Roadha Mihaaru
ސަސް އާއި ޔޫވީގެ ކުރިމަތިލުން މިފަހަރު ވެސް އެއްވަރު

ސަސް އާއި ޔޫވީގެ ކުރިމަތިލުން މިފަހަރު ވެސް އެއްވަރު

10 އެޕްރީލް 2022

ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ދިވެހި ޕްރިމިއަ ލީގުގެ ދެވަނަ ބުރުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅުނު މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އޭރުގެ މެޗު އެއްވަރުވީ 2-2 ންނެވެ.

އަނިޔާގެ ސަބަބުން ފުރަތަމަ ބުރުގައި ސަސްގެ ޓީމުގައި ބައިވެރި ނުވެވުނު މުހައްމަދު އައްޒާމް އާއި އަޔާޒް އަހްމަދު ވަނީ މިރޭ ފުރަތަމަ ފަހަރަށް އެޓީމުގެ ޖޯޒީގައި ކުޅެން ނުކުމެފަ އެވެ. އައްޒާމް ވަނީ ފުރަތަމަ 11 ގައި ކުޅެފަ އެވެ. އަޔާ ކުޅެން ނުކުތީ ދެވަނަ ހާފުގައި އަލީ ނަސޫހް ރަޝީދުގެ ބަދަލުގަ އެވެ.

ސަސްގެ މައްޗަށް ޔޫވީ އަށް އޮތް އެޑްވާންޓޭޖަކީ ބިދޭސީ ކުޅުންތެރިން ޔޫވީގައި ތިބުމެވެ. ސަސްއިން ނިންމާފައި ވަނީ މިސީޒަނަށް އެޓީމަށް ބިދޭސީ ކުޅުންތެރިން ނުގެނައުމަށެވެ. އެކަމަކު ޔޫވީގެ ބިދޭސީ ކުޅުންތެރިންނަށް ސަސްގެ މައްޗަށް ނަތީޖާ ނެރެދިނުމުގައި މިރޭ ކާމިޔާބެއް ނުހޯދުނެވެ.

ސަސް އާއި ޔޫވީ މިރޭ ކުޅުނު މެޗުގެ ތެރެއިން: ޔޫވީގައި ބިދޭސީ ކުޅުންތެރިން ތިބި ނަމަވެސް ސަސްގެ މައްޗަށް އެޑްވާންޓޭޖެއް ނުހޯދުނު --- ފޮޓޯ: އެފްއޭއެމް

ސަސް އާއި ޔޫވީ މިރޭ ކުޅުނު މެޗުގެ ތެރެއިން: ޔޫވީގައި ބިދޭސީ ކުޅުންތެރިން ތިބި ނަމަވެސް ސަސްގެ މައްޗަށް އެޑްވާންޓޭޖެއް ނުހޯދުނު --- ފޮޓޯ: އެފްއޭއެމް

މެޗުގައި ލަނޑު ޖަހާނެ ފުރުސަތެއް ފުރަތަމަ ތަނަވަސް ކުރީ ޔޫވީންނެވެ. އެޓީމުގެ ކެޕްޓަން އަލީ ހަމްދާން އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ޑައިވްކޮށް ބޯޅަ ސަލާމަތް ކުރި އެވެ. މެޗުގެ 10 ވަނަ މިނެޓްގައި އަލީ ހައިޝަމް (ޗުމްޕް) އޭރިއާ ތެރެއަށް ވަދަ ފޮނުވާލި ބޯޅަ ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ދިފާއު ކުރި އެވެ.

އޭގެ ހަތަރު މިނެޓް ފަހު ސަސްގެ ނަސޫހް އަށް ތަނަވަސް ފުރުސަތެއް ލިބުނެވެ. ޔޫވީގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން ޔަޝްފާދު ހަބީބު (މުލަކޭ) ނަގައިދިން ހުރަސް އޭރިއާ ތެރެއަށް ހުސްކޮށް އަރައި ނަސޫހް ފޮނުވާލިނަމަވެސް ބޯޅަ ދިޔައީ ބޭރަށެވެ.

މެޗުން ލިބުނު ޕޮއިންޓުން ދެޓީމުގެ ދެމެދުގައި ކުރިން އޮތް ފަރަގަކަށް ބަދަލެއް ނާދެ އެވެ. ދެޓީމުގެ ދެމެދުގައި މިހާރު ވެސް އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ޔޫވީން ވަނީ 10 ޕޮއިންޓް ހަމަކޮށްފަ އެވެ. ޔޫވީ އޮތީ ފަސް ވަނައިގަ އެވެ. ހަވަނައިގައި އޮތް ސަސް އަށް ލިބިފައި ވަނީ އަށް ޕޮއިންޓެވެ.