Roadha Mihaaru
ފްލެޓަށް ވެހިކަލް ރަޖިސްޓްރީކުރުން އަދިވެސް ހުއްޓާލާފައި

ހުޅުމާލޭ ފްލެޓްތަކަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން އަދިވެސް އޮތީ މަޑުޖައްސާލާފައި

21 މާޗް 2022

ހުޅުމާލޭގައި ފްލެޓްތަކަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން އަދިވެސް އޮތީ ހުއްޓާލާފައި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ފްލެޓްތަކަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން އަދިވެސް އޮތީ ހުއްޓާލާފައި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ވަކި ފްލެޓްތަކަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ހުއްޓާލި ފަހުން ވެސް އެތައް ހާސް ބަޔަކު ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވެ އެވެ. އެކަމަކު އެ މީހުންނަށް ވެހިކަލް ރަޖިސްޓްރީ ނުކުރެވޭތީ އެކަމުގެ ޝަކުވާ ބޮޑެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީކުރުން އެއްކޮށް ހުއްޓާނުލާއި ކަމަށެވެ. ދެ ގޮތަކަށް މިހާރު ރަޖިސްޓްރީކޮށްދެމުން އަންނަ ކަމަށެވެ. އެއް ގޮތަކީ ގަރާޖު ހުރި ތަންތަނަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުމެވެ. އަދި ކުރިން ވަކިވަކި ފްލެޓްތަކަށް ރަޖިސްޓްރީކޮށްފައިވާ ހުއްދަތައް ބާތިލުކޮށް އެތަނަށް ހުއްދަ ރިޕްލޭސް ކޮށްދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ވެހިކަލް ރަޖިސްޓްރީކޮށްދިނުން ކޮންޓްރޯލްކުރީ ބްރިޖާ އެކު ގިނަ އަދަދެއްގެ ވެހިކަލް ހުޅުމާލެއަށް ޖަމާވާން ފެށުމުން އެކަން ލިމިޓްކުރުމަށެވެ. ކުރިން ކޮންމެ ފްލެޓެއްގެ ވެސް ވަކިވަކި ޔުނިޓްތަކަށް ވެހިކަލް ރަޖިސްޓްރީކޮށްދިނެވެ.

"އެކަމަކު މިހާރު ވެސް މިކްސްޑް ރެޒިޑެންޝަލް ފްލެޓްތަކުގައި ކިރިޔާ ވެސް ގަރާޖް ސްޕޭސެއް އޮތިއްޔާ ރަޖިސްޓްރީކޮށްދެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ހިޔާ ފްލެޓް ކައިރީ ހުރަހަށް އޮތް މަގެއްގައި ކާރުތައް ޕާކުކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ ފްލެޓް ކައިރީ ހުރަހަށް އޮތް މަގެއްގައި ކާރުތައް ޕާކުކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޮފިޝަލް ވިިދާޅުވީ ހުޅުމާލޭގެ ވެހިކަލް މައްސަލައަށް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓް މާސްޓާ ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އެކަމަކު އެކަން ތަންފީޒުރުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ހުއްދަތަކެއް ހޯދަން ޖެހެ އެވެ.

ވެހިކަލްގެ މައްސަލައަށް ހައްލެއް ހޯދުމަށް ޕާކިން ބިލްޑިން ހަދައި އިތުރު ގޮތްތައް ހޯދަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކުރިން ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެތަނެއްގައި ޕާކު ކުރެވޭ ގޮތަށް އުޅަނދު ރަޖިސްޓްރީކުރަމުން ވެސް ދިޔަ އެވެ. ފަހުން އެ އުސޫލު ބަދަލުކޮށް، ފްލެޓުތަކާއި ރޯ ހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ވެސް ބަދަލުކުރި އެވެ.

ހުޅުމާލޭ ޕާކިން ޖާގަތައް ހުސްވީ ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ހުޅުމާލޭގައި ރަޖިސްޓްރީކުރަން އެތެރެކުރި އުޅަނދުތައް ގިނަވެގެންނެވެ.