Roadha Mihaaru
ނަޝީދުގެ ސެކިއުރިޓީއަށް މުޅި މަގު ބްލޮކް: ޝަކުވާ ބޮޑު

ނަޝީދުގެ ސެކިއުރިޓީ އަށް މުޅި މަގު ބްލޮކް ކުރާތީ އާންމުންގެ ޝަކުވާ ބޮޑު!

30 މާޗް 2022

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ ގެކޮޅު ހުންނަ ނީލޯފަރު ހިންގުމަކީ ޗާންދަނީ މަގުގެ އިރުން، އެންމެ ފަސޭހައިން ވެހިކަލްތަކަށް މަޖީދީމަގަށް ނިކުމެވެން އޮންނަ މަގެވެ. އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާއި ސީއެޗްއެސްސީގެ ދަރިވަރުން ސްކޫލަށް ވަދެނިކުމެ ހަދާ ވަގުތުތަކުގައި އެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވާތީ، އެންމެ ފަސޭހައިން މަޖީދީމަގަށް ނިކުންނަން ވެހިކަލްތައް ދަތުރުކުރަނީ އެ މަގުންނެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ ގެކޮޅު ހުންނަ ނީލޯފަރު ހިންގުމަކީ ޗާންދަނީ މަގުގެ އިރުން، އެންމެ ފަސޭހައިން ވެހިކަލްތަކަށް މަޖީދީމަގަށް ނިކުމެވެން އޮންނަ މަގެވެ. އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލާއި ސީއެޗްއެސްސީގެ ދަރިވަރުން ސްކޫލަށް ވަދެނިކުމެ ހަދާ ވަގުތުތަކުގައި އެ ސަރަހައްދުގެ ޓްރެފިކް ބާރުބޮޑުވާތީ، އެންމެ ފަސޭހައިން މަޖީދީމަގަށް ނިކުންނަން ވެހިކަލްތައް ދަތުރުކުރަނީ އެ މަގުންނެވެ.

އެކަމަކު، މިދިޔަ އަހަރުގެ މޭ މަހު ނަޝީދަށް ދިން ބޮމުގެ ހަމަލަ އަށް ފަހު، އެމަނިކުފާނު ކެނެރީގޭގައި އުޅުއްވަންޏާ، އެ މަގުން ދަތުރެއް ނުކުރެވެ އެވެ. މަގުގެ ވަންނަކޮޅުން އޮންނަނީ ޓޭޕް ދަމައި ބަންދުކޮށްލައިފަ އެވެ. އެއީ ކިތަންމެ ގިނަ ވަގުތަކަށް ވިޔަސް ހެވެވެ.

އެ މަގު ބަންދުކުރަނީ، ނަޝީދު ގެކޮޅަށް ވަޑައިގަންނަވާ ގަޑިތަކުގައި، އާންމުކޮށް މެންދުރު އެންމެ ޓްރެފިކް ބާރުބޮޑުވާ ގަޑީގައި، އެމަނިކުފާނުގެ ކާރުކޮޅު ކެނެރީގޭގެ ދޮރުމަތީގައި ޕާކުކޮށްފައި އޮންނާތީ އެވެ. އެކަމުގެ ސަބަބުން އާންމުންނަށް ބޮޑު އުނދަގުލަކަށްވެ، މިހާރު ޝަކުވާ ވަރަށް ގިނަ އެވެ.

ނަޝީދުގެ ކާރުކޮޅު ޕާކުކުރަން މަޖީދީމަގުން އެކަމަށް ހާއްސަ ޕާކިން ސްލޮޓެއް ހަދައިދީފައި އޮންނައިރު ވެސް، ކެެނެރީގޭ ދޮރުމަތީގައި ކާރުކޮޅު އޮންނާނީ ކީއްވެ ހެއްޔޭ، މިއީ އާންމުންގެ ވަރަށް ބޮޑު ސުވާލެކެވެ. އަދި މަޖީދީމަގުގެ އެއް ބްލޮކުގެ އެއްކޮޅުން، އަނެއްކޮޅަށް ވެހިކަލްތަކަށް ޕާކުނުކުރެވޭ ގޮތް ނަޝީދުގެ ސެކިއުރިޓީ އަށް ޓަކައި ހަމަޖައްސަދީފައިވާއިރު ވެސް، އެ މަގު ބަންދުކުރަން ކީއްވެތޯ ވެސް އާންމުން ސުވާލު އުފައްދަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅު އެމަނިކުފާނުގެ އާއިލީ ގެކޮޅު، ކެނެރީގެ ހުންނަ މަގުގެ ބޭރުގައި ޕާކުކޮށްފައި: އެ މަގު ބަންދުކުރުމުން ޓްރެފިކް ތޮއްޖެހޭތީ އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކާރުކޮޅު އެމަނިކުފާނުގެ އާއިލީ ގެކޮޅު، ކެނެރީގެ ހުންނަ މަގުގެ ބޭރުގައި ޕާކުކޮށްފައި: އެ މަގު ބަންދުކުރުމުން ޓްރެފިކް ތޮއްޖެހޭތީ އާންމުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނީލޯފަރު ހިންގުމާއި ކެނެރީގެ ހުންނަ ދިމާލުން މަޖީދީމަގުގެ ބޮޑު ސަރަހައްދެއްގައި ވެހިކަލް ޕާކުނުކުރެވޭ ގޮތް ހެދީ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަަށް ދޭ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުންނެވެ.

