Roadha Mihaaru
މިހާތަނަށް ހުއްދަދިނީ 5 ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް

މިހާތަނަށް ހުއްދަ ދިނީ ފަސް ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް!

25 އެޕްރީލް 2022

ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅައި، ހުއްދަ ހޯދަން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ލޭންޑް ޔޫސް ޕްލޭންތަކުގެ ތެރެއިން މިހާތަނަށް ހުއްދަ ދީފައި ވަނީ އެންމެ ފަސް ރަށަކަށް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅައި، ހުއްދަ ހޯދަން ޕްލޭނިން މިނިސްޓްރީ އަށް ފޮނުވި ލޭންޑް ޔޫސް ޕްލޭންތަކުގެ ތެރެއިން މިހާތަނަށް ހުއްދަ ދީފައި ވަނީ އެންމެ ފަސް ރަށަކަށް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން "މިހާރު" އަށް ދިން މައުލޫމާތުތަކުގައިވާ ގޮތުން ލޭންޑް ޔޫޒް ޕްލޭނަށް ހުއްދަ ހޯދަން މިއަދުގެ ނިޔަލަށް 52 ރަށަކުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އަދި ހުއްދަ ދިން ފަސް ރަށަކީ؛

- ތ. ތިމަރަފުށި

- އދ. ދިގުރަށް

- ހދ. ނޭކުރެންދޫ

- ރ. ކިނޮޅަސް

- ނ. ކެނދިކުޅުދޫ

އދ. ދިގުރަށުގެ ގެސްޓްހައުސްއެއް: ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރީކުރަމުން އަންނަ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ހުއްދީފައިވޭ -- ފޮޓޯ: ދި އެޑިޝަން

އދ. ދިގުރަށުގެ ގެސްޓްހައުސްއެއް: ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރީކުރަމުން އަންނަ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ހުއްދީފައިވޭ -- ފޮޓޯ: ދި އެޑިޝަން

އިތުރު 12 ރަށެއްގެ ޕްލޭންތަކަށް ހުއްދަ ދިނުމަށް އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އެޕްރޫވަލްގެ ފަހު ސްޓޭޖުގައި އުޅޭ ގިނަ ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން މި ހަފުތާގައި އެޕްރޫވް ވާނެ ކަމަށް ބެލެވޭ،" ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ހުށަހެޅި ލޭންޑް ޔޫސް ޕްލޭންތަކުގެ ތެރެއިން އަދި ރަނގަޅުކުރަން ޖެހޭ ބައެއް ކަންކަން ފާހަގަވެގެން 25 ރަށެއްގެ ޕްލޭންތައް ވަނީ އަނބުރާ ކައުންސިލްތަކަށް ފޮނުވާލައިފަ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން، ކޮންމެ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ކުރިން ކައުންސިލްތަކުން ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭން ނުނިމި ލަސްވަމުން ދިއުމުގެ ސަބަބުން ބައެއް ރަށްރަށުގައި މަސައްކަތްތައް ނުފެށޭތީ ޝަކުވާ ބޮޑެވެ.

ނ. ކެނދިކުޅުދޫ: ލޭންޑް ޔޫސް ޕްލޭނަށް ހުއްދަދިން ފަސް ރަށުގެ ތެރޭގައި އެ ރަށް ހިމެނޭ -- ފޮޓޯ: ކެނދިކުޅުދޫ ފޭސްބުކް ގްރޫޕް

ނ. ކެނދިކުޅުދޫ: ލޭންޑް ޔޫސް ޕްލޭނަށް ހުއްދަދިން ފަސް ރަށުގެ ތެރޭގައި އެ ރަށް ހިމެނޭ -- ފޮޓޯ: ކެނދިކުޅުދޫ ފޭސްބުކް ގްރޫޕް

ތަޖުރިބާކާރުން މަދުވުމާއި ހަރަދު ބޮޑުވުން!

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވީ، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނުނިމި ލަސްވަނީ އެކަމާ ގުޅޭ ތަޖުރިބާކާރުން ރާއްޖޭގައި މަދުވުމާއި ކައުންސިލްތަކުން އެ ކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ކަމަށެވެ. ގާނޫނުގައި ހުރި ހުރިހާ ކަމެއް ފުރިހަމަވެގެން ނޫނީ ލޭންޑް ޔޫސް ޕްލޭން ފާސްނުވާތީ ވެސް އެ މަސައްކަތް ލަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެލްޖީއޭގެ ހުށަހެޅުމަކީ ހުރިހާ ކްރައިޓީރިއާއެއް ހަމަނުވާ ނަމަ، އެ ކަމަށް މުއްދަތެއް ދިނުމަށް ފަހު ލޭންޑް ޔޫސް ޕްލޭން ފާސްކުރުން. އޭރުން ކައުންސިލްތަކަށް ދިމާވެފައި ހުރި ވަރަށް ގިނަ ދަތިތަކަށް ހައްލެއް ލިބޭނެ. ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް އެބަކުރޭ،" އަފްޝަން ވިދާޅުވި އެވެ.

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ހެދުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މިދިޔަ ހަފުތާގައި ވެސް ޕްލޭނިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލީހާ ވެސް މަޝްވަރާ ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނުނިމުނަސް، ޕްލޭނިން މިނިސްޓްރީގެ ހުއްދަ ލިބިގެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވެ އެވެ. އެކަމަކު އެ ކަމަށް ވެސް ވަރަށް ގިނަ ވަގުތު ނަގާތީ ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.

ކައުންސިލްތަކުން އަމިއްލަ އަށް ކުރަން ޖެހޭ އެ މަސައްކަތް، އެކި ސަބަބުތަކާ ހުރެ ނުކުރެވި ލަސްވަމުންދާތީ، އެލްޖީއޭ އިން ވެސް 40 އަށް ވުރެ ގިނަ ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމުގެ މަސައްކަތް އަންނަނީ ކޮށްދެމުންނެވެ.

ގާނޫނުގައި އޮތީ ކައުންސިލްތަކުގެ މެމްބަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވެ، އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް ގިނަ ރަށްތަކުގައި އެ މަސައްކަތް އަދިވެސް ކުރިއަށް ނުދެ އެވެ.

ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފެށޭނީ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި އެ ޕްލޭނަށް އަމަލުކުރުމަށް ފާސްވުމުންނެވެ. އަދި އެ ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ހަދާއިރު، އެ ރަށެއްގައި ހުރި ގަސްގަހާގެހީގެ އަދަދާއި ގަސްތައް ހުރި ސަރަހައްދުތަކާއި ހިމާޔަތްކުރެވޭ ސަރަހައްދުތަކާއި ހިއްކާފައިވާ ސަރަހައްދުތަކާއި ހިއްކެން އޮތް ސަރަހައްދުތަކާއި އަދި އެ ސަރަހައްދުތަކުގެ ބޭނުން ހިފާނެ ގޮތް ބަޔާންކުރަން ޖެހެ އެވެ. އަދި އެ ރަށެއްގެ އެކި ސަރަހައްދުތަކުގެ ބިމުގެ އަގާއި، ހިއްކާ ބިންތަކުގައި ރުއްގަސް ހުންނަން ޖެހޭނެ މިންވަރު ވެސް ހިމަނަން ޖެހޭނެ އެވެ.