30 އެޕްރީލް 2022
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމައި، މުސާރައިގެ އޮނިގަނޑު މާދަމާ އިއުލާންކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރަން ނިންމައި، މުސާރައިގެ އޮނިގަނޑު މާދަމާ އިއުލާންކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
ތައުލީމީ ދާއިރާއަށް ގުރުބާނީތަކެއް ވަމުން އަންނަ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ރައްޔިތުންގެ މަޖިލީސް މި އަހަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މެއި މަހުން ފެށިގެން މުސާރަ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު"އަށް މިއަދު ވިދާޅުވީ ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަށް ނިމުން ގެނެސްދެއްވައި އެކަން މާދަމާ ރައީސް އިއުލާންކޮށްދެއްވާނެ ކަމަށެވެ. އެއާ އެކު މެއި މަހުން ފެށިގެން ޓީޗަރުންނަށް ލިބޭނީ ހެޔޮބަދަލެއް ގެނައި މުސާރަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް މިދިޔަ ފެބުރުއަރީ މަހު ށ. ކޮމަންޑޫގައި ވިދާޅުވި ގޮތުގައި ޓީޗަރުންގެ މުސާރައަށް ގެންނަން ނިންމީ ރަނގަޅު ކުރިއެރުމެކެވެ. މުސާރަތައް ޖުމްލަކޮށް 56 ޕަސެންޓަށް ބޮޑުވާނެ ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ގްރެޖުއޭޓް ފެންވަރުގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް ބޮޑުވާނެ އެވެ. އެ 56 ޕަސެންޓްގެ ކުރިއެރުން އަންނަނީ އިތުރު ގަޑި ނުލަ އެވެ. އިތުރު ގަޑި ހިމަނައިފި ނަމަ މުސާރަ އެ އަށް ވުރެ ބޮޑުވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ގެންނަ ބަދަލާ އެކު، 21،000ރ. ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000 އަށް ބޮޑުވީ ކަމަށެވެ. އެއާއެކު 14،000ރ. ޖެހޭ މީހުންގެ އިތުރުވުން އުޅޭނީ 28،000ރ. ގައި ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ސްކޫލެއްގައި ބޭއްވި ހަރަކާތެއްގައި ޓީޗަރުންތަކެއް ބައިވެރިވަނީ: ޓީޗަރުން ކުރާ މަސައްކަތާ އަޅާބަލާއިރު އުޖޫރަ ކުޑަ ކަމުގެ ޝަކުވާ ކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި. ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ތައުލީމީ ދާއިރާގައި މި ވަގުތު ދާއިމީ ދިވެހި ޓީޗަރުންގެ ގޮތުގައި 6،498 ޓީޗަރުންނާއި ބިދޭސީ 1،730 އަދި ވަގުތީ 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން މަސައްކަތްކުރެ އެވެ.
ޓީޗަރުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ ދުވާލަކު 11 ގަޑިއިރު މަސައްކަތްކުރަން ޖެހޭ އިރު ކުޑަ މުސާރައެއް ލިބުމެވެ. އަދި އެ މުސާރައަކީ ކުރާ މަސައްކަތާއި ހޭދަކުރާ ވަގުތަށް ބަލާއިރު ސިވިލް ސާވިސްގެ އެހެން ވަޒީފާތަކަށް ވުރެން ނިސްބަތުން ކުޑަ އަދަދެއް ކަމުގެ ކަންބޮޑުވުން ފާޅުކުރެ އެވެ.
ތައުލީމީ ދާއިރާއަށް ފަހު ސިއްހީ ދާއިރާގެ މުސާރައަށް ބަދަލު ގެންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
"އެއަށް [ޓީޗަރުންގެ މުސާރައަށް] ފަހުގައި ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ދާއިރާގެ އެ ނޫން މުވައްޒަފުންގެ މުސާރަތައް ބޮޑުވެގެންދާތަން،" ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރެވޭނެ ބަދަލުތަކެވެ. އެ ބަދަލު ފެށެނީ އާއްމު މީހާގެ ދިރިއުޅުމުން ކަން ފާހަގަކުރެއްވި އެވެ.
ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރާނެ ކަން ރައީސް އިއުލާންކުރެއްވި އިރު، އެ ދާއިރާގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މުސާރަ އާއި އިނާޔަތްތައް ކުޑަކަމުގެ ޝަކުވާ ރައީސާ ހަމައަށް ވެސް އޮތީ ގެންގޮސްފަ އެވެ.
ޒަމާނީ ޒުވާން ޓީޗަރުން އުފައްދަންޖެހޭ: ރައީސް
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި
250 ބައިވެރިންނާއެކު ޓީޗަރުންގެ ކޮންފަރެންސް ފަށައިފި
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ތައުލީމީ ދާއިރާ ރަނގަޅު ކުރަން ބޮޑު މަޝްރޫއެއް!
އިތުރަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން ބޭނުންވޭ
ޓާމްޗުއްޓީތަކުގައި ޓީޗަރުން ނުނެރެން އަންގައިފި
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ދިވެހި ޓީޗަރުން: ބުރަ މަސައްކަތަށް ބޮޑު ލުޔެއް!