Roadha Mihaaru
މީހަކު މަރާލި ޝެފްގެ ބަންދަށް 15 ދުވަސް

ބަންގްލަދޭޝް މީހާ މަރާލި ޝެފްގެ ބަންދަށް 15 ދުވަސް ޖަހައިފި

17 އެޕްރީލް 2022

ހުޅުމާލޭ ހާންޖީ ރެސްޓޯރަންޓުގައި ބަންގްލަދޭޝް މީހާ ގަޔަށް ވަޅި ހަރައި މަރައިލި ޝެފްގެ ބަންދަށް 15 ދުވަސް ޖަހަން ހުޅުމާލެ މެޖިސްޓްރޭޓުން އަމުރުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭ ހާންޖީ ރެސްޓޯރަންޓުގައި ބަންގްލަދޭޝް މީހާ ގަޔަށް ވަޅި ހަރައި މަރައިލި ޝެފްގެ ބަންދަށް 15 ދުވަސް ޖަހަން ހުޅުމާލެ މެޖިސްޓްރޭޓުން އަމުރުކޮށްފި އެވެ.

ނިރޮޅު މަގު 19 ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގައި ހިންގި އެ މާރާމާރީގައި، އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވެނީ އެތަނުގައި މަސައްކަތްކުރާ ޕާކިސްތާނު ޝެފް މުހައްމަދު އާބިދް، 26، ގެ މައްޗަށެވެ.

އަދި އެ ހަމަލާދިނުމަށް ފަހު އޭނާ އެތަނުން ފިލުމުން ރޭ މެންދަމު 2 ޖަހާކަންހާ އިރު ފުލުހުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުން އޭނާ ހޯދައިފަ އެވެ.

ފުލުހުން މިރޭ ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ގެންގޮސްފަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހަމަލާ ދިން ޕާކިސްތާނުގެ ޝެފަކީ އަބަދުވެސް ވަރަށް ރުޅިގަދަ މީހެއް ކަމަށެވެ. އޭނާ މީގެ ކުރިން ވެސް އެ ތަނުގެ މުއައްޒަފުންނާ ޒުވާބުކުރާ ކަމަށް ބުންޏެވެ.

މަރުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ 5:30 ވާން އުޅެނިކޮށް ކަމަށް ވިޔަސް މާރާމާރީ ހިންގައި ވަޅިހެރީ އޭގެ ދޮޅު ގަޑިއެއްހާއިރު ކުރިން ކަމަށް ބެލެވެ އެވެ. ހަމަލާ ދިން ކަމަށް ޝައްކުކުރެވޭ މީހާ ފިލަން އެތައް ވަގުތެއް ލިބުނުއިރު، ފުލުހުން ދިޔައިރު އޮތީ ސީން ވެސް ނައްތާލައިފަ އެވެ. މަރުވި މީހާގެ ގައިން އޮހޮރުނު ލޭތައް ވަނީ ރެސްޓޯރަންޓުގެ ހުރިހާ ތަނަކުން ވެސް ސާފުކޮށްފަ އެވެ. އަދި މަރުވި މީހާގެ ހަށިގަނޑު ވެސް އޮތީ ފެން އަޅައި ދޮވެ ސާފުކޮށްފަ އެވެ.