Roadha Mihaaru
ފުރަތަމަ ބުރުން މާޒިޔާ އަށް 100 ޕަސެންޓްގެ ރެކޯޑެއް

ލީގުގެ ފުރަތަމަ ބުރުން މާޒިޔާ އަށް 100 ޕަސެންޓްގެ ރެކޯޑެއް

19 މާޗް 2022

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި، ކްލަބް ވެލެންސިއާގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، 100 ޕަސެންޓްގެ މޮޅުވުމުގެ ރެކޯޑަކާއެކު މާޒިޔާއިން ލީގުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި، ކްލަބް ވެލެންސިއާގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، 100 ޕަސެންޓްގެ މޮޅުވުމުގެ ރެކޯޑަކާއެކު މާޒިޔާއިން ލީގުގެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.

ފުރަތަމަ ބުރުގައި މާޒިޔާއިން ކުޅުނު ހަތް މެޗުން ވެސް އެޓީމު ވަނީ މޮޅުވެފަ އެވެ. އެޓީމުން 21 ލަނޑު ޖެހި އިރު ނޭޕާލްގެ ގައުމީ ކީޕަރު ކިރަން ޝެމެޝޮން ބެލެހެއްޓި މާޒިޔާގެ ގޯލަށް ވަނީ އެންމެ ލަނޑެކެވެ. އެއީ ޔުނައިޓެޑް ވިކްޓަރީ އާދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މާޒިޔާ އެއްވަނައިގައި އޮތީ ފަސް ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. ހަތް މެޗުން ވެސް މޮޅުވެ އެޓީމުން ވަނީ 21 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތް އީގަލްސް އަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ. ވެލެންސިއާ އަށް 12 ޕޮއިންޓެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓްގައި ޖެހީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާއާ ދެކޮޅަށް ކާމިޔާބު ހޯދި ވެލެންސިއާއިން ފުރަތަމަ ބުރުގެ ފަހު މެޗަށް ނުކުތް އިރު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. މާޒިޔާގެ ފަހަތުން ދެވަނައިގައި ހިފެހެއްޓި ވެލެންސިއާ އަށް ވަނީ މިދިޔަ ހަފުތާގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ލީގުގެ ދެވަނަ މަގާމު ގެއްލިފަ އެވެ.

މާޒިޔާގެ ހަމްޒާ (ވ): ދެވަނަ ހާފުގައި އޭނާ އަށް އަނިޔާ ވެގެން ވަނީ ބަދަލުކޮށްފަ --- ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ހަމްޒާ (ވ): ދެވަނަ ހާފުގައި އޭނާ އަށް އަނިޔާ ވެގެން ވަނީ ބަދަލުކޮށްފަ --- ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ދެވަނަ ލަނޑު ޖެހީ، މާޒިޔާގެ ހުރިހާ މެޗެއްގައި ކަހަލަގޮތަކަށް ލަނޑު ޖަހަމުން އަންނަ ސްޕެއިންގެ ފޯވާޑް ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) އެވެ. ލަސްޕަލަމްސްގެ ޖޯޒީގައި ރެއާލް މެޑްރިޑް ކޮޅަށް ލަނޑު ޖަހައިގެން މަޝްހޫރުވި ޓާނާ ވަނީ އިތުރު ލަނޑެއް ޖެހުމަށް ވެސް މާޒިޔާ އަށް ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު އަކުރަމް އަބްދުލް ގަނީ ޖެހީ ޓާނާ ނަގައިދިން ކޯނަރަކުންނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުގަ އެވެ.

މި މެޗާއެކު ލީގުގެ ފުރަތަމަ ބުރު ވަނީ ނިމިފަ އެވެ. ދެވަނަ ބުރު ފަށާނީ އަންނަ މަހު ހަތްވަނަ ދުވަހު އެވެ. އޭގެ ކުރިން ގައުމީ ޓީމު، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗު އަންނަ ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި އޮންނާނެ އެވެ. ދެވަނަ ބުރުގެ ގިނަ މެޗުތައް ކުޅޭނީ ރޯދަ މަހުގަ އެވެ. ރޯދަ މަހު މެޗުތައް ކުޅޭނީ ރޭގަނޑު އެކަންޏެވެ.