Roadha Mihaaru
ބޮކްސް އޮފީހުގައި ސޮނިކްގެ ސްޕީޑް ބާރު

ބޮކްސް އޮފީހުގައި ސޮނިކްގެ ސްޕީޑް ބާރު

11 އެޕްރީލް 2022

މަޝްހޫރު ވީޑިއޯ ގޭމް ކެރެކްޓާ "ސޮނިކް ދަ ހެޖްހޮގް" އަސްލަކަަށް ބަލައިގެން އުފައްދާފައިވާ ލައިވް އެކްޝަން ފިލްމުގެ ދެވަނަ ބަޔަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

މަޝްހޫރު ވީޑިއޯ ގޭމް ކެރެކްޓާ "ސޮނިކް ދަ ހެޖްހޮގް" އަސްލަކަަށް ބަލައިގެން އުފައްދާފައިވާ ލައިވް އެކްޝަން ފިލްމުގެ ދެވަނަ ބަޔަށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިދިޔަ ހަފުތާ ބަންދުގައި އެ ފިލްމު އެޅުވިއިރު، އެމެރިކާގައި އެކަނި ވެސް ބޮޑު އާމްދަނީއެއް ހޯދާފައިވެ އެވެ. "ސޮނިކް ދަ ހެޖްހޮގް 2" ގައި އާ ކެރެކްޓާތަކެއް ފެންނައިރު، އެ ފިލްމު ވަނީ ހީކުރި ވަރަށް ވުރެ ބޮޑު ހިޓަކަށްވެފަ އެވެ.

ފިލްމު އެޅުވި ހަފުތާ ބަންދުގައި އެމެރިކާ އިން އެކަނި ވެސް ވަނީ 71 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިފަ އެވެ. އެ އާމްދަނީ އަކީ ސޮނިކްގެ ޕްރޮޑަކްޝަން ޕެރަމައުންޓުން ލަފާކުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ޕެރަމައުންޓުން ލަފާކޮށްފައި ވަނީ އެ ފިލްމަށް ލިބޭނީ 26 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަށެވެ.

ޖިމް ކެރީ ވިލަނެއްގެ ރޯލުން ފެންނަ އެ ފިލްމުގެ ފުރަތަމަ ބަޔަކީ އިންޓަނެޓްގެ ބޮޑު މީމަކަށް ވެގެންދިޔަ ފިލްމެކެވެ. ފިލްމު ފުރަތަމަ ރިލީޒްކުރުމުގެ ކުރިން އޭގެ ޓްރެއިލާ އިން ފެނުނު ސޮނިކް އަކީ ފޭނުން ބޭނުންވި ކަހަލަ ސޮނިކަކަށް ނުވި އެވެ. އެއާ އެކު މުޅި އިންޓަނެޓް އެކީ ގުޅިގެން ޕެރަމައުންޓަށް ފާޑުކިޔެވެ.

ނަތީޖާއަކަށްވީ އެތައް މިލިއަނެއް ހޭދަކޮށް، ސޮނިކްގެ އެނިމޭޝަން އަލުން ބަދަލުކުރުމެވެ. އެއާ އެކު ފޭނުން ހިތްހަމަޖެހި، އެ ފިލްމަށް ވެސް ބޮޑު ކާމިޔާބީއެއް ލިބުމަށް މަގުފަހިވި އެވެ.