Roadha Mihaaru
އެމެރިކާ އެދެނީ ރަޝިޔާ ބަލިވާ ތަން ދެކެން

އެމެރިކާ އެދެނީ ރަޝިޔާ ބަލިވާ ތަން ދެކެން

26 އެޕްރީލް 2022

މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާ އެންމެ ދެކެން ބޭނުންވަނީ، ހަނގުރާމައިގައި ރަޝިޔާ ބަލިވެގެންދާ މަންޒަރު ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވެއްޖެ އެވެ.

މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާ އެންމެ ދެކެން ބޭނުންވަނީ، ހަނގުރާމައިގައި ރަޝިޔާ ބަލިވެގެންދާ މަންޒަރު ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާ އެކު މިދިޔަ ހޮނިހިރު ދުވަހު ޔޫކްރޭނަށް ވަޑައިގަތުމަށް ފަހު، ޕޮލެންޑްގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ލޮއިޑް އޯސްޓިން ވިދާޅުވީ ރަޝިޔާ އިން ޔޫކްރޭންގައި ހިންގާ ފަދަ އުދުވާނެއް ތަކުރާރު ކުރުމަށް ރަޝިޔާގެ ވެރިން ފަސްޖެހޭނީ، މި ހަނގުރާމައިން ރަޝިޔާ ބަލިވެގެން ކަމަށެވެ.

ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވީ އެކަށީގެންވާ އަސްކަރީ މަދަދު ފޯރުކޮށްދެވިއްޖެ ނަމަ، ރަޝިޔާގެ މައްޗަށް ޔޫކްރޭން ކުރި ހޯދުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް މިހާރު ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އަސްކަރީ އެހީގެ ގޮތުގައި އިތުރު 713 މިލިއަން ޑޮލަރު އެމެރިކާ އިން މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިޔާ ސިފައިންގެ ހަމަލާތައް ޔޫކްރޭންގެ އިރުމައްޗާއި ދެކުނުގައި ވަރުގަދަކުރަމުން ގެންދަނިކޮށް، އެމެރިކާގެ އެންމެ އިސް ދެ ވަޒީރުން ހޮނިހިރު ދުވަހު ޔޫކްރޭނަށް ވަޑައިގެން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއި ބައެއް ވަޒީރުންނާއެކު ތިން ގަޑިއިރު ވަންދެން މަޝްވަރާ ކުރެއްވި އެވެ.

"އަހަރެމެން ބޭނުންވަނީ، ޔޫކްރޭނަށް އަރައިގަނެގެން މިހާރު ހިންގަމުން އެދާ ފަދަ އަމަލުތަކެއް އިތުރަށް ތަކުރާރު ނުކުރެވޭ ވަރަށް ރަޝިޔާ ބަލިކަށިވެގެންދާ ތަން ދެކެން. ރަނގަޅު ހަތިޔާރާއި ރަނގަޅު އެހީތެރިކަން ޔޫކްރޭނަށް ފޯރުކޮށްދެވިއްޖެ ނަމަ، ޔޫކްރޭނުން މި ހަނގުރާމަ ކާމިޔާބު ކުރާނެ،" އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

އެމެރިކާގެ ދެ ވަޒީރުން ޔޫކްރޭނަށް ކުރެއްވި ދަތުރަށް އިޝާރާތް ކުރައްވައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވި ގޮތުގައި އެމެރިކާ މިހާރު މަސައްކަތް ކުރަނީ، ރަޝިޔާގެ މުޖްތަމައު ބައިބައިކޮށްލައި، ރަޝިޔާގެ އެތެރެއިން ރަޝިޔާ ސުންނާފަތި ކޮށްލާށެވެ.

ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 700 މިލިއަން ޑޮލަރުގެ މާލީ އިތުރު އެހީއެއް ދިނުމަށް، އެމެރިކާ ސަރުކާރުން މިހާރުވަނީ ނިންމައިފަ އެވެ. އެ ފައިސާގެ ތެރެއިން ދެ ބައިކުޅަ އެއްބައި ފޮނުވާނީ ސީދާ ޔޫކްރޭން ސަރުކާރަށެވެ. އަދި އަނެއް ބައި ފޮނުވާނީ، ޔޫކްރޭނަށް އަސްކަރީ މަދަދު ފޯރުކޮށްދޭ ވިލާތުގެ ގައުމުތަކަށެވެ. އޭގެ އިތުރުން 165 މިލިއަން ޑޮލަރުގެ އުންޑަ އާއި ވަޒަން ޔޫކްރޭނަށް ވިއްކުމަށް ވެސް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ.

ބްލިންކެން އާއި އޯސްޓިން ކިޔޭވް އަށް މިކުރެއްވި ދަތުރަކީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެމެރިކާގެ އިސް ވެރިންގެ ތެރޭގައި ހިމެނޭ ބަޔަކު ޔޫކްރޭނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.