުމީ މަޖިލީހުގެ ވަރަށް ގިނަ މެމްބަރުންނަކީ ސަރުކާރުގެ އެކި ސިޔާސީ މަގާމްތަކާއި ކުންފުނިތަކުގެ ވަޒީފާތައް ދީފައި ތިބި ބައެއް ކަމަށެވެ. އިންތިހާބު ފަސްކުރަން ބޭނުންވެ އެގޮތަށް ނިމުނީ އެހެންވެ ކަމަށާއި ކަނޑައެޅި ތާރީހަށް އިންތިހާބު ހިނގާނުލެވުނު ބަޔަކަށް ޕާޓީ ހިންގާލެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުން ކުރިއަށް ދަނީ. -- ފޮޓޯ/މިހާރު
ވައްޑެ ވިދާޅުވި ގޮތުގައި އެޕްރީލް 16 އަށް އިންތިހާބު ބާއްވަން ނިންމީ ފައްޔާޒްގެ ވެސް ތާއީދާ އެކުގަ އެވެ. އެކަމަކު އިންތިހާބު ލަސްކޮށް، ގަޑުބަޑުކުރަން ފުރުސަތު ހޯއްދެވީ ކާމިޔާބު ނުކުރެއްވޭނެތީ ކަމަށާއި އެއީ އެމްޑީޕީއާ ބީރައްޓެހި ޕީޕީއެމްގެ ސިފައެއް ކަމަށް އޭނާ މިއަދު ވެސް ވިދާޅުވި އެވެ.
"އަނެއް ކަމަކީ ގައުމީ މަޖިލީހުންނެއް ނޫން މި ޕާޓީގެ ވިންދާއި އަޑު އެންމެ ރަނގަޅަށް ތަމްސީލްވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ވާހަކަ އެނގެނީ ރައްޔިތުންގެ ގާތަށް ގޮސްގެން އެ މީހުން ބުނާ ވާހަކަ އަޑުއެހީމައޭ. އަޅުގަނޑުމެންނަކަށް ސުވާލެއް ނުއުފެދޭ ރާއްޖޭގެ އެމްޑީޕީގެ މެމްބަރުންގެ ވަރަށް ބޮޑު ތާއީދެއް އޮތީ އަޅުގަނޑުމެންނާ އެކުގައި ކަން،" ވައްޑެ ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގެ ކޮންޓްރޯލް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅުގައި ކަަމަށް ބުނާ ވާހަކައާ ވައްޑެ ދެކޮޅެއް ނުހައްދަވަ އެވެ. ޕާލަމެންޓްރީ ގްރޫޕް ހިމެނޭ ގޮތުން މެޖޯރިޓީ އެ ބޭފުޅުން ބަލަހައްޓާތާ ވަރަށް ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ވެސް އެ ބޭފުޅުން ކޮންޓްރޯލް ކުރާތާ ވަރަށް ދުވަސް ވެއްޖެ، ސުވާލެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެން ނޫން ކަމަށް ހެދޭކަށް ވެސް ނެތިން،" އޭނާ ވިދާޅުވި އެވެ.
"ވަކި ގޮތަކަށް ވޯޓު ހިންގަން ރޭ ލޮބީކޮށްފައެއް ނުވާނެ. އެ ކަހަލަ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަން. އެކަމަކު ފަސްކުރުމާ ދެކޮޅަށް ވާހަކަ ދެއްކީމަ ފެންނާނެ، އެހާ ފުދިފައި ތިބި ބަޔަކު ރޭ އައިސްފައި ތިބި ރުޅި. ވަރުގަދަ ކަމަކީ ބާރު އޮތުމަކީ އެއާއެކު މީހާ އަށް ކޮންމެވެސް ވަރަކަށް ހިމޭން ކަން ނުވަތަ ހަމަޖެހުން މެދުވެރިވާ ސަބަބެއް،"
ވައްޑެ ވިދާޅުވި ގޮތުގައި އެ ހިމޭން ކަމެއް، ހަމަޖެހުމެއް ރެއަކު ނުފެނުނެވެ.
ގައުމީ މަޖިލީހުގައި ރޭ އިވުނީ ޕާޓީ އިސްލާހުކުރަން އަޑު ކަމަށް ބުނާ ވާހަކައަށް ވައްޑެ މިސާލެއް ދައްކަވަމުން ވިދާޅުވީ 2008-2012 އަށް ނަޝީދު ވެރިކަމުގައި ހުންނެވި އިރު ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިހާބު ފޯރީގައި ކުރިއަށް ދިޔަ ކަމަށެވެ.
