Roadha Mihaaru
ލުނބޯ ކިލޯއެއް 100ރ. އިން މަތީގައި

ރޯދަމަސް ފެށޭއިރު ލުނބޯ ކިލޯއެއް 100ރ. އިން މަތީގައި

24 މާޗް 2022

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100ރ. އަށް ވުރެ ބޮޑުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 100ރ. އަށް ވުރެ ބޮޑުވެއްޖެ އެވެ.

މިއަދު ބާޒާރުގެ ފިހާރަތަކާއި މަރުކޭޓުގެ ގޮޅިތަކުގައި ވެސް 100 އިން ދަށުން ލުނބޯ ކިލޯއެއް ލިބޭކަށް ނެތެވެ. ބައެއް ތަންތަނުގައި ކިލޯއެއް 100ރ. އަށް ހުރި އިރު ބައެއް ފިހާރަތަކުގައި 110ރ. އަށް އަދި 120ރ. އަށް ވެސް ހުއްޓެވެ.

ބާޒާރުގައި ލުނބޯގެ އަގު އުފުލެމުން އަންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. އާންމު ގޮތެއްގައި 30ރ. އިން ދަށުގައި ލުނބޯ ކިލޯއެއްގެ އަގު އުޅުނަސް މިދިޔަ ހަފުތާގައި ލުނބޯ ކިލޯއެއްގެ އަގު 75ރ. ގަ އެވެ. މިހާރު 100 އިން މަތީގައި އަގު ހުރި އިރު ގިނަ ފިހާރަތަކުގައި ލުނބޯ ނުވެސް ނެތެވެ.

"މިހާރު" އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ތުހުމަތުކުރި ގޮތުގައި ލުނބޯގެ އަގު ބޮޑުވީ ރޯދަމަހާ ދިމާކޮށް ބައެއް ވިޔަފާރިވެރިން ސްޓޮކް ހިފަހައްޓައިގެން އުޅޭތީ އެވެ. އޭނާ ބުނީ ކޮންމެ ރޯދަ މަހަކާ ދިމާކޮށް ވެސް އެފަދަ ކަންކަން ވިޔަފާރިވެރިން ކުރާ ކަމަށާއި މިދިޔަ އަހަރު ވެސް އެގޮތަށް ލުނބޯގެ އަގު އަރުވަން ބަޔަކު ގަސްތުގައި ސަޕްލައި ތާށިކޮށްލި ކަމަށެވެ.

"ކުޑަ ފައިދާއެއް ލާފައި ވިއްކުން މައްސަލައެއް ނޫން. އެކަމަކު މިހާރު މާ އަގުބޮޑުކޮށް އެ ވިއްކަނީ. ބައެއް މީހުން ގަސްތުގައި ރޯދަ މަސް އަންނަތީ މިވަގުތު ގިނަ މީހުން ލުނބޯ ގަންނާނެތީ އެ ހިފަހައްޓައިގެން ތިބޭ އަގުބޮޑުކުރަން ވެގެން،" އެ ވިޔަފާރިވެރިޔާ ކިޔައިދިނެވެ.

އޭނާ ބުނީ މިރޭ ލުނބޯގެ އާ ޝިޕްމަންޓްތައް ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި އޭގެ ފަހުން އަގު ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރިއަށް އޮތް ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް ވިޔަފާރިވެރިން ވަނީ ލަފާކޮށްފަ އެވެ. ގިނަ ވިޔަފާރިވެރިން ބުނާ ގޮތުގައި ތަކެތީގެ އަގު ބޮޑުވާނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާތީ އެވެ. އަދި ރާއްޖެއަށް މުދާ ގެންނަން ކުރާ ހަރަދު ވެސް ބޮޑު ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.