Roadha Mihaaru
އެޗްޑީސީގެ 10 ބިލިއަނުގެ ލޯނުން 6 ބިލިއަން ހިޔާއަށް

އެޗްޑީސީގެ 10 ބިލިއަނުގެ ލޯނުން 6 ބިލިއަން ހިޔާ މަޝްރޫއަށް

11 އެޕްރީލް 2022

އެޗްޑީސީން މިހާތަނަށް ލޯނުގެ ގޮތުގައި 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ) ގެ ތެރެއިން 400 މިލިއަނެއްހާ ޑޮލަރު (ހަ ބިލިއަން ރުފިޔާ) އަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނު ކަމަށާއި މި މަޝްރޫއުގެ ލޯނު ރަނގަޅަށް މެނޭޖް ނުކުރެއްވިއްޖެ ނަމަ ކުންފުންޏަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އޮޑިޓަ ޖެނެރަލް ހުސެން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެޗްޑީސީން މިހާތަނަށް ލޯނުގެ ގޮތުގައި 700 މިލިއަން ޑޮލަރު (10.7 ބިލިއަން ރުފިޔާ) ގެ ތެރެއިން 400 މިލިއަނެއްހާ ޑޮލަރު (ހަ ބިލިއަން ރުފިޔާ) އަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނު ކަމަށާއި މި މަޝްރޫއުގެ ލޯނު ރަނގަޅަށް މެނޭޖް ނުކުރެއްވިއްޖެ ނަމަ ކުންފުންޏަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އޮޑިޓަ ޖެނެރަލް ހުސެން ނިޔާޒީ މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ މައްސަލާގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނިޔާޒީ ވިދާޅުވީ މިއީ ވަރަށް ރަނގަޅަށް މެނޭޖްކުރަންޖެހޭނެ ޕްރޮޖެކްޓެއް ކަމަށާއި މިހާރު ވެސް 30 ޕަސެންޓް ލޯނު ޑިފޯލްޓްގައި އެބަ އުޅޭ ކަމަށެވެ. އެހެންވެ ހާއްސަ ސަމާލުކަމެއް ދީގެން ކުންފުނިން ސްކީމްތަކުގެ ފައިސާ ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ހިޔާ ފްލެޓްތަކުގެ މަހު ކުލި 6،600ރ. އަށް ކުޑަކުރިޔަސް ލޯނު ދައްކަން އިތުރު 9.2 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.

އެޗްޑީސީން އެންމެ ފުރަތަމަ ސާވިސް ފީއާ އެކު ފްލެޓެއްގެ މަހު ކުއްޔަށް ކަނޑައެޅީ 11،000ރ. އެވެ. އެ އަގަށް ބެލިޔަސް މުޅި ޕްރޮޖެކްޓްގެ ތެރޭގައި ގާތްގަނޑަކަށް އެ ކުންފުންޏަށް 2.1 ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް އޮތީ ބެލެވިފަ އެވެ.

