Roadha Mihaaru
ކެމިކަލް ޖެހި މައްސަލައިގަ ދެވަނަ މީހަކު ހައްޔަރުކޮށްފި

ކެމިކަލް ޖެހި މައްސަލައިގައި ދެވަނަ މީހަކު ހައްޔަރުކޮށްފި

25 ޑިސެމްބަރ 2016

ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސްގެ މޫނަށް މީހަކު ރޭ ކެމިކަލް ޖެހި މައްސަލައިގައި ދެވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ށ. ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސްގެ މޫނަށް މީހަކު ރޭ ކެމިކަލް ޖެހި މައްސަލައިގައި ދެވަނަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނަކު މިރޭ ވިދާޅުވި ގޮތުގައި ޅައިމަގުން ހައްޔަރުކުރި ދެވަނަ މީހާ އަކީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. އެކަމަކު، އޭނާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަލައިގައި މިއަދު ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކޮށްފަ އެވެ.

ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ‎ޖެހުމުން، ފަރުވާ ދިނުމަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު އެވެ.

އުމުރުން ފަންސާހަކަށް އަހަރުގެ ހަލީމާގެ ގަޔަށް ކެމިކަލް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު، ގޭގެ ބޭރު ދޮރު ހުޅުވައިލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހަކު ކަމަށް ވެ އެވެ. އެއީ ކޮން ކަހަލަ ކެމިކަލެއްކަން ނޭނގުނަސް، ހަލީމާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މޫނު ދުޅަވި އެވެ. އެހެންވެ، އޭނާ އަށް މިހާރު އަންނަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

‎"އެކަން ކުރި މީހެއްގެ މަގުސަދެއް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަން ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަނީ،" ލައިމަގު ކައުންސިލްގެ ރައީސް އަބްދުލްގަނީ ކުރިން "މިހާރު" އަށް ވިދާޅުވެފައިވެ އެވެ.

‎އެނގިފައިވާ ގޮތުގައި ހަލީމާ އަކީ އެކަނި އުޅޭ މީހެކެވެ. އޭނާގެ ދަރިން އުޅެނީ އެހެން ގެއެއްގަ އެވެ.