އެ މަގު އެކި ގަޑިތަކުގައި ބަންދުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން، ފޭސްބުކް ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރި އެކަކީ، މަޝްހޫރު އެތުލީޓް ހުސެއިން ހަލީމް (ކުޑަ ހުސެން) އެވެ. އޭނާ ބުނީ ޓްރެފިކް އެންމެ ބާރުބޮޑުވާ ގަޑީގައި އެ މަގު ބަންދުކޮށްފައި އޮންނަތާ އެކަމުގެ އުނދަގޫ އާންމުންނަށް ވަމުންދާތާ މިހާރު މަސްތަކެއް ވެއްޖެ ކަމަށެވެ.

"ކީއްވެތޯ ވެރިން ގެއަށް ވަނީމަ، ވޭން [ކާރުކޮޅު] މިތާ ނުބާއްވާ، ބޮޑީގާޑުން ގެވަށައިގެން ތިބިއްޔާ،" އެ މަގު ބަންދުކޮށްފައި އޮންނަތަން ފެންނަ ފޮޓޯއެއް ހިއްސާކުރަމުން އޭނާ ބުންޏެވެ.

ކުޑަ ހުސެއިން ބުނީ ސައިކަލްތަކަށް އެކަނި ވިޔަސް، އެ މަގުން ދަތުކުރެވޭ ގޮތަށް ނަޝީދުގެ ކާރުކޮޅު އެ މަގުގައި ބޭއްވިދާނެ ކަމަށެވެ.

"ހެނދުނު ދާއިރު ވެސް މަގު ބަންދުކޮށްގެން، ހަވީރު ވެސް މަގު ބަންދުކޮށްގެން، ބޮޑު މުސީބާތެއް،" ކޮމެންޓެއްގައި އެހެން މީހަކު ބުންޏެވެ.

"އަސްލު ވެސް މި ވެއްޖެ ބޮޑު އުނދަގުލަކަށް. މި މަގު ބަންދުކޮށްފައި އޮންނާތީ ދެން މަޖީދީ މަގަށް ވަންނަން ޖެހެނީ އާރްކޭއެލް ގޯޅިން [ހުވަނދުމާ ގޯޅިން]. އިސްކަންދަރު ސްކޫލުން ކުދިން ނިމެނޭ ގަޑިޔާ ދިމާވާތީ މުޅި ސަރަހައްދަށް ޓްރެފިކް ޖަމާވެ އެތައް އިރަކަށް އެ ސަރަހައްދުގައި މީހުންނަށް ތިބެން ޖެހޭ."

ކުޑަ ހުސެއިންގެ ވާހަކަ އަށް ތާއީދުކޮށް ވަރަށް ގިނަ މީހުން ހިޔާލު ފާޅުކުރި އެވެ. މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު ފަޒީން ވެސް އެކަމާ ގުޅޭ ގޮތުން ކޮމެންޓެއްގައި ވިދާޅުވީ މެންދުރު ސްކޫލަށް ގެންދާ ގަޑިޔާއި އަދި ގެއަށް ގެންދާ ގަޑީގައި ވެސް އެ އުނދަގޫ ޖެހޭ ކަމަށެވެ.

"އެންމެފަހުން ޖެހެނީ އަނބުރާ ޗާންދަނީ މަގަށް ގޮސް ޓްރެފިކްގައި ޖެހެން. މިއީ އާންމު އުނދަގުލެއް،" ފަޒީން ވިދާޅުވި އެވެ.

އެ މަގު ބަންދުކުރާތީ އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން ހަނާ މުހައްމަދު މިއަދު "މިހާރު" އަށް ވިދާޅުވީ، އެއީ ސެކިއުރިޓީއާ ގުޅޭ ކަމަކަށް ވާތީ އެމްއެންޑީއެފްގެ މީޑިއާ އަށް އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް، އެކަމާ ބެހޭ ފަރާތަށް އެ ސުވާލު ރައްދުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ އަށް ފަހު، މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅެއްގެ ގޮތުގައި "މުރައިދޫ"ގެ ވަނީ ހަމަޖައްސައިފަ އެވެ. އެމަނިކުފާނު މިހާރު ދިިރިއުޅުއްވަނީ އެ ގެގޭގަ އެވެ. މަޖިލިސް ރައީސަށް މުރައިދޫގެ ހާއްސަކުރުމުން އެ ގެކޮޅުގެ ވަށައިގެންވާ ސަރަހައްދުގައި ވެސް ވެހިކަލްތަކަށް ޕާކުނުކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ. އަދި އެ ގޭގެ ކުރިމަތީގައި މަޑުކުރުމަކީ ވެސް މަނާ ކަމެކެވެ.