"މި ފަހަރު ވެސް ރައީސް ނަޝީދު ފާޅުގައި ނުކުމެ ނޫޅުއްވާ ގޮތަށް އެ ފަހަރު ވެސް ހަމަ އެނގޭ މިންވަރަށް އިބްރާހިމް ހުސެއިން ޒަކީ އާއި މިނިސްޓަރު އަސްލަމަށް ތާއީދުކުރެއްވި. އެކަމަކު އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވީ ޑރ. އިބްރާހިމް ދީދީ އާއި އަލްހާން ފަހުމީއަށް،" ވައްޑެ ވިދާޅުވި އެވެ.
"މި ޕާޓީއަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް. ރައީސް ނަޝީދު ޕާޓީގެ ކޮންޓްރޯލް ނަގައިގެން ވަކި އަމާޒަކަށް އެގޮތަށް މަސައްކަތް ކުރައްވާފައި ނެތް ކަން އޭރު އެ ބޭއްވި އިންތިހާބު ވެސް އެނގޭ. މިސާލަކަށް ވަޒީރަކަށް ވޯޓު ނުދީގެން އެއްވެސް ޕްރެޝަރެއް އައި ވާހަކައެއް އެއްސެވިންތޯ. ވަޒީފާގެ ބިރެއް ދައްކައި މަޝްރޫއެއް ހުއްޓުވާފާނެ ކަމުގެ ކަމެއް ހިންގާފައި ކެމްޕޭނަށް ހުރަސްއަޅުއްވާފައެއް ނެތް."
އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި މެމްބަރުން. -- ފޮޓޯ/ އެމްޑީޕީ
ނަޝީދު ކުރިއަރުއްވާ އެމްޑީޕީގެ މި އުސޫލާ ހިލާފަށް ވަޒީފާތަކުން މީހުން ވަކިކޮށް ބިރުދައްކައި ނުފޫޒު ފޯރުވައި ހިދުމަތް ފޯރުވާނީ ވަކި ބޭފުޅަކަށް ވޯޓުދީގެން ކަމަށް ބަލައެއްނުގަނެވޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން މުޒާހަރާކޮށް އަޑުއުފުލީ އިންތިހާބުތަކަށް އަތްނުބާނާށޭ، އިންތިހާބުތައް އަަވަސްކުރާށޭ، ގަޑުބަޑުނުކުރާށޭ، ކޮބާ މަގޭ ވޯޓު، މި ކަހަލަ ޝިއާރުތައް ބާއްވައިގެން ކެމްޕޭން ހިންގީ. އެކަމަކު އެމްޑީޕީގެ ތެރޭގައި މިއަދު ކަންކަން މިދަނީ މި އުސޫލާ ހިލާފަށް،" އޭނާ ވިދާޅުވި އެވެ.
އިންތިހާބު ލަސްކުރުމަކީ ވައްޑެ ވިދާޅުވި ގޮތުގައި އިންތިހާބު ލަސްކުރަނީ ސައްހަކަމާ މެދު ސުވާލު އުފައްދާށެވެ.
"އެމްޑީޕީގެ ތެރެއަށް، މި ޕާޓީ ނޫން ވަރަށް ގިނަ އާދަތަކެއް، އުސޫލްތަކާއި ބީރައްޓެހި ފަލްސަފާތަކެއް ވައްދަން މަސައްކަތް ކުރަނީ،"
ޕާޓީ "ހައިޖެކް ކުރެއްވީ" ކަމުގެ ތުހުމަތު އަޅުވަނީ އެ މަަސައްކަތުގެ ތެރެއިން ކަމަށް ވައްޑެ ވިދާޅުވި އެވެ.
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ދާއިރާތަކުގެ އަޑު: "ރައީސަށް އިތުބާރު އެބައޮތް"
ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023 ބަންދުވީތަ؟
ރައީސާއެކު ޕާޓީތަކުން ހެޔޮގޮތް ހޯދޭނެ: އިމްރާން
"ހިތް ބުރަކަމެއް ނެތް، އެކުގައި މަސައްކަތް ކުރެވޭނެ"
މި ހޫނަށް ފަހު އެމްޑީޕީ އެކަތިގަނޑަކަށް ވެވިދާނެ؟
އެމްޑީޕީ އޮތީ "ހިންގާލާފައި" ކަމަށް ވިދާޅުވެ ރައްދެއް
ގައުމީ މަޖިލީހުގައި އެމްޑީޕީގެ ދެ ފަޅި ހާމަޔަށް
ފައްޔާޒަށް މިއީ ދެ ރައީސުންގެ ފައިޓެއް ނޫން