28 މާޗް 2022
އީރާނުން ފަށާފައިވާ ނިއުކްލިއާ މަޝްރޫއުގެ ދަށުން ނިއުކްލިއާ ހަތިޔާރެއް އުފެއްދިޔަ ނުދީ ހިފެހެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ، އީރާނާ އެކުގައި ނިއުކްލިއާ އެއްބަސްވުމެއް ގާއިމުކުރުން ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އީރާނުން ފަށާފައިވާ ނިއުކްލިއާ މަޝްރޫއުގެ ދަށުން ނިއުކްލިއާ ހަތިޔާރެއް އުފެއްދިޔަ ނުދީ ހިފެހެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ، އީރާނާ އެކުގައި ނިއުކްލިއާ އެއްބަސްވުމެއް ގާއިމުކުރުން ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި އެ ގައުމުގެ ހާރިޖީ ވަޒީރު ޔައީރް ލެޕިޑްއާ ބައްދަލުކުރެއްވުމަށް ފަހު އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވީ، އެމެރިކާ އިން އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއްގައި 2015 ވަނަ އަހަރު ސޮއިކުރުމުގެ މައްސަލައިގައި ވެސް، އިޒްރޭލުން އެއްބަސްނުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް، އީރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދިޔަ ނުދިނުމަށް އިޒްރޭލާއި އެމެރިކާ އިން ކުރަމުންދާ މަސައްކަތް އެންމެ ފުރިހަމަ އަށް ހާސިލް ކުރެވޭނީ، އެފަދަ އެއްބަސްވުމެއް ގާއިމުކޮށްގެން ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީރާންގެ ނިއުކްލިއާ މުއާހަދާ އިން، 2018 ވަނަ އަހަރު އެމެރިކާ ވަކިވުމާ ގުޅިގެން، އީރާނުން ވަނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައި، ނިއުކްލިއާ މަޝްރޫއު ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. އެހެންކަމުން އެ މަޝްރޫއު އަލުން ހުއްޓުވުމަށް އޮތް އެންމެ މުޖައްރިބު ގޮތަކީ، އެ މުއާހަދާގައި އެމެރިކާ ވެސް ބައިވެރިވެ، އެ މުއާހަދާ އަލުން ފުރިހަމަ އަށް ތަންފީޒުކުރަން ފެށުން ކަމަށް، ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ގަބޫލުކުރެ އެވެ.
ނިއުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ޔޫރޭނިއަމް ފައްކާ ކުރުން މަނާކުރާ މުއާހަދާ އަށް އީރާން ފުރިހަމަ އަށް އަމަލުކުރުމުން އެކަމުގެ ބަދަލެއްގެ ގޮތުގައި، އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް އުވައިލެވޭނެ އެވެ. އެ ފިޔަވަޅުތައް އުވައިލުމުން، ދުނިޔޭގެ ގައުމުތަކާ އެކުގައި އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު އީރާނަށް ލިބޭނެ އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން، އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން އީރާނާ އެކުގައި މަޝްވަރާތައް ކުރަމުން ދާއިރު، އިޒްރޭލުން އެކަމަށް ދެކޮޅު ހަދަ އެވެ. އިޒްރޭލުން ބުނާ ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަކީ، އީރާންގެ ނިއުކްލިއާ ނުރައްކާތައް ކުޑަކޮށްދޭނެ ކަމެއް ނޫނެވެ.
އީރާނާ އެކުގައި ނިއުކްލިއާ މުއާހަދާއެއްގައި އެމެރިކާ ސޮއިކުރުމުގެ ބަދަލުގައި އިޒްރޭލުން ބާރުއަޅަނީ، އިގްތިސާދީ ގޮތުން ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިގެން އީރާންގެ އެތެރެ ގަޑުބަޑުކުރާށެވެ. އަދި އިގްތިސާދީ ގޮތުން ފިއްތާލާފައި ބާއްވައިގެން، އީރާންގެ އަސްކަރިއްޔާ ތަރައްގީކުރުމުގެ ފުރުސަތު ނުދީ، ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމުގެ ތުހުމަތުގައި، އީރާންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީ އެ ތަންތަން ހަލާކު ކުރާށެވެ.
އީރާނާ އެކުގައި، ނިއުކްލިއާ މުއާހަދާގައި އަލުން ސޮއިކުރުމަށް އެމެރިކާ ތައްޔާރުވަމުން އަންނަ އިރު، އިޒްރޭލުން ކަންބޮޑުވަނީ އެ މުއާހަދާގައި ސޮއިކުރުމަށް ފަހު އީރާނަށް ދޭ ލުއިތަކުގެ ތެރެއިން، އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުން އީރާންގެ އިންގިލާބީ ލަޝްކަރުގެ ނަން އުނިކޮށްފާނެތީ އެވެ.
ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، އީރާނާއި އިނގިރޭސި ވިލާތާއި ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތާއި ޗައިނާ އަދި ރަޝިޔާ އިން، އޮސްޓްރިއާގެ ވިއެނާގައި މަޝްވަރާ ކުރަމުން އަންނަތާ މިހާރު މަސްތަކެއް ވެއްޖެ އެވެ. އެ މަޝްވަރާތަކުގެ ނަތީޖާއާ ބެހޭ ގޮތުން، ވިލާތުގެ އިއްތިހާދުގެ ހާރިޖީ ސިޔާސަތާ ބެހޭ އިސް ވެރިޔާ، އީރާންގެ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
އިޒްރޭލާއި އެމެރިކާ ސަލާމަތީ އެއްބަސްވުމެއް ހަދަނީ
އީރާނާއެކު ދެން މުއާމަލާތް ކުރާނީ އެހެން ގޮތަކަށް
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި
އެމެރިކާގެ އިސް ވަފުދެއް ފަލަސްތީނާއި އިޒްރޭލަށް
އިޒްރޭލުން އީރާނަށް ހަމަލާ ދިނުމަކީ ނަރަކަ ހުޅުވައިލުން
އީރާނަށް ހަމަލާ ދޭން އެމެރިކާ-އިޒްރޭލު މަޝްވަރާކުރަނީ
އީރާނަށް ހަމަލާ ދިނުމަށް އިޒްރޭލު ތައްޔާރުވަނީ
ރަޝިޔާގެ މިސައިލް ދިފާއީ ނިޒާމު އީރާނަށް
"އީރާނުން ނިއުކްލިއާ އެއްބަސްވުން ގާއިމްކުރީ އޮޅުވާލައިގެން"
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން