Roadha Mihaaru
ސިއްހީ ނުރައްކަލުން ސަލާމަތްވާން އާ ގޮތަކަށް އުޅެންޖެހޭ

ސިއްހީ ގޮތުން ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް އާ ގޮތްތަކަށް އުޅެންޖެހޭ: ނައިބު ރައީސް

09 އެޕްރީލް 2022

ސިއްހީ ގޮތުން ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް އާ ގޮތްތަކަކާއެކު ހެލިފެލިވެ އުޅުމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ އިލްތިމާސް ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިއްހީ ގޮތުން ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްވުމަށް އާ ގޮތްތަކަކާއެކު ހެލިފެލިވެ އުޅުމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ އިލްތިމާސް ކުރައްވައިފި އެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ކޮވިޑް ބަލި ފެތުރުމުން އާއްމުން އޭރު ދިރިއުޅުނީ ކަމާބެހޭ އިދާރާތަކުން ދިން އިރުޝާދާ އެއްގޮތަށް އާއިލާ އާއި ރައްޓެހިންނާ ބައްދަލުނުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުން ވެސް ސަލާމަތްވުމަށް އާ ގޮތްތަކަށް އުޅެންޖެހޭ ކަމަށް އެ ފައިސަލް ވިދާޅުވި އެވެ.

"ފަހަރެއްގައި އެ ކަންތައް ކުރުމަކީ އަޅުގަނޑުމެންނަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެ. ގިނަ ދުވަސްތަކަށް ކުރަމުން އަންނަ ކަމެއް ބަދަލު ކޮށްލުމަކީ އިންސާނުންނަށް ތަންކޮޅެއް އުނދަގޫ ކަމަކަށް ބައެއް ފަހަރުވޭ. ނަމަވެސް އަޅުގަނޑުމެން އެބަޖެހޭ މި ކަމަށް ވިސްނަން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހާލަތު ބަދަލުކުރުމަށް ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ. ހެލިފެލިވެ އުޅުން އިތުރުކުރަން ޖެހޭ ކަމަށާއި ކުދިކުދި ރަށްރަށުގައި އަބަދު އެއް ތަނުން އަނެއް ދިއުމަށް އުޅަނދު ބޭނުންކުރާހާ ދުރު ހިސާބެއްތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

އެކަމުގެ މިސާލެއްގެ ގޮތުން އެ މަނިކުފާނު ދެއްކެވީ އަމިއްލަ ދިރިއުޅުމުގެ ވާހަކައެކެވެ.

"ފައި މަގުގައި ކޮންމެ ވެސް ވަރަކަށް އުޅެ، ޖެހިގެން ހުންނަ ގެއަށް ނުވަތަ އޮފީހަށް ދިއުން އެއީ އާދައަކަށް ނުހެދެންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން ބޮޑު ވެގެން އައި އިރު ފެނުނީ ބައިސިކަލް. އަޅުގަނޑުމެން ދުއްވީ ބައިސިކަލް. ގަޑި ނުޖެހެ، ސްކޫލަށް ވެސް ގަޑިއަށް ދަނީ ބައިސިކަލުގައި. އޮފީހަށް ވެސް އަޅުގަނޑުމެން ދަނީ ބައިސިކަލުގައި،" ފައިސަލް ވިދާޅުވި އެވެ.

"ދުނިޔޭގައި އެންމެ ތަރައްގީ ވެފައިވާ އަދި އެންމެ ތަހުޒީބު ވެފައިވާ ގައުމުތަކަށް ގޮސްފި ކަމުގައިވާ ނަމަ ވެސް ފެންނަނީ މަޑުން ވިޔަސް ބާރަށް ވިޔަސް އޮފީހަށް ވެސް ސްކޫލަށް ވެސް ހަފުލާއަށް ވެސް ވަރަށް ނަލަކޮށް ބައިސިކަލުގައި ދާ މަންޒަރު."

ނައިބު ރައީސް ވަނީ ރަށްރަށުގެ މީހުންގެ ކިބައިގައި އެ އާދަ އަށަގަތުމަށް އިތުރު މަސައްކަތް ކުރަން ކައުންސިލްތަކަށް ގޮވާލައްވައިފަ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ ހަމައެކަނި ވާހަކައަކުން އަދި ޑޮކްޓަރު ދޭ އިރުޝާދަކުން ހައްލެއް ނާންނާނެ ކަމަށާއި ހަމައެކަނި އޮތް ގޮތަކީ އެކަމުން އަރައިގަތުމަށް ރަނގަޅަށް މަސައްކަތް ކުރުން ކަމަށެވެ.

ސިއްހަތު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "އަވަ ޕްލެނެޓު- އަވަ ހެލްތު" އެވެ.

ފައި މަގުގައި ކޮންމެ ވެސް ވަރަކަށް އުޅެ، ޖެހިގެން ހުންނަ ގެއަށް ނުވަތަ އޮފީހަށް ދިއުން އެއީ އާދައަކަށް ނުހެދެންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން ބޮޑު ވެގެން އައި އިރު ފެނުނީ ބައިސްކަލް. އަޅުގަނޑުމެން ދުއްވީ ބައިސްކަލް. ގަޑި ނުޖެހެ، ސްކޫލަށް ވެސް ގަޑިއަށް ދަނީ ބައިސްކަލުގައި. އޮފީހަށް ވެސް އަޅުގަނޑުމެން ދަނީ ބައިސްކަލުގައި.-- އެ މަނިކުފާނު ވިދާޅުވި.

ނައިބު ރައީސް ވިދާޅުވީ މީގެ ކުރިން ނުދައްކާ ވަރަށް ތިމާވެށީގެ ކަންކަމާ ގުޅޭ ވާހަކަ މިހާރު ދައްކަމުން އަންނަ ކަމަށެވެ.

މި ޕްލެނަޓާއި ތިމާވެއްޓަކީ އެތައް އަހަރަކުން މި ޖީލަށް ވާސިލްވެފައިވާ ތަނަކަށް ވިޔަސް މިހާރު ފެންނަނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އަމިއްލަ އަމަލުތަކުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވާ ތަނެވެ. ކަނޑާ، ފަޅު ތަންތަން ހަލާކުވުމާއި ވައި ނުސާފުވުމާއި އުކާލާ ކުނިތަކުގެ ސަބަބުން މަސްމަހާ މެއްސަށް ގެއްލުންތައް ލިބެމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ ސިއްހަތާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކުރެވިގެން ކަމަށާއި އެކަން ކުރުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.