Roadha Mihaaru
ކާޑު ބަރުކޮށްފައި އޮތް އެސްޓީއޯ ދޯންޏެއް އަޑިއަށް ދަނީ

ކާޑު ބަރުކޮށްފައި އޮތް އެސްޓީއޯގެ ދޯންޏެއް އަޑިއަށް ދަނީ

25 ޑިސެމްބަރ 2016

އައްޑޫ އަށް ގެންދިއުމަށް ތިން ހާހެއްހާ ބަސްތާ ކާޑު ބަރުކޮށްފައި އޮތް އެސްޓީއޯގެ ދޯންޏެއް، މާލޭގެ ޓީޖެޓީ ސަރަހައްދަށް އަޑި އަށް ދާން ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އައްޑޫ އަށް ގެންދިއުމަށް ތިން ހާހެއްހާ ބަސްތާ ކާޑު ބަރުކޮށްފައި އޮތް އެސްޓީއޯގެ ދޯންޏެއް، މާލޭގެ ޓީޖެޓީ ސަރަހައްދަށް އަޑި އަށް ދާން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ހަނޑުލާއި ހަކުރު އަދި ފުށް ބަސްތާތައް ބަރުކޮށްފައި އޮތް "ކަހަނބު" ނަމަކަށް ކިޔާ މުދާ އުފުލާ އެސްޓީއޯގެ އެ ދޯނި އަޑި އަށް ދާން ފެށީ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރެވެ. އެކަން ހިނގަން މެދުވެރިވީ، އެނގިފައިވާ ގޮތުގައި، އެ ދޯނީގެ ބަނޑުފިލަ އިން މަޑުލެއް ނެއްޓިގެންނެވެ.

އެކަން އެސްޓީއޯގެ އޮފިޝަލަކު ވެސް ކަށަވަރުކޮށް ދެއްވި އެވެ. އެކަމަކު، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނަކު މިއަދު ވިދާޅުވި ގޮތުގައި ދޯނި ދިޔަވުން ކޮންޓްރޯލް ކުރަން އެމްއެންޑީއެފްގެ ޑައިވަރުން ޓީޖެޓީ ސަރަހައްދަށް ފީނައިގެން މަސައްކަތް ކުރަމުން ދިޔައަސް، އެކަން އަދި ކާމިޔާބު ވާ ގޮތެއް ނުވެ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ދޯނީގެ ފަށަނުގައި ވަރަށް ބޮޑު ބާގަނޑެއް އުފެދި، އެ ތަނުން ދޯނީގެ ތެރެ އަށް ފެން ވަންނަމުން ދާތީ އެވެ.

"އެކަމަކު، އެއްކޮށް އަޑިއަކަށް ނުދާނެ. އެއީ އެ ތަނުގެ އަޑީގައި ތިން ފައިކަށި ލީ ވަރަށް ބޮޑު ގަލެއް އިނީމަ،" ތަރުޖަމާނު ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓްގާޑާއި ފަޔަ އެންޑް ރެސްކިއު ގުޅިގެން ދޯނީގައި ހުރި މުދާ ސަލާމަތްކޮށް، ޖެޓީ މައްޗަށް ވަނީ އަރުވައިފަ އެވެ. އަދި ދޯނި ދިޔަވުން ކޮންޓްރޯލް ކުރަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ތަނުން ބުންޏެވެ.