"އެޗްޑީސީން ފުރަތަމަ ހުށަހަޅާފައި އޮތީ ވިޔަފާރީގެ އުސޫލުން ސަސްޓެއިނަބަލް އަގެއްގެ ގޮތުގައި އެ ކުންފުންޏަށް އެކަން ކުރެވޭނެ އަގު،" ނިޔާޒީ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒްކޮށް 8،500ރ. އަށް ބަދަލުކުރުމުން 138 މިލިއަނުގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި ޕްރޮޖެކްޓްގެ މުއްދަތުގައި ކުރިމަތިވާނެ ކަމަށެވެ. އަދި 6،600ރ. އަށް އަގު ކުޑަކޮށްފި ނަމަ، 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އަންނާނެ ކަމަަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް ނިޔާޒީ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް ނިޔާޒީ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިޔާޒީ ވިދާޅުވީ 11،000ރ. ގެ ކުއްޔެއް ނެގިޔަސް މުޅި މަޝްރޫއުގެ މުއްދަތުގައި 2.4 ބިލިއަން ރުފިޔާގެ ފައިނޭންސިން ފެސިލިޓީއެއް ނަގަން ޖެހޭ ކަމަށް ކުންފުންޏަށް ލަފާކުރެވޭ ކަމަށެވެ. އެކަމަކު މުޅި ޕްރޮޖެކްޓްގެ ތެރޭގައި ޕޮޒިޓިވް ކޭޝް ފްލޯއެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ކޮންމެ ގޮތެއް ވިޔަސް މުޅި ޕްރޮޖެކްޓްގެ މުއްދަތުގައި އިތުރު ފައިނޭންސިން ފެސިލިޓީތައް ނަގަން ޖެހޭނެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ކޮމާޝަލް ރޭޓެއްގައި ލޯނެއް ނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫއާ ގުޅިގެން ނިޔާޒީ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓެއްގެ އަގަށް 25 އަހަރަށް މަހަކު 7،500ރ. ދައްކަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލުތަކާ އެކު ވެސް ސަރުކާރުގެ ބަޖެޓުން ލޯނު ދެއްކުމަށް އިތުރަށް 3.2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ ލޯނު ނަގައިގެން ނަމަވެސް ނުވަތަ ދައުލަތުން ސަބްސިޑީ ދީގެން ނަމަވެސް އެކަން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އޭރުގެ ސަރުކާރުން ފްލެޓް ކުއްޔަށް 5،600ރ. ކަނޑައަޅާފައި ވަނީ ނުބައިކޮށް ހިސާބު ޖަހައިގެން ކަމަށް ސަރުކާރުން ބުނާ ވާހަކަ ނިޔާޒީ ވެސް ތަކުރާރުކުރެއްވި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވިދާޅުވީ އެ އަގު ކަނޑައެޅިއިރު ބިމުގެ އަގާއި އެތަނުގެ އެހެން ހިދުމަތްތަކުގެ އަގު ވެސް ނުހިމެނޭ ކަމަށާއި ލޯނު ރިޕޭ ޕީރިއަޑްގައި އޮންނަ އިންޓަރެސްޓް ވެސް އޭގެ ތެރޭގައި ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން މިއަދު ކޮމިޓީގައި، އޮޑިޓަ ޖެނެރަލް އޮފީހުގެ ޕްރެޒެންޓޭޝަނެއް ބައްލަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން މިއަދު ކޮމިޓީގައި، އޮޑިޓަ ޖެނެރަލް އޮފީހުގެ ޕްރެޒެންޓޭޝަނެއް ބައްލަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ލޯނު ނަގާފައި ވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓެއްގައި 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އެކަމަކު މި ސަރުކާރުން ވަނީ ބިމުގެ އަގާއި މެނޭޖްމެންޓް ފީތައް ކަނޑައިލުމަށް ފަހު، ފްލެޓެއްގެ އަގު އެއް މިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ. ފްލެޓް އަޅަން ނެގި ލޯނުގެ އިންޓްރެސްޓް 6.7 ޕަސެންޓަށް ކުޑަކޮށް ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތު 25 އަހަރުގެ މުއްދަތަށް ސަރުކާރުން ވަނީ އިތުރުކޮށްފަ އެވެެ.

އެޗްޑީސީން މިހާރު މަސައްކަތްކުރަމުން އަންނަނީ 200-300 މިލިއަން ޑޮލަރުގެ ބޮންޑް އިޝޫކުރުމަށް ކަމަށާއި އެގޮތަށް އެކަން ކޮށްގެން ނޫން ގޮތަކަށް އެޗްޑީސީގެ ކޭޝް ފްލޯގެ ކަންކަން ހަމަޖެއްސިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ނިޔާޒީ ވިދާޅުވި އެވެ.

"ފްލެޓް ގަތް މީހުން ވެސް ކަނޑައެޅިފައި އޮތް ގޮތަށް ފައިސާ ދައްކަން ޖެހޭ. ނޫނިއްޔާ އެޗްޑީސީއަށް މާލީ ގެއްލުން ކުރިމަތިވާނެކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރެވެނީ. އަޅުގަނޑުމެން އަވަށްޓެރި ސްރީ ލަންކާއަށް ވެސް ދިމާވެގެން އުޅޭ މައްސަލައަކީ ރަނގަޅަށް ލޯނުތައް މެނޭޖް ނުކުރެވުމުގެ މައްސަލަ،" ނިޔާޒީ ވިދާޅުވި އެވެ.

ރާއްޖެއިން ވެސް ބޮޑެތި ލޯނުތައް ނަގާފައިވާތީ ސްކީމްތަކުގެ ފައިސާ ހޯދައިގެން ރަނގަޅަށް ލޯނު މެނޭޖްކުރުމަށް ނިޔާޒީ ލަފާދެއްވި އެވެ.