Roadha Mihaaru
މުސާރަ ނުދީގެން ބިދޭސީންތަކެއް މުޒާހަރާކޮށްފި

މުސާރަ ނުދީގެން ބިދޭސީންތަކެއް މުޒާހަރާކޮށްފި

25 ޖޫން 2020

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ މިއަދު މުޒާހަރާ ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ މިއަދު މުޒާހަރާ ކޮށްފި އެވެ.

މިއަދު މެންދުރުން ފެށިގެން ކުރަމުން އަންނަ މުޒާހަރާގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ބައިވެރިވެފަ އެވެ. އެ ފްލެޓްތަކުގެ ތިރީގައި ތިބެ އެ މީހުން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އޭގެ ތެރެއިން ބިދޭސީއަކު "މިހާރު" އަށް ބުނީ އައިލެންޑް އެކްސްޕާޓް ކުންފުނިން ގިނަ ބިދޭސީންތަކަކަށް މުސާރަ ނުދޭ ކަމަށެވެ. އެގޮތުން ބައެއް ބިދޭސީންނަށް މުސާރަ ނުދޭތާ ހަތް މަސް ވެފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.

"ކޮންމެ މަހެއް ނިމޭއިރަށް އަންނަ މަހު ދޭނަމޭ ބުނަނީ. އެކަމަކު މުސާރައެއް ނުދޭ،" އެ ބިދޭސީ މީހާ ބުންޏެވެ.

ބިދޭސީން މުޒާހަރާ ކުރަނީ: އެ މީހުން ބުނަނީ މުސާރަ ނުދޭތާ ހަތް މަސް ވެފައިވާ ކަމަށް-- ފޮޓޯ: ސޯޝަލް މީޑިއާ

ބިދޭސީން މުޒާހަރާ ކުރަނީ: އެ މީހުން ބުނަނީ މުސާރަ ނުދޭތާ ހަތް މަސް ވެފައިވާ ކަމަށް-- ފޮޓޯ: ސޯޝަލް މީޑިއާ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ބިދޭސީ މުވައްޒަފުން މުޒާހަރާ ކުރަމުން އަންނަނީ ކުންފުންޏާ މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ. ނަމަވެސް އެތަނުގައި ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނިން އެ މީހުންނާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފްލެޓްތަކެއް އަޅަން ފެށީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެތައް އަހަރެއްވީ އިރު އަދި ވެސް އެ ތަނުގެ މަސައްކަތް ނިމިފައެއް ނުވެ އެވެ.