Roadha Mihaaru
ޓިކްޓޮކް ހަދާ މީހުންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތެއް

ޓިކްޓޮކް ހަދާ މީހުންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތެއް

06 މެއި 2022

ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް އެ ޕްލެޓްފޯމުން އާމްދަނީ ލިބޭނެ އިތުރު ގޮތެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް އެ ޕްލެޓްފޯމުން އާމްދަނީ ލިބޭނެ އިތުރު ގޮތެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އެ ކުންފުނީގެ ބްލޮގް ޕޯސްޓެއްގައި ބުނީ "ޓިކްޓޮކް ޕަލްސް" ކިޔާ އާ ޕްރޮގްރާމެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެއީ ޓިކްޓޮކް ވީޑިއޯތަކުގެ މެދުން އިޝްތިހާރުތައް ދައްކައިގެން އެ ޕްލެޓްފޯމުން އާމްދަނީ ހޯދަން ފަށަން އުޅޭ ޕްރޮގްރާމެކެވެ. ޔޫޓިއުބުން ވެސް މިހާރު އެ ގޮތަށް އާމްދަނީ ހޯދެ އެވެ.

އެގޮތަށް އިޝްތިހާރުތައް ދައްކާނީ ޓިކްޓޮކް ވީޑިއޯތަކުގެ ތެރެއިން އެންމެ މަތިން ވިއުސް ހޯދާ ހަތަރު ޕަސެންޓްގެ ވީޑިއޯތަކުގައި ކަމަށް ބުންޏެވެ. އަދި އެ އިޝްތިހާރުތައް ދައްކައިގެން ޓިކްޓޮކަށް ލިބޭ އާމްދަނީގެ ބައެއް ވީޑިއޯ ހެދި މީހާ އަށް ދޭނެ ކަމަށް ބުންޏެވެ.

އާމްދަނީން ބައެއް ލިބޭނީ ޓިކްޓޮކް ވީޑިއޯ ހެދި މީހާގެ މަދުވެގެން 100،000 ފޮލޯވާސް ތިބޭ ނަމަ އެވެ. އެކަމަކު އެމީހުންނަށް ދޭނެ ފައިސާގެ އަދަދެއް އަދި ހާމައެއް ނުކުރެ އެވެ.

އެމެރިކާގައި "ޓިކްޓޮކް ޕަލްސް" ލޯންޗުކުރަން ނިންމާފައި ވަނީ އަންނަ ޖޫން މަހުގަ އެވެ. އަދި މި އަހަރު ފަހުކޮޅު އެހެން މާކެޓްތަކުގައި ވެސް ލޯންޗުކުރާނެ އެވެ.

ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް މިހާރު ވެސް އޭގެން އާމްދަނީ ހޯދެ އެވެ. ޓިކްޓޮކްގެ "ކްރިއޭޓާ ފަންޑުން" ފައިސާ ދެނީ ވީޑިއޯތައް މަޝްހޫރުވާ ވަރަށް ބަލައިގެން، އެމީހުން ބޭނުންވާ އުފެއްދުންތެރިންނަށް އެކަންޏެވެ. އެކަމަކު އެމީހުންނަށް އޭގެން ލިބެނީ ވަރަށް ކުޑަ އެއްޗެކެވެ.