Roadha Mihaaru
މި އާޓިސްޓް ބޭނުންވަނީ އުދުހިލާނެ ފުރުސަތެއް

މި އާޓިސްޓް ބޭނުންވަނީ އުދުހިލާނެ ފުރުސަތެއް

22 މާޗް 2024

ށ. ގޮއިދޫގެ ދިރިއުޅުން ބަލައިލަން އަހަރެމެންނަށް ލިބުނީ އެންމެ ދުވަހެކެވެ. އެކަމަކު މިއީ އެންމެ ދުވަހަކު ތިބެފައި ފުރައިގެންދާ ވަރުގެ ރަށެއް ނޫން ކަން އެނގުނީ މާ ފަހުންނެވެ. މި ރަށުން ދިމާވި ކިތައްމެ މީހަކު ވެސް އަހަރެމެން ގާތުގައި އެހެން ބުންޏެވެ. މި ރަށުގައި މުޅިން ވެސް ތިބީ ހުނަރުވެރިންނެވެ. ތަފާތު އެކި މަސައްކަތްތަކަށް ކުޅަދާނަ، ހީވާގި މީހުންނެވެ. އެމީހުންގެ ޝައުގުވެރި ވާހަކަތައް އަޑުއަހައި ފޫހިނުވާނެ އެވެ.

އިފްރާޒް އަލީ ށ. ގޮއިދޫން އިފްރާޒް އަލީ

ށ. ގޮއިދޫގެ ދިރިއުޅުން ބަލައިލަން އަހަރެމެންނަށް ލިބުނީ އެންމެ ދުވަހެކެވެ. އެކަމަކު މިއީ އެންމެ ދުވަހަކު ތިބެފައި ފުރައިގެންދާ ވަރުގެ ރަށެއް ނޫން ކަން އެނގުނީ މާ ފަހުންނެވެ. މި ރަށުން ދިމާވި ކިތައްމެ މީހަކު ވެސް އަހަރެމެން ގާތުގައި އެހެން ބުންޏެވެ. މި ރަށުގައި މުޅިން ވެސް ތިބީ ހުނަރުވެރިންނެވެ. ތަފާތު އެކި މަސައްކަތްތަކަށް ކުޅަދާނަ، ހީވާގި މީހުންނެވެ. އެމީހުންގެ ޝައުގުވެރި ވާހަކަތައް އަޑުއަހައި ފޫހިނުވާނެ އެވެ.

ގޮއިދޫގެ ޒުވާނެއް ކަމަށްވާ ހުސެއިން ވަހީދުއާ ވެސް ބައްދަލުވީ މި ރަށުގެ އެކި މީހުންނާ ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިންނެވެ. އަހަރެމެން ބޭނުންވީ ތަފާތު މަސައްކަތެއް ކުރާ ޒުވާނެއް ހޯދާށެވެ. އެހެން ބުނުމާ އެކު އަހަރެމެން ގެންދިޔައީ މި ޒުވާނާގެ ގެއަށެވެ.

ހުސެއިންގެ ބައެއް ކުރެހުންތައް.

ހުސެއިންގެ ބައެއް ކުރެހުންތައް.

ހުސެއިންނަކީ އާޓިސްޓެކެވެ؛ ކުރެހުންތެރިއެއް އެކަންޏެއް ނޫނެވެ. އާޓްއާ ގުޅޭ ތަފާތު އެކި ކަންކަން އޭނާ ދަނެ އެވެ.

އޭނާ ކޮށްފައި ހުރި މަސައްކަތެއް ދައްކާލަން އެދުމުން ގެއަށް ވަދެފައި ނުކުތީ ދެ ކެންވަސް ހިފައިގެންނެވެ. އޭގައި ރީތި މަންޒަރުތަކެއް ކުރަހާފައިވެ އެވެ. ގޭގެ ފާރު ކައިރީގައި ހުރި ހޮޅިއެއްގައި މި ދެ ކެންވަސް ހަރުކޮށް މި އިންޓަވިއު ފެށީމެވެ.

