Roadha Mihaaru
ގުރުނެގުމުގެ ކުރިން ރޭންކިންގެ އެއްވަނަ ބްރެޒިލް އަށް

ވޯލްޑް ކަޕުގެ ގުރުނެގުމުގެ ކުރިން ފީފާ ރޭންކިންގެ އެއްވަނަ ބްރެޒިލް އަށް

01 އެޕްރީލް 2022

މި އަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ކުރިން، ފީފާ އިން ނެރުނު ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ބްރެޒިލް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މި އަހަރުގެ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ކުރިން، ފީފާ އިން ނެރުނު ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމަށް ބްރެޒިލް ޖެހިލައިފި އެވެ.

ބްރެޒިލް އެއްވަނައަށް ޖެހިލީ ވޭތުވެދިޔަ ތިން އަހަރު އެއްވަނައިގައި އޮތް ބެލްޖިއަމް ފަހަތަށް ޖައްސާލައިފަ އެވެ. މިހާތަނަށް ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބުކޮށްފައި ނުވާ ބެލްޖިއަމް ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މެދުކެނޑުމެއް ނެތި ރޭންކިންގެ އެއްވަނަ ދިފާއު ކޮށްފަ އެވެ. ނަމަވެސް އެއްވަނަ ގެއްލުނީ ދާދި ފަހުން ނިމުނު އިންޓަނޭޝަނަލް ބްރޭކުގައި 49 ވަނައިގައި އޮތް އަޔަލެންޑާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗު 2-2 އިން އެއްވަރު ވުމުންނެވެ. އަޔަލެންޑް ވަނީ މި މަހުގެ ރޭންކިންގައި ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިފަ އެވެ.

ބްރެޒިލް ވަނީ މާޗު މަހު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗު ވެސް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން ބްރެޒިލް ދުނިޔޭގެ ރޭންކިންގެ އެއްވަނައަށް ޖެހިލީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލް، ރޭންކިންގެ އެއްވަނައިގައި އޮވެ، ގުރު ނަގާ ފުރަތަމަ މުބާރާތެވެ.

މިއަދު ނަގަން ހަމަޖެހިފައިވާ ގަތަރު ވޯލްޑް ކަޕުގެ ގުރުގައި ޓީމުތައް ސީޑް ކޮށްފައި ވަނީ އިއްޔެ ނެރުނު އެންމެ ފަހުގެ ރޭންކިންގެ ތަރުތީބުންނެވެ. ބްރެޒިލް ރޭންކިންގެ އެއްވަނައިގައި އޮތް ނަމަވެސް ގުރުއަތު ނަގާ އިރު ބްރެޒިލް އަންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރަށް ފަހު އެވެ.

ޕޮޓް 1: ގަތަރު، ބްރެޒިލް، ބެލްޖިއަމް، ފްރާންސް، އާޖެންޓީނާ، އިންގްލެންޑް، ސްޕެއިން، ޕޯޗުގަލް

ޕޮޓް 2: މެކްސިކޯ، ނެދަލެންޑްސް، ޑެންމާކް، ޖަރުމަން، އުރުގުއޭ، ސްވިޒަލެންޑް، އެމެރިކާ، ކްރޮއޭޝިއާ

ޕޮޓް 3: ސެނެގާލް، އިރާން، ޖަޕާން، މޮރޮކޯ، ސާބިއާ، ޕޮލެންޑް، ދެކުނު ކޮރެއާ، ޓިއުނީޝިއާ

ޕޮޓް 4: ކެމަރޫން، ކެނެޑާ، އިކުއެޑޯ، ސައުދީ އަރަބިޔާ، ގާނާ، އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް 1 އިން މޮޅުވާ ޓީމު، އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް 2 އިން މޮޅުވާ ޓީމު، ޔޫއެފާ ޕްލޭއޮފުން މޮޅުވާ ޓީމު

މިފަހަރުގެ ރޭންކިންގެ ގަދަ 10 ޓީމުގެ ތެރެއިން ވޯލްޑް ކަޕުން ޖާގަ ނުލިބެނީ ހަމައެކަނި ހަވަނައިގައި އޮތް އިޓަލީ އަށެވެ. ގަދަ 10 އިން މިފަހަރު އަލަށް ޖާގަ ހޯދީ، ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު ނުވަވަނައަށް ޖެހިލި މެކްސިކޯ އެވެ. އޭގެ ކުރިން ނުވަވަނައިގައި އޮތް ޑެންމާކް ވަނީ 11 ވަނައަށް ވެއްޓިފަ އެވެ.

އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޮސްޓަ ރިކާ އާއި ނިއުޒިލެންޑެވެ. ކޮސްޓަ ރިކާ 11 ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ 31 ވަނައަށް ޖެހިލި އިރު، ނިއުޒިލެންޑް ވަނީ 10 ދަރަޖައިގެ ކުރިއެރުމަކާ އެކު 101 ވަނައަށް ޖެހިލައިފަ އެވެ. މިއަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދަން، ދެކުނު އެމެރިކާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިން ހަތަރުވަނަ ޓީމާއި އޯޝޭނިއާ ބައްރުގެ ކޮލިފައިން އެއްވަނަ ހޯދި ޓީމު ކުޅޭ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް މެޗުގައި ވެސް ވާދަކުރާނީ ކޮސްޓަ ރިކާ އާއި ނިއުޒިލެންޑެވެ.

ވޯލްޑް ކަޕުގެ 32 ޖާގައިގެ ތެރެއިން 29 ޓީމެއް މިހާތަނަށް ވަނީ ކޮލިފައިވެފަ އެވެ. ކޮންޓިނެންޓަލް ޕްލޭއޮފް ދެ މެޗާއި، ޔޫރަޕުގެ ކޮލިފައިން ޕްލޭއޮފް ކާމިޔާބު ކޮށްގެން ވޯލްޑް ކަޕުން ޖާގަ ހޯދާ ބާކީ ތިން ޓީމު ޔަގީން ވާނީ އަންނަ ޖޫން މަހު އެވެ.

ރޭންކިންގައި ކުރިއެރުން ހޯދި ހަމައެކަނި ދެކުނު އޭޝިއާ ގައުމަކީ ރާއްޖެ

ރާއްޖޭގެ ގައުމީ ޓީމު ވެސް ވަނީ ބަންގްލަދޭޝްއާ ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ކާމިޔާބުކޮށްގެން، ރޭންކިންގައި 3.92 ޕޮއިންޓް ހޯދައި، އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު 156 ވަނައަށް ޖެހިލައިފަ އެވެ. ދެކުނު އޭޝިއާ ބައްރުގެ ވަރުގަދަ އިންޑިއާ މިދިޔަ މަހު ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗުން ވެސް ބަލިވެ، ދެ ދަރަޖައިގެ ވެއްޓުމަކާ އެކު އޮތީ 106 ވަނައިގަ އެވެ.

ރާއްޖެ އަކީ މިފަހަރުގެ ރޭންކިންގައި ދެކުނު އޭޝިއާ ސަރަހައްދުން ކުރިއެރުން ހޯދި ހަމައެކަނި ގައުމެވެ. ރާއްޖެ އަތުން ބަލިވި ބަންގްލަދޭޝް ދެ ދަރަޖައިގެ ވެއްޓުމަކާ އެކު އޮތީ 188 ވަނައިގަ އެވެ. ބަންގްލަދޭޝްގެ ކުރިޔަށް 187 ވަނައިގައި އޮތް ބޫޓާން ވެސް ވަނީ ދެ ދަރަޖަ ވެއްޓިފަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ރޭންކިންގައި ރާއްޖެއަށް ފަހު އޮތީ، އެއް ދަރަޖައިގެ ވެއްޓުމަކާ އެކު 168 ވަނައިގައި އޮތް ނޭޕާލެވެ. މަގާމު ބަދަލު ނުވެ ޕާކިސްތާން 197 ވަނައިގައި އޮތްއިރު މި ސަރަހައްދުގެ ފުލުގައި އޮތީ، އެއް ދަރަޖައިގެ ވެއްޓުމަކާ އެކު 205 ވަނައިގައި އޮތް ސްރީ ލަންކާ އެވެ.