Roadha Mihaaru
ސައޫދީގައި 81 މީހަކަށް މަރުގެ އަދަބު ދީފި

ސައޫދީގައި 81 މީހަކަށް މަރުގެ އަދަބު ދީފި

13 މާޗް 2022

ސައޫދީ އަރަބިއްޔާގައި މަރުގެ އަދަބު ދޭ ތަފާތު ކުށްތައް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ 81 މީހެއްގެ މައްޗަށް، އިއްޔެ މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

ސައޫދީ އަރަބިއްޔާގައި މަރުގެ އަދަބު ދޭ ތަފާތު ކުށްތައް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާ 81 މީހެއްގެ މައްޗަށް، އިއްޔެ މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

މިއީ މިފަހުގެ ތާރީހެއްގައި ސައޫދީ އަރަބިއްޔާގައި މިހާ ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިފަހުގެ ތާރީޚުގައި އެންމެ ގިނަ ބައެއްގެ މައްޗަށް އެއް އަހަރުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރީ، މިދިޔަ އަހަރުގެ ތެރޭގަ އެވެ.

އެފަހަރު 67 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި އެވެ. އޭގެ ކުރިން 2020 ވަނަ އަހަރު ވެސް 27 މީހަކަށް މަރުގެ އަދަބު ދިނެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި، މިފަހަރު މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި ބޭރުގެ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވާ ޔަމަންގެ ހަތް މީހަކާއި ޔަމަން މީހަކު ވެސް ހިމެނެ އެވެ.

ޓެރަރިސްޓު ޖަމާއަތްތަކުގައި ބައިވެރިވުމުގެ ކުށުގައި މަރުގެ އަދަބު ދިން މީހުންނަކީ، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ މީހުންނާއި އަލްގާއިދާ ޖަމާއަތުގެ މެމްބަރުންނާއި ޔަމަންގެ ހޫތީ ޖަމާއަތުގެ މެމްބަރުންނެވެ. މި ކުށުގައި މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި، މި ގުރޫޕްތަކުގައި ބައިވެރިވެގެން ސައޫދީން ބޭރަށް ދަތުރުކޮށް ހަނގުރާމައިގެ ހަރަކާތްތަކުގައި ބައިވެރިވި ސައޫދީ ރައްޔިތުން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން ދީނުން ބޭރުވުމުގެ ކުށް ސާބިތުވެފައިވާ މީހުންނާއި، ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން މެރުމުގެ ކުށް ސާބިތުވެފައިވާ މީހުން ވެސް، މިފަހަރު މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި ހިމެނެ އެވެ.

ސައޫދީ ނޫސް އޭޖެންސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ އެންމެންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ، އެ ގައުމުގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއާތެއް ފުރިހަމަ ކުރުމަށް ފަހުގަ އެވެ. އެ ގޮތުން ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއްގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ފުރިހަމަ އަށް ލިބިދެވުނު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މުޅި ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ އަށް ނުރައްކާކުރާ ޓެރަރިސްޓް ހަރަކާތްތަކާއި ދީނީ ގޮތުން ހައްދުފަހަނައެޅުމުގެ ވިސްނުމާ ދެކޮޅަށް، ކުރިމަގުގައި ވެސް ހަރުކަށި ފިޔަވަޅު އަޅާނެ އެވެ. މިފަހަރު މަރުގެ އަދަބު ދިން ފިރިހެނުންގެ ތެރޭގައި، އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ މީހުން މެރުމަށް ހަމަލާ ދިން މީހުންނާއި ފުލުހުންގެ ސްޓޭޝަނަކަށާއި ފުލުހުންގެ ބަޔަކު ދަތުރުކުރި އުޅަނދުތަކަކަށް ހަމަލާ ދިން ބަޔަކު ހިމެނެ އެވެ.

ސައޫދީ އަރަބިއްޔާގެ ފަހުގެ ތާރީހުގައި، އެންމެ ފަހުން އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ ބަޔަކަށް މަރުގެ އަދަބު ދިނީ ޖެނުއަރީ 2016ގަ އެވެ. އެފަހަރު މަރުގެ އަދަބު ދިން 47 މީހުންގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ޝީއީ ލީޑަރު ހިމެނެ އެވެ.

އޭގެ ފަހުން 2019 ވަނަ އަހަރުގެ ތެރޭގައި ވެސް އެއް ދުވަހެއްގެ ތެރޭގައި އެ ގައުމުގެ 37 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރި އެވެ. ޓެރަރިޒަމްގެ ކުށުގައި އެފަހަރު މަރުގެ އަދަބު ދިން މީހުންގެ ތެރޭގައި ވެސް ގިނައީ ޝީއީ މަޒްހަބުގެ މީހުންނެވެ.