Roadha Mihaaru
އީދަށް މާލެ ހުސްކޮށް އެންމެން ފުރަނީ!

އީދަށް މާލެ ހުސްކޮށް އެންމެން ފުރަނީ!

30 އެޕްރީލް 2022

އީދު ބަންދަށް މާލެއިން ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ފުރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އީދު ބަންދަށް މާލެއިން ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ފުރައިފި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދަކީ އަންނަ ހޯމަ ދުވަހެވެ. ރާއްޖޭގައި އީދަށް ހަނދު ބެލުން މިރޭ އޮންނާނެ އެވެ.

އިއްޔެ އިން ފެށިގެން އީދު ބަންދަށް ހަފުތާއެއްގެ ޗުއްޓީ ލިބޭތީ ގިނަ ބަޔަކު ވަނީ އެކި ތަންތަނަށް ފުރައިފަ އެވެ. ޑޮމެސްޓިކް ފްލައިޓްތަކާއި ލޯންޗް ފެރީތަކަށް ވެސް ބާރުބޮޑުވެ، ރަށްރަށުގެ ގެސްޓް ހައުސްތަކުގެ ބުކިންތައް ވެސް ވަނީ ފުލްވެފަ އެވެ.

މިއަދާއި މާދަމާ ވެސް ގިނަ ބަޔަކު ރަށްރަށަށް ފުރާނެ ކަމަށް ބެލެވޭއިރު، މިއީ ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލި ފަހުން ގިނަ ބަޔަކު އެއްފަހަރާ މާލެއިން ބޭރަށް ޗުއްޓީއަށް ދާނެ ފުރަތަމަ ފަހަރެވެ. ކޮވިޑްގެ ކުރިން އާންމުކޮށް، ކޮންމެ އީދަކަށް ވެސް މާލެއިން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރެ އެވެ.

ބުރާސްފަތި ދުވަހު އެކަނި 300 ޕާސްޕޯޓް ދޫކުރި

މި ބަންދުގައި ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ވެސް ދަތުރުކުރާއިރު، އިމިގްރޭޝަނުން އިއްޔެ ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް 329 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ. އަދި 227 ޕާސްޕޯޓެއް އެންރޯލް ކޮށްފައިވެ އެވެ.

އެތެރޭގެ އުދުހުންތައް އެންމެ ގިނައިން ކުރާ ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަނުން ވެސް ބުނެފައި ވަނީ މުޅި އީދު ބަންދަށް ވެސް އެ އެއާލައިންގެ ފްލައިޓްތައް ފުލްވެފައިވާ ކަމަށެވެ. އެ އެއާލައިނުން ފަހުން ދަތުރުތައް އިތުރުކޮށްފައި ވެސް ވެ އެވެ.

މާލެއާ އެންމެ ކައިރިން އާންމުކޮށް މީހުން ޗުއްޓީ އަށް ގޮސް އުޅޭ ގިނަ ރަށްތަކަށް ވެސް ވަރަށް ބާރުބޮޑެވެ. ކ. މާފުށި، ކ. ތުލުސްދޫ، ކ. ހުރާ، ކ. ގުރައިދޫ އަދި ކ. ދިއްފުށީގެ ގިނަ ގެސްޓް ހައުސްތައް ވަނީ ފުލްވެފަ އެވެ.

އެންމެ ކުލަގަދަ އީދު މާފުށީގައި

ގެސްޓް ހައުސް ވިޔަފާރީ އެންމެ ފުޅާކޮށް ކުރަމުން އަންނަ މާފުށީގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށް، ހަވާ އަރުވަން ވެސް ނިންމާފައިވެ އެވެ. އަދި ބޮޑު މިއުޒިކް ޝޯއެއް ވެސް އެ ރަށުގައި ބާއްވާނެ އެވެ. އީދު ދުވަހުގެ ރޭ އޮންނަ އެ މިއުޒިކް ޝޯގައި ޔާރާ އާއި ހަބޭސް ބޮޑުބެރު ގުރޫޕާއި ސަފޫރާ އެންޑް ފްރެންޑްސްގެ ލައިވް މިއުޒިކާއި އަދި ޑީޖޭ ބައި އިންމަ ބައިވެރިވާނެ އެވެ.

މާފުށީގައި ބާއްވާ އީދު ހަރަކާތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

"ފެން އީދެއް"

އީދު ބަންދަށް ގިނަ ބަޔަކު ފުރާއިރު، މިއީ "ފެން އީދަކަށް" ވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.

"އަންނަ މަހުގެ އެކަކުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ދައްކަނީ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ތަންކޮޅެއް ވިއްސާރަކޮށް އުޅެނީ. ވައި ވެސް ބާރުވާނެ. ކަނޑު ވެސް ގަދަވާނެ،" އެ އޮފީހުން ބުންޏެވެ.