Roadha Mihaaru
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

02 އެޕްރީލް 2022

މި ރޯދަ މަހުގެ ފިތުރު ޒަކާތް މިއަދުން ފެށިގެން މި މަހު 29 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ރޯދަ މަހުގެ ފިތުރު ޒަކާތް މިއަދުން ފެށިގެން މި މަހު 29 ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ހޯލުގަ އާއި އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނެ އެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 1:00 އަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ހުރިހާ ރަށަކުން ވެސް އެއް ވަރަކަށް ދައްކާ ގޮތަށް މި ފަހަރު ކަނޑަޅާފައިވާއިރު، މި ރޯދަ މަހު ފިތުރު ޒަކާތް ދައްކާއިރު އިތުރު ބަދަލުތަކެއް ވެސް ގެނެސްފައިވެ އެވެ. މީގެ ކުރިން، އޮންލައިންކޮށް ޒަކާތް ދައްކާއިރު، އެ މީހަކު ޒަކާތް ދައްކަން ބޭނުންވާ ވަކި ރަށެއް އިހުތިޔާރު ނުކުރެވުނަސް، މި އަހަރު މާލޭގައި ހުންނަ މީހާ އަށް ވެސް އެ މީހެއްގެ އަމިއްލަ ރަށަށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާދީފައިވެ އެވެ.

"އެ ރަށަކުން ދައްކާ ފައިސާ އަޅުގަނޑުމެން ދެން އެ ރަށަކަށް ދޭނަން،" އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެފައިވެ އެވެ.

ފިތުރު ޒަކާތުގެ މިންވަރު

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުމުގެ މިންވަރެވެ. އެއީ އެ ބަޔަކު ކައި އުޅޭ ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ އެ ހަނޑުލުގެ އަގަށްވާ ފައިސާ އިންނެވެ.

- އާދައިގެ ހަނޑޫ: 12ރ.

- ތައިލެންޑް ހުދު ހަނޑޫ: 77ރ.

- ރަތް ހަނޑޫ: 72ރ.

- އާދައިގެ ބާސްމަތީ ހަނޑޫ: 77ރ.

- މޮޅު ބާސްމަތީ ހަނޑޫ: 90ރ.

- އެންމެ މޮޅު ބާސްމަތީ ހަނޑޫ: 132ރ.

- އާދައިގެ ފުށް: 12ރ.

- އާޓާ ފުށް: 75ރ.

އޮންލައިންކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށާއި ބީއެމްއެލް އޮންލައިން ޕޯޓަލް، އުރީދޫ އެމް ފައިސާ، ދިރާގު ޕޭ އަދި އެމްއައިބީގެ ފަހި ޕޭ މެދުވެރިކޮށެވެ.

މާލެ ފިޔަވާ އެހެން ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއް ކައުންސިލްގެ އިދާރާއަކުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތަށް މާލެ ސަރަހައްދުން 6.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. އެއީ ފާއިތުވި ހަތަރު އަހަރާ އަޅާބަލާއިރު ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފުތާގައި އަލަށް އެކުލަވާލާއި އާންމުކުރި ފަގީރުންގެ ލިސްޓުގައި ހިމެނުނު މީހުންގެ އަދަދު ވެސް 2،000 އިން ވަނީ މަދުވެފަ އެވެ. މި އަހަރު އެކުލަވައިލި ފަގީރުންގެ ދަފްތަރުގައި ހިމެނެނީ 9،041 މީހެކެވެ.