ހުސެއިން ގެއިން ނެރެގެން ގެނައި ދެ ކެންވަސް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުސެއިން ގެއިން ނެރެގެން ގެނައި ދެ ކެންވަސް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުސެއިންނަށް އާޓްގެ ދުނިޔެއަށް ވަދެވުނީ ނޭނގުމެއްގެ ތެރެއިންނެވެ. ސްކޫލް ދައުރުގައި ކުލާހުގައި އިނދެގެން ފަންސޫރުން ފޮތްތަކުގައި އެކި އެއްޗެހި ކުރަހަން ފެށި ގޮތަށް އޭނާ އެކަން އަދިވެސް ހުއްޓާ ނުލަ އެވެ. ސްކޫލް ނިމި މިހާ ހިސާބަށް އައިރު އޭނާގެ މިކަމުގައި ވަރަށް ގަދަކޮށްފި އެވެ. ހަމައެކަނި ކުރެހުމަކުން ނޫނެވެ. އާޓުގެ އެކި ހުނަރުތަކުންނެވެ.

ކެންވަސްގައި ކުރެހުމުގެ އިތުރުން ލަކުޑި ފޮއްޗާއި ކާއްޓާއި ބޮއްޔާއި ބިއްލޫރިފުޅީގައި ވެސް ކުރަހަ އެވެ. އުފެދުނު ޝައުގުވެރިކަމަކުން ފެށުނު މި މަސައްކަތުން ނަފާ ހޯދުމަށް އޭނާ މި އެއްޗެހި ރިސޯޓުތަކަށާއި ސުވެނިއާ ޝޮޕްތަކަށް އޯޑަރަށް ހަދައިދެ އެވެ.

ހުސެއިންގެ ބައެއް މަސައްކަތްތައް.

ހުސެއިންގެ ބައެއް މަސައްކަތްތައް.

މި ރަށުގައި ހިންގާ އިވެންޓުތަކަށާއި މުބާރާތްތަކަށް ސްޓޭޖު ބެކްޑްރޮޕް ވެސް ހަދައިދެ އެވެ. ރަށުގައި ފާހަގަކުރި އެކި މުނާސަބަތުތަކަށް މޮނިއުމެންޓުތައް ވެސް ހަދައިދިނެވެ. ކުދިކުދި ދޯންޏާއި ބޯޓު ހަދަ އެވެ. ޓްރޮފީ ހަދަ އެވެ. ސިމެންތި ޕޮޓާއި އޭގެން އަދިވެސް ތަފާތު އެހެން އެއްޗެހި ހަދަން ދަނެ އެވެ. ވުޑް ކާވިންގެ މަސައްކަތް ވެސް އެނގެ އެވެ. އަދި ވަރަށް ފަހު ލިޔެލާ ޖަހަން ވެސް ދަސްކޮށްފި އެވެ.

"ލިޔެލާ ޖަހަން ދަސްކުރީ ހަމަ އެކަމަށް އެންމެ ކުޅަދާނަ ބ. ތުޅާދު އަށް، ސީދާ މިކަން ދަސްކުރަން ގޮސްގެން،" އޭނާ ބުންޏެވެ.

މި ހުނަރު ބޭނުންކޮށްގެން އޭނާ މިހާތަނަށް ކުރި އެންމެ ބޮޑު އަދި ބުރަ މަސައްކަތަކަކީ 2015 ވަނަ އަހަރު މި ރަށުގައި ބޭއްވި މި އަތޮޅުގެ ގުރުއާން މުބާރާތައް އޭނާ ތައްޔާރުކޮށްދިން ސްޓޭޖެވެ. އެ ސްޓޭޖުގެ ތިން ފާރާއި ސީލިންގުގައި އޭނާ ކުރެހި މަންޒަރުން ފެންނަނީ ރީތި މިސްކިތެކެވެ.

ށ. އަތޮޅުގެ ޤުރުއާން މުބާރާތައް 2015 ވަނަ އަހަރު ހުސެއިން ތައްޔާރުކޮށްދިން ސްޓޭޖު.

ށ. އަތޮޅުގެ ޤުރުއާން މުބާރާތައް 2015 ވަނަ އަހަރު ހުސެއިން ތައްޔާރުކޮށްދިން ސްޓޭޖު.

