Roadha Mihaaru
ޕީޕީއެމް ބަޔަކު އަދާލަތަށް ބަދަލުކުރަން "ވަގު ފޯމު"

ޕީޕީއެމް ބަޔަކު އަދާލަތަށް ބަދަލުކުރަން "ވަގު ފޯމު"

28 އެޕްރީލް 2022

ޕީޕީއެމަށް ސޮއިކޮށްފައިވާ އާއިލާއެއްގެ ނަމުގައި "ވަގަށް" ފޯމު ހުށަހަޅައިގެން އަދާލަތު ޕާޓީއަށް ވައްދާފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕީޕީއެމަށް ސޮއިކޮށްފައިވާ އާއިލާއެއްގެ ނަމުގައި "ވަގަށް" ފޯމު ހުށަހަޅައިގެން އަދާލަތު ޕާޓީއަށް ވައްދާފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ޕީޕީއެމްގެ ފޭސްބުކް ޕޭޖުގައި މިއަދު ބުނެފައިވަނީ އާއިލާގެ ހަތަރު މީހަކު އަދާލަތު ޕާޓީއަށް ވައްދާފައިވާ މައްސަލަ އެ އާއިލާއިން ޕާޓީއަށް ހުށަޅާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅި ފޯމުގައި ޖަހާފައިވާ ގޭގެ ނަމްބަރަކީ ރަޖިސްޓްރީކޮށްފައިވާ ނަމްބަރެއް ނޫން ކަމަށާއި އަދި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންގެ ނަމްބަރަށް ގުޅުމުން އެއީ ވެސް އޮޅުވާލައިގެން ލިޔެފައިވާ ނަމްބަރުތަކެއްކަން އެނގިފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

"އެ ބޭފުޅުންގެ ފިންގަޕްރިންޓާއި ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓާ ދިމާ ނުވާ" ކަމަށް ވެސް ބުނެފައިވެ އެވެ.

ޕީޕީއެމުން ވަނީ އެ ހަތަރު ފޯމުގެ ފޮޓޯ އާއި އެ ތަނުން މީހެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެ ވީޑިއޯގައި އަންހެން މީހާ ބުނީ އެ އާއިލާގެ 13 މީހުން ޕީޕީއެމަށް ސޮއިކޮށްފައިވާ ކަމަށެވެ. އެކަމަކު މި ފަހުން ބެލިއިރު އޭނާގެ ނަން އޮތީ އަދާލަތު ޕާޓީގައި ކަމަށާއި އެއީ މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ވެސް، އަހަރެންގެ ފިރިމީހާ ވެސް އަދި އަހަރެމެންގެ ދަރިފުޅުމެން ވެސް އަދާލަތު ޕާޓީގައި. ދެން އަހަރެންނަށް ކިހިނެއް ވެގެން ވީ ކަމެއްތޯ ބަލަން އަހަރެން އިލެކްޝަނަށް ސިޓީ ލީ. ލާފައި އެ މީހުން ބުނީ ކަލޭމެން ގަބޫލުނުވާ ކަމަށް ވަންޏާ ވަކިވާން ފޯމު ލާށޭ. އަހަރެން ބުނީ އެ އެއް ނޫނޭ އަހަރެން ބޭނުންވަނީ. އަހަރެން ބޭނުންވަނީ އަހަރެން ނަމުގައި އެތަނަށް ވައްދާފައި އިން ފޯމު ހޯދާށޭ،" އޭނާ ބުންޏެވެ.

އަންހެން މީހާ ބުނީ ފޯމު ނުދެވޭނެ ކަމަށް ބުނުމުން އީސީގެ ރައީސް ފުއާދު ތައުފީގާ ބައްދަލުކޮށް އެ ޝަކުވާ ހުށަހެޅީ ކަމަށެވެ. އަދި އެ އެންމެންގެ ނަމުގައި ސިޓީ ހުށަހެޅުމުން އަދާލަތަށް ވައްދަން އެ ކޮމިޝަނަށް ފޮނުވި ފޯމު ލިބިފައިވާ ކަމަށް ބުންޏެވެ.

"އަހަރެން މި ހިރީ މި ފޯމު ނަގާފައި. އަހަރެން ބޭނުން ޝަރީއަތުގައި މި މައްސަލަ ޖައްސަން. މިއީ އަހަރެމެންގެ ފިންގަޕްރިންޓު ނޫންކަން އެނގޭނެ. މިއީ ފައިގެ އެއްޗެއް. ފައިގެ ބޮޑުވާ އިނގިލިން ޖައްސާފައިވާ އެއްޗެއް. މިހާ ބޮޑު ވައްކަން އަދާލަތުން ކުރަނީ،" އޭނާ ބުނެ އެވެ.

ނަމަވެސް މި ކަމުގައި އަދި އަދާލަތުގެ ބަހެއް ނުލިބެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޕީޕީއެމްގެ 5،000 މެމްބަރުން އެހެން ޕާޓީތަކަށް ވައްދާފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ. އެ މައްސަލަ ފެންމަތިވު މާއެކު އީސީން ވަނީ ޕާޓީ ރަޖިސްޓްރޭޝަން ސެކްޝަންގެ އޮޑިޓެއް ހަދަން ނިންމައިފަ އެވެ.

ޕާޓީތަކަށް މެންބަރުން އިތުރު ކުރުމަށް ފައިސާގެ އިނާމު ދީގެން ވެސް ކެމްޕޭނުތައް ހިންގާއިރު ފައިސާގެ ބޭނުމުގައި، އޮޅުވާލައިގެން މީހުންގެ ނަމުގައި ފޯމު ހުށަހަޅަ އެވެ. އަދި ބައެއް މީހުން އެކި ބޭނުންތަކަށް އެހެން ޕާޓީތަކަށް ރުހުމުގައި ސޮއިކުރި ނަމަވެސް ކުރިން އޮތް ޕާޓީގެ މީހުން ގާތު އެއީ ވަގަށް ފޯމު ލައިގެން ކޮށްފައިވާ ރަޖިސްޓްރީއެއް ކަމަށް ބުނާ މައްސަލަ ވެސް ދިމާވެ އެވެ.