Roadha Mihaaru
ލުނބޯ ކިލޯއެއްގެ އަގު 70ރ. އަށް ވެއްޓިއްޖެ

ލުނބޯ ކިލޯއެއްގެ އަގު 70ރ. އަށް ވެއްޓިއްޖެ

13 އެޕްރީލް 2022

ބާޒާރުގައި ލުނބޯޯގެ ކިލޯއެއްގެ އަގު 70ރ. އަށް ވެއްޓިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބާޒާރުގައި ލުނބޯޯގެ ކިލޯއެއްގެ އަގު 70ރ. އަށް ވެއްޓިއްޖެ އެވެ.

މި ރޯދަ މަސް ފެށިފަހުން ބާޒަރުގައި ލުނބޯގެ އަގު ހުރީ ކިލޯއެއް 100ރ.-150ރ. އާ ދެމެދުގަ އެވެ. ނަމަވެސް މިއަދު ބާޒާރުގެ ގިނަ ތަންތަނުގައި ލުނބޯ ކިލޯއެއް 70ރ. އަށް ލިބެ އެވެ. ބައެއް ފިހާރަތަކުން ކިލޯއެއް 75ރ. އަށް ވެސް ވިއްކަ އެވެ.

ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ލުނބޯ އަގުބޮޑުވީ އާދަޔާ ހިލާފަށް ޑިމާންޑު ބޮޑުވެ، ރާއްޖެއަށް ލުނބޯ ގެނައުމުގައި ދަތިތަކާ ދިމާވުމުންނެވެ. ރޯދަ މަސް ފެށިއިރު ރާއްޖޭގައި ލުނބޯ ލިބެން ހުރީ ވެސް މަދު ފިހާރަޔަކުންނެވެ.

ލުނބޯގެ އާ ޝިޕްމަންޓުތަކެއް މި ހަފުތާގައި ރާއްޖެއަށް ވަނީ ލިބިފަ އެވެ. މި ހަފުތާގައި ވެސް އިތުރު ޝިޕްމަންޓުތަކެއް ލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އާއްމުކޮށް ލުނބޯ ކިލޯއެއް ލިބެން ހުންނަނީ 30ރ. - 40ރ. އާ ދެމެދުގަ އެވެ. ވިޔަފާރިވެރިން ބުނީ އެ ވަރަށް އަގު ދަށްވާން އަދި ދުވަސްތަކެއް ނަގާނެ ކަމަށެވެ.

ބާޒާރުގައި ފިހާރައެއް ހިންގާ މީހަކު "މިހާރު" އަށް ބުނީ ލުނބޯގެ އަގު އާއްމުކޮށް ހުންނަ ވަރަށް ތިރި ނުކުރެވެނީ ހޯލްސޭލްކޮށް ލުނބޯ އަގުބޮޑުކޮށް ލިބެން ހުރުމުން ކަމަށެވެ. އޭނާ ބުނީ އަށް ކިލޯގެ ކޭހެއް މިވަގުތު ލިބެން ހުރީ 500ރ. އަށް ކަމަށެވެ.

"ކޭހެއް 500ރ. އަށް ލިބެނީ. އެ ގެނެސް އޭގަ ހުންނާނެ ހަލާކުވެފައި ހުންނަ ލުނބޯ ވެސް. އެ އެއްޗެހ ސާފުކޮށްފައި ކިރިޔާ ހައެއްކަ ކިލޯ ވިއްކަން މި ލެވެނީ،" އޭނާ ބުންޏެވެ.

އާއްމުކޮޮށް ރާއްޖެއަށް ލުނބޯ ގެންނަނީ ކަނޑުމަގުންނެވެ. ނަމަވެސް މި ދުވަސްވަރު ޝިޕިންގައި ދިމާވަމުން އަންނަ މައްސަލަތަކާ ގުޅިގެން މުދާ ލިބުމުގައި ލަސްވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އެހެންވެ، މި ރޯދަ މަސް ފެށުނު ފަހުން ލުނބޯ ގެނައީ އެއާ ފްރެއިޓް ކޮށެވެ. އެއީ ވެސް އަގު އުފުލެން ދިމާވި ސަބަބެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ލުނބޯ ގެންނަނީ ސްރީ ލަންކާ އާއި އިންޑިއާ އާއި ޔޫއޭއީންނެވެ.