04 އޯގަސްޓް 2020
މުސާރައިގެ މައްސަލައިގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި ބިދޭސީން ރާއްޖެ އިން ފޮނުވާލައިފި އެވެ.
މުސާރައިގެ މައްސަލައިގައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުން ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި ބިދޭސީން ރާއްޖެ އިން ފޮނުވާލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ މަހުގެ 13 ގައި ބޭއްވި މުޒާހަރާގައި، ރާއްޖޭގެ ގާނޫނާ ހިލާފު ވެގެން ހައްޔަރުކުރި 41 ބިދޭސީއަކު ފުލުހުން ހަވާލުކުރި ކަމަށެވެ. އޭގެ ތެރެއިން ބަންގްލަދޭޝްގެ 38 މީހަކު މިހާރު ވަނީ ފޮނުވާލައިފަ އެވެ. ބާކީ ތިބީ އިންޑިއާގެ ތިން މީހެކެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އެ ގައުމުގެ ބޯޑަރު ބަންދު ކޮށްފައިވާތީ، އެ މީހުން ފުރުވައިލެވެންދެން މިވަގުތު ބައިތިއްބާފައި ތިބީ ޑިޓެންޝަން ސެންޓަރުގަ އެވެ.
ހުޅުމާލޭގައި ކުރި މުޒާހަރާގައި ބިދޭސީން އުކި ގަލުން ޖެހި ބައެއް ފުލުހުންނަށް އަނިޔާވެ، އެ ސަރަަހައްދުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ވެސް ތެޅުނެވެ. ރަޔަޓް ގިއަރުގައި ތިބި ފުލުހުންގެ ފައުޖެއް އެ ސަރަހައްދަށް ދިޔައީ އޭގެ ފަހުންނެވެ. އެކަމަކު މާ ބޮޑު ހަމަނުޖެހުމެއް ނެތި، މީހުން ކޮންޓްރޯލްކޮށް ސަރަހައްދު ކޯޑަންކޮށް، ބިދޭސީން ލޭބާ ކުއާޓާޒްގެ ގޯތި ތެރެއަށް ވެއްދި އެވެ. މީހުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.
މުސާރައިގެ މައްސަލައިގައި ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ.
އެ މުވައްޒަފުންގެ މުސާރައިގެ މައްސަލަ ހައްލުކުރަން ލޭބަ ރިލޭޝަން އޮތޯރިޓީން ވެސް މަސައްކަތްކުރި އެވެ.
އެ އޮތޯރިޓީގެ ޕްރޮގްރާމް އޮފިސަރު ހޫދު އައްބާސް އަހުމަދު ވިދާޅުވީ، ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލީ މުސާރަ ދިނުމަށް ފަހު ކަމަށް އައިލެންޑް އެކްސްޕާޓް ކުންފުނިން އަންގާފައިވާ ކަމަށެވެ. އެކަމުގެ ލިޔުންތައް ފޮނުވަން އަންގާފައިވާ ކަމަށާއި ނަމަވެސް އަދި އެ ލިޔުންތައް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
އެ މުޒާހަރާ އިން ހައްޔަރުކުރި ބިދޭސީންގެ ތެރެއިން އެމްޑީ ރޮނީ އަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ، އެޑްވޮގާޑޯގެ ވަކީލް އަހުމަދު ޝާފިއު "މިހާރު" އަށް ވިދާޅުވީ ހައްގުތައް ހޯދުމަށް ކަމާބެހޭ މުއައްސަސަތަކަށް ހުށަހެޅުމަށް ޕަވާ އޮފް އެޓާނީ ތައްޔާރުކޮށް، ރޮނީގެ ސޮއި ހޯދުމަށް އޭނައާ ބައްދަލުކުރަން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޕޮލިސް ކަސްޓޯޑިއަލް އަށް ހުށަހެޅި ކަމަށެވެ. އެކަމަކު މިދިޔަ މަހުގެ 25 ވަނަ ދުވަހު ރޮނީ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތުދިން ކަމަށާއި އެކަން ކޮށްފައިވަނީ ވަކީލުންނާ އެންގުމެއް ނެތި ކަމަށް ވެސް ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި، ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމުން އެކަމުގެ މައުލޫމާތު ސާފުކުރަން އެ އިދާރާ ވެސް އޭނާ ގުޅުއްވި އެވެ. އެކަމަކު ރަސްމީކޮށް އެފަދަ އެއްވެސް ކަމެއް ކަށަވަރެއް ނުކޮށްދިން ކަމަށް ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"މި ޚަބަރު ލިބުމާއެކު، އެކި ގޮތްގޮތުން އަޅުގަނޑުގެ މުވައްކިލާއި ބައްދަލުކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި. މި ކަންބޮޑުވުން ހިއުމަން ރައިޓްސް ކޮމިޝަނާއި ހިއްސާކޮށް މައްސަލަ ބަލަން އެދިފައިވޭ. އިމިގްރޭޝަންގެ ހޮޓްލައިނަށް ތަކުރާރުކޮށް ގުޅަން މަސައްކަތް ކުރިއަސް ފޯނަށް ޖަވާބު ނުދޭތީ މުވައްކިލާ ބައްދަލުކުރަން މަގުފަހިއެއް ނުވޭ،" ޝާފިއު ވިދާޅުވި އެވެ.
އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހެޅުމުން، ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނި ކަމަށް ޝާފިއު ވިދާޅުވި އެވެ. އޭގެ އިތުރުން ބިދޭސީންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޮނީއާ ހަވާލާ ދެއްވައި ޝާފިއު ވިދާޅުވީ، އެ ދުވަހު މީހުން ހައްޔަރުކުރީ ވެސް، މުޒާހަރާ ނިމުނުތާ އިރުތަކެއް ފަހުން، އެމީހުން އުޅޭ ތަނަށް ފުލުހުން ވަދެ ހޭންޑް ޕިކް ކޮށްގެންނެވެ. އޭގެ ތެރޭގައި މުޒާހަރާއަށް ނުދާ މީހުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވި ގޮތުގައި، ބިދޭސީންގެ މައްސަލައިގައި، ރާއްޖެ ވަނީ އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްއޯ) ގެ މުއާހަދާތަކާ ހިލާފުވެފަ އެވެ.
އައިލެންޑް އެކްސްޕާޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" އަށް ކުރިން ވިދާޅުވީ މައްސަލަ ހައްލުކޮށް މުވައްޒަފުންނަށް މުސާރަ ދޭން ފަށާފައިވާ ކަމަށެވެ. މުސާރައިގެ މައްސަލައިގައި މުވައްޒަފުން ދެން މުޒާހަރާ ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އޭނާ އޭރު ދެއްވި އެވެ.
މުސާރައިގެ މައްސަލައިގައި ބިދޭސީންގެ ބޮޑު ހަމަނުޖެހުމެއް
ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
ބިދޭސީންގެ ހަމަނުޖެހުން ބޮޑުވެ، ފުލުހުންނަށް ހަމަލަދީފި
މުސާރަ ނުދީގެން ބިދޭސީންތަކެއް މުޒާހަރާކޮށްފި
ހަމަނުޖެހުން ހިންގި މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި
މުދާތައް ނުވިއްކަން އައިލެންޑް އެކްސްޕާޓަށް އަންގައިފި
މުސާރަ ދޭން އައިލެންޑް އެކްސްޕާޓްގެ ތަކެތި ވިއްކާލަނީ
މުސާރަ ނުދީ ހަތް މަސް، ތާހިރުވާނެ ގޮތެއް ވެސް ނެތް!