"އެއަށް ވުރެ ބޮޑު މަސައްކަތެއް އަދި ނުކުރެވޭ،" ފެނަކައިގައި މަސައްކަތް ކުރަމުން އޭނާ އަށް ލިބޭ ހުސްވަގުތުތަކުގައި ކުރާ މި މަސައްކަތާ ގުޅޭ ގޮތުން ހުސެއިން ބުންޏެވެ.

ހުސެއިން ބުނި ގޮތުގައި، އޭނާ އަބަދުވެސް އެންމެ ކުރަހާ ހިތްވަނީ ރާއްޖޭގެ ރީތިކަން ދައްކައިދޭ މަންޒަރުތަކެވެ.

ހުސެއިން ކުރަހާފައިވާ މަންޒަރެއް.

ހުސެއިން ކުރަހާފައިވާ މަންޒަރެއް.

"އެންމެ ހިތްހަމަޖެހިގެން ގިނަ ފަހަރަށް ކުރަހާލެވެނީ މޫދު ފެންނަ ދުވާލުގެ ޕެއިންޓިންތައް. އެއީ އުޑުމަތީގެ ރީތި ކަމާއި ދޫނި އެއްޗެހި ލައިފައި،" އޭނާ ބުންޏެވެ.

"މި ރާއްޖެ ރީތިކޮށް ސިފަވާ މަންޒަރުތައް. އޭގައި ކަނޑާއި މޫދާއި ގޮނޑުދޮށާއި ރުށްތަކާއި ގަސްތަކާއި ނޫނީ ކަނޑުއަޑީގެ ދިރުންތައް ފެންނަ ގޮތަށް ވަރަށް ހިތްހަމަޖެހޭ އެކަހަލަ ޕެއިންޓިންއެއް ކުރަހާލަން."

ގޮއިދޫގެ ކުޑަކުދިންގެ ޕާކުގެ ތެރޭގައި ހުސެއިން ސިމެންތި ބޭނުންކޮށްގެން ހަދާފައިވާ ކިނބުލެއް.

ގޮއިދޫގެ ކުޑަކުދިންގެ ޕާކުގެ ތެރޭގައި ހުސެއިން ސިމެންތި ބޭނުންކޮށްގެން ހަދާފައިވާ ކިނބުލެއް.

ރަށުގައި ހުރެގެން އާޓިސްޓެއްގެ ގޮތުގައި ކުރިއަަށް ދެވޭނެ އެންމެ ދުރަށް އޭނާއަށް މިހާރު ދެވިއްޖެ އެވެ. އޭނާގެ ހުނަރާ މެދު ޝައްކެތް ނެތެވެ. އެހެންވެ އޭނާ މިހާރު ބޭނުންވަނީ އުދުހިލަން ފުރުސަތެކެވެ. އޭނާގެ މި ހުނަރު ގިނަ ބަޔަކަށް ދައްކާލެވޭނެ ފުރުސަތެކެވެ.

"މިހާރު ބޭނުންވަނީ ފުރުސަތު، އެގްޒިބިޝަނެއް ވިޔަސް ބާއްވަން،" އޭނާ ބުންޏެވެ.

ހުސެއިން ހަދާފައިވާ މޮނިއުމެންޓެއް.

ހުސެއިން ހަދާފައިވާ މޮނިއުމެންޓެއް.

މި ހުރިހާ ވާހަކައަކަށް ފަހުގައި، އޭނާ ގެއިން ނެރެގެން ގެނައި ދެ ކެންވަސްގައި ފެންނަ މަންޒަރުތަކަކީ ކޮން ތަންތަނެއް ކަން ކިޔައިދިނެވެ. އޭގެން އެއް ކެންވަސްގައި ފެންނަނީ މި ރަށުގައި އޮންނަ ކުޑަކުޑަ ބަނދަރެވެ. އަދި ދެވަނަ ކެންވަސް އިން ފެންނަނީ މީގެ އަހަރުތަކެއް ކުރިން އޭނާގެ މަންމަގެ ގޭގެ ބޭރު ހުރިގޮތް ފެންނަ ފޮޓޯއެއް ބަލައިގެން ކުރަހާފައިވާ ތަސްވީރެކެވެ.