Roadha Mihaaru
ޑިބާލާ މި ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލަނީ

ޑިބާލާ މި ސީޒަނަށް ފަހު ޔުވެންޓަސް ދޫކޮށްލަނީ

22 މާޗް 2022

ޓިއުރިން (މާޗް 22) - އިޓަލީގެ ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ޔުވެންޓަސްއާއެކު އެއްބަސްވުމަކަށް ނާދެވިގެން މި ސީޒަނަށް ފަހު އޭނާ އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (މާޗް 22) - އިޓަލީގެ ޔުވެންޓަސް އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ޔުވެންޓަސްއާއެކު އެއްބަސްވުމަކަށް ނާދެވިގެން މި ސީޒަނަށް ފަހު އޭނާ އެ ޓީމު ދޫކޮށްލާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

މި ސީޒަނުގެ ނިޔަލަށް ޔުވެންޓަސްއާއެކު ޑިބާލާ ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، އެއްބަސްވުން އާކުރަން ޔުވެންޓަސް އިން ދިން ހުށަހެޅުމަށް އަދިވެސް އެއްބަހެއް ނުވެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޑިބާލާ އާއި ޔުވެންޓަސްއާ ދެމެދު ވަނީ 2026 ވަނަ އަހަރާ ހަމައަށް އަހަރަކު 7.6 މިލިއަން ޕައުންޑް ލިބޭ ކޮންޓްރެކްޓަކަށް އަނގަބަހުން އެއްބަސް ވެފަ އެވެ. ނަމަވެސް ޔުވެންޓަސް ވަނީ ފަހުން އެ އަށް ބަދަލު ގެނެސްފަ އެވެ.

އެއްބަސްވުމަކަށް ނާދެވި، މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ޑިބާލާ އަށް ކުލަބް ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ލީގުގައި އެންމެ ފަހުން ޔުވެންޓަސް އިން ސެލަނިޓާނާއާ ކުޅެ 2-0 އިން މޮޅުވި މެޗަށް ފަހު، ޓީމުގެ ކޯޗު މަސިމޯ އަލެގްރީއާ، ޑިބާލާގެ ކުރިމަގާ ގުޅޭގޮތުން ސުވާލު ކުރުމުން ވެސް އުންމީދީ ޖަވާބެއް ނުދެވުނެވެ.

އޭނާ ބުނީ އަންނަ ސީޒަނުގައި ޑިބާލާ ޔުވެންޓަސް އިން ފެނިދާނެކަން ނުވަތަ ނޫން ކަމެއް ވެސް ބުނަން ނޭނގޭ ކަމަށާއި ޑިބާލާގެ އިތުރުން ވެސް އެއްބަސްވުން ހަމަވާ އިތުރު ކުޅުންތެރިން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ފެޑެރިކޯ ބެނެޑެޝްކީ އާއި މަޓިއާ ޑިސިގްލިއޯ އަދި ހުއާން ކުއަޑްރާޑޯ ހިމެނެ އެވެ.

"އަހަރެންގެ މަސައްކަތަކީ ސީޒަންގެ މި ފަހު ހަފުތާތަކުގައި ޓީމުގެ ނަތީޖާ ރަނގަޅު ކުރުން. އަހަރެންނަށް ކުޅުންތެރިން އިވެލުއޭޓް ކުރެވިދާނެ. އެކަމަކު ކޮންޓްރެކްޓްތަކުގެ ވާހަކަ ދައްކާއިރު، ކުޅުންތެރިން ބޭނުންވާ ގޮތާއި މި ކަންކަމަކީ އަހަރެންގެ މަސައްކަތެއް ނޫން،" އަލެގްރީ ބުންޏެވެ.

ޑިބާލާ ވަނީ ޔުވެންޓަސް އިން ސެލަނިޓާނާ ބަލިކުރި މެޗުގައި ލަނޑު ޖަހައިފަ އެވެ. މިހާތަނަށް މި ސީޒަނުގައި ޑިބާލާ ވަނީ ކުޅުނު 29 މެޗުން 13 ލަނޑު ޖަހައި، ހަ ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

އިޓަލީގެ ޕެލާމޯ އަށް ކުޅުމަށް ފަހު 2015 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވި ޑިބާލާ، 28، އަކީ މިހާރު ޔުވެންޓަސްގެ ވައިސް ކެޕްޓަނެވެ. ޔުވެންޓަސްގައި އޭނާ ވަނީ 283 މެޗު ކުޅެ 113 ލަނު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ފަސް ފަހަރު އަދި އިޓާލިއަން ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ޑިބާލާ ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް އަދި ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ.