Roadha Mihaaru

ޔޫތު މިނިސްޓްރީ އާއި އެޗްޑީސީން 130 ޒުވާނުން ތަމްރީނުކުރަނީ

ޔޫތު މިނިސްޓްރީން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ޔޫތާއި އެޗްޑީސީން 130 ޒުވާނުން ތަމްރީނުކުރަނީ
އަހުމަދު ޝަބީން
އަހުމަދު ޝަބީން

26 އެޕްރީލް 2022

ޔޫތު މިނިސްޓްރީން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

ފަންނީ އަދި ގާބިލް މީހުން ތަންރީނުކުރުމަށް އެޗްޑީސީން ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން 10 ދާއިރާއަކުން ޒުވާނުން ތަމްރީނުކުރާނެ އެވެ. އޭގެތެރޭގައި ވެލްޑިން, އިލެކްޓްރީޝަން, ޕްލަމްބިން, ކާޕެންޓްރީ, މޭސަން, ގާޑެނާ, ހެވީ ވެހިކަލް އޮޕަރޭޓަރުކުރުން ހިމެނެ އެވެ. އަދި ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިން މެކޭނިކް, ކޮންސްޓްރަކްޝަން ސައިޓް ސްޕަވައިޒަރު, އެސިސްޓެންޓް ބިލްޑިން މެއިންޓަނެންސް އޮފިސަރުން ހިމެނެ އެވެ.

މިއީ އެޗްޑީސީގެ ފަސްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި އެޗްޑީސީގެ 30 މުވައްޒަފުންނަށާއި 100 ބައިވެރިއަކަށް ފުރުސަތު ދޭނެ އެވެ.

މި ޕްރޮގްރާމުގެ ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސްތަކާ އެއްގޮތަށެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބޭނެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ 3،000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. އަދި ވީހާވެސް ގިނަ ދާއިރާތަކުން ގާބިލު ޒުވާނުން ބިނާކުރުމަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

ނެޝަނަލް އެޕްރެންޓެސްޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެކި ދާއިރާތަކުން 3،000 ޒުވާނުން ތަމްރީނުކޮށް މަސައްކަތުގެ މައިދާނަށް ނުކުތުމަށް އެހީތެރިވުމެވެ. އެކި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތައް ގުޅިގެން އެޕްރެންޓެސްޝިޕް ޕްރޮގްރާމްތައް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.