Roadha Mihaaru
ކުރެހުން ވަގަށްނެގި މައްސަލަ ޝިމްހާގު ކާމިޔާބުކޮށްފި!

އެރަންއާ ދެކޮޅަށް އެމެރިކާގެ ކޯޓުގައި ދިވެހި އާޓިސްޓް ޝިމްހާގު ކާމިޔާބުކޮށްފި

17 އެޕްރީލް 2022

ރާއްޖޭގެ ކުރެހުންތެރިޔާ އަލީ ޝިމްހާގުގެ ކުރެހުމެއް އެމެރިކާގެ މިއުޒިޝަނެއް ކަމަށްވާ އެރަން ކާޓާ ވަގަށް ނަގައި ބޭނުންކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާ ޝިމްހާގު ކާމިޔާބުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގެ ކުރެހުންތެރިޔާ އަލީ ޝިމްހާގުގެ ކުރެހުމެއް އެމެރިކާގެ މިއުޒިޝަނެއް ކަމަށްވާ އެރަން ކާޓާ ވަގަށް ނަގައި ބޭނުންކުރި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާ ޝިމްހާގު ކާމިޔާބުކޮށްފި އެވެ.

މިއީ މިފަދަ ކޮޕީރައިޓްގެ މައްސަލައެއް ބޭރު ގައުމެއްގެ ކޯޓުގައި ދިވެއްސަކު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ސިންގާއެއްގެ މޫނު ސިފަކޮށްދޭ ގޮތަށް ޝިމްހާގު ކުރަހާފައިވާ ޑިޖިޓަލް ކުރެހުން އޭނާގެ ފޭސްބުކް ޕޭޖް، ޑިޖިޓަލް ކެމިސްޓް އާޓްސް އަށް ލާފައި ވަނިކޮށް އެރަން އެ ކުރެހުން ނަގައި ބޭނުންކުރީ ސެޕްޓެމްބަރު، 2019 ގަ އެވެ. އަދި އެ މައްސަލަ ހޫނުވެ، އެރަންއާ ދެކޮޅަށް އޮންލައިން ކެމްޕޭނެއް ޝިމްހާގު ހިންގަން ފެށުމުން އާރޮން ވަނީ އޭނާގެ އިންސްޓަގްރާމުން ކުރެހުން ޑިލީޓްކޮށްލައިފަ އެވެ.

ނަމަވެސް ޝިމްހާގު ވަނީ އޭނާގެ ހުއްދަ ނެތި ފިކުރީ މުދަލަކަށް އަރައިގެންފައިވާތީ އޭނާގެ މައްޗަށް ނިއު ޔޯކްގެ ކޯޓެއްގައި ދައުވާކޮށްފަ އެވެ.

"މިހާރު" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޝިމްހާގު ބުނީ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގައި ދެ އަހަރު ދުވަހު ކުރި މަސައްކަތުން މިއަދު އެރަންގެ މައްޗަށް ދައުވާ ސާބިތުވެ، މައްސަލަ ކާމިޔާބުކޮށްފައިވާ ކަމަށެވެ.

ޝިމްހާގުގެ ގާނޫނީ ވަކީލުން އެރަންއާ ދެކޮޅަށް ހުށަހެޅީ އެމެރިކާގެ ކޮޕީރައިޓްސް ގާނޫނުގެ ދަށުން މާލީ ބަދަލު ހޯދުމަށެވެ.

އެ މައްސަލާގައި ގެއްލުމުގެ ބަދަލާއި މާލީ ބަދަލުގެ އިތުރުން ވަކީލުންގެ ފީތައް ވެސް ދައްކަން އެރަންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށާއި އޭނާ އެ ފައިސާ ދައްކާފައިވާ ކަމަށް ވެސް ޝިމްހާގު ބުންޏެވެ. ނަމަވެސް އެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

ދިވެހި އާޓިސްޓް ޝިމްހާގްގެ ޑިޖިޓަލް ކުރެހުމެއް--

ދިވެހި އާޓިސްޓް ޝިމްހާގްގެ ޑިޖިޓަލް ކުރެހުމެއް--

"އިތުރު އިންފްރިންޖްމަންޓްތަކުން އޭނާ ސަލާމަތްކުރުމަށް އަޅުގަނޑުގެ ކޮސްމިކް ސިންގާގެ އާޓްވޯކް މިހާރު ވަނީ އެމެރިކާގެ ކޮޕީރައިޓް އޮފީހުގައި ރަޖިސްޓްރީކޮށްފައި،" ޝިމްހާގު ބުންޏެވެ.

ޝިމްހާގްގެ ގާނޫނީ ވަކީލެއް ގޮތުގައި މަސައްކަތް ކުރެއްވި ޝާއިފާ ޝާހިދު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގައި އެފަދަ މައްސަލަތަކުގައި އާޓިސްޓުންނަށް ގާނޫނީ ރައްކާތެރިކަން ނުލިބޭ ކަމަށާއި އުފެއްދުންތެރިންނާއި ފަންނާނުންނާއި އެހެނިހެން ނާޒުކު ގިންތިތަކުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރަން ގާނޫނީ އޮނިގަނޑު މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ލޯކަލް އާޓިސްޓެއްގެ ހައްގަކަށް އަރައިގަނެވިއްޖެ ހިނދެއްގައި، އެ ކުރެހުންތެރިއެއްގެ ހައްގުތައް ލޯކަލް ގާނޫނުތަކުން ހިމާޔަތްކުރަންވާނެ،" ޝާއިފާ ވިދާޅުވި އެވެ.

އެ މައްސަލާގައި ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު ހަމްޒާ ހަލީލް ވިދާޅުވީ ޝިމްހާގުގެ މައްސަލައާ ގުޅިގެން ރާއްޖޭގެ ކޮޕީރައިޓް ގާނޫނު އޮތް ހާލަތާ މެދު ވިސްނާލުން މުހިންމު ކަމަށެވެ.

ރާއްޖޭގައި ފިކުރީ މުދާ ރަޖިސްޓާކޮށް ޕޭޓަންޓް ކުރެވެން ޖެހޭ ކަމަށާއި އެކަމުގައި އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ޒިންމާ މުހިންމު ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ޝިމްހާގުގެ މައްސަލާގައި ޝާއިފާ އާއި ހަމްޒާ މަސައްކަތް ކުރެއްވީ އެމެރިކާގެ ލޯފާމެއް ކަމަށްވާ ސެންޑާޒް ލޯ ގްރޫޕްއާ އެކުގަ އެވެ.