Roadha Mihaaru
"އޮޅުމަކުން" މިނިސްޓަރު ހާޒިރުކޮށް ސުވާލުކޮށްފި

"އޮޅުމަކުން" މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ބައިގަޑިއެއްހާ އިރު ސުވާލުކޮށްފި

11 އެޕްރީލް 2022

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ފަރާތުން ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސުވާލު ފޮނުވާފައި ވަނިކޮށް، "އޮޅުމަކުން" މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށް ބައިގަޑިއެއްހާއިރު ސުވާލު ކުރުން ކުރިއަށް ގެންގޮސްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ފަރާތުން ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސުވާލު ފޮނުވާފައި ވަނިކޮށް، "އޮޅުމަކުން" މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށް ބައިގަޑިއެއްހާއިރު ސުވާލު ކުރުން ކުރިއަށް ގެންގޮސްފި އެވެ.

މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ވެސް އޮތީ އައިސްޕްލާންޓެއް ހެދުމުގެ މަޝްރޫއަކާ ގުޅޭ ގޮތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު، ޑރ. ހުސެއިން އާ ސުވާލު ކުރުމެވެ.

ޖަލްސާ ފެށުމަށް ފަހު މިނިސްޓަރާ ސުވާލު ކުރުން ގާތްގަނޑަކަށް ވިއްސަކަށް މިނެޓު ވަންދެން ކުރިޔަށް ގެންދިޔަ އެވެ. އަދި އެހެން ބައެއް މެމްބަރުން ވެސް ސުވާލު ކުރަނިކޮށް ނިޒާމީ މައްސަލައެއް ނަންގަވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިނިސްޓަރަށް ސުވާލު ފޮނުވާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން ލިޔުމުން ޖަވާބު ހޯދަން ކަމަށެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާއާ ވާހަކަ ދެއްކެވުމަށް ފަހު ވިދާޅުވީ ނިޒާމީ ނުކުތާ ބަލައިގަންނަ ކަމަށާއި މިނިސްޓަރަށް މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ދެންނެވުނީ މަޖިލީހުގެ އިދާރާއަށް އޮޅުމަކުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އިއްޒަތްތެރި ވަޒީރު އަރިހުގައި ވަޑައިގަންނަވަން ދެންނެވުނީ ގޯހުން. އިއްޒަތްތެރި ވަޒީރަށް ސުވާލުގެ ޖަވާބު މިތަނަށް ލިޔުމުން ފޮނުވަން ދަންނަވަން ޖެހިފައި އޮންނަން ޖެހޭނީ. މި ކަންތައްތައް މި ހިނގައިދިޔައީ މިކަން ހިނގަންވީ ގޮތަކަށް ނޫން، އިއްޒަތްތެރި ވަޒީރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އަދި ވަރަށް ބޮޑަށް މާފަށް އެދެން،" ނަޝީދު ވިދާޅުވި އެވެ.

މިހެން ވިދާޅުވުމަށް ފަހު ނަޝީދު ވަނީ މިނިސްޓަރާ ސުވާލު ކުރުން ވަގުތުން ނިންމާލައްވައިފަ އެވެ.

ފިޝަރީޒް މިނިސްޓަރު "އޮޅުމަކުން" މަޖިލީހަށް ހާޒިރު ކުރިއިރު މި ދުވަސްވަރު މަސްވެރިން ބާނާ މަސް ނުކިރޭތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ އެވެ. އެ މައްސަލާގައި ނަޝީދު ވެސް ވަނީ މަސްވެރިންނަށް ވީ ވައުދު ނުފުއްދޭ ކަމަށާއި 2018 ގައި އެމްޑީޕީ އިން ނެރުނު މެނިފެސްޓޯ އަށް ރުޖޫއަ ވުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ބައެއް މެމްބަރުން މިނިސްޓަރާ ކުރެއްވި ސުވާލުތަކުގައި ވެސް ވަނީ މަސްނުކިރޭ މައްސަލައިގައި ހައްލެއް ނުހޯދޭތީވެ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.