Roadha Mihaaru
އޮރެންޖް ހިޔާ އެހެން ބަލިތަކުގެ ފަރުވާއަށް ބޭނުންކުރަނީ

އަލަށް ހުޅުވި ކޮވިޑް ފެސިލިޓީގައި ގައިންގަޔަށް އަރާ އެހެން ބަލިތަކަށް ވެސް ފަރުވާދޭނެ: އެޗްޕީއޭ

13 މާޗް 2022

ކޮވިޑުގައި ހާލު ބޮޑުވެ ސީރިއަސްވާ މީހުންނަށް ފަރުވާދޭން ހާއްސަކޮށްގެން ހެދި ހުޅުމާލެ އޮރެންޖް ހިޔާ ފެސިލިޓީގައި މިވަގުތަށް އެ ބަލީގެ ގިނަ ބަޔަކަށް ފަރުވާދޭން ނުޖެހޭތީވެ އެ އިމާރާތް، ގައިންގަޔަށް އަރާ އެހެން ބަލިތަކަށް ބޭނުންކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑުގައި ހާލު ބޮޑުވެ ސީރިއަސްވާ މީހުންނަށް ފަރުވާދޭން ހާއްސަކޮށްގެން ހެދި ހުޅުމާލެ އޮރެންޖް ހިޔާ ފެސިލިޓީގައި މިވަގުތަށް އެ ބަލީގެ ގިނަ ބަޔަކަށް ފަރުވާދޭން ނުޖެހޭތީވެ އެ އިމާރާތް، ގައިންގަޔަށް އަރާ އެހެން ބަލިތަކަށް ބޭނުންކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

"އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރު"ގެ ނަމުގައި ފުރިހަމަ ވަސީލަތްތަކާ އެކު ސަރުކާރުން ހެދި ކޮވިޑަށް ހާއްސަ އެ ފެސިލިޓީ ހުޅުވީ މިދިޔަ ހަފުތާގަ އެވެ. ގާތްގަނޑަކަށް 40 މިލިއަން ހޭދަވި އެ ތަން ހަދާފައި ވަނީ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ކުރިން ބޭނުންކުރަމުން އައި އިމާރާތެއްގަ އެވެ.

އެ ފެސިލިޓީގައި އެއްފަހަރާ 272 މީހުންނަށް ފަރުވާ ދެވެ އެވެ. އެ ތަނުގައި 44 އައިސީޔޫ ބެޑް ބަހައްޓާފައި ހުރިއިރު އެމަޖެންސީ ފަރުވާ އާއި އާންމު ފަރުވާތައް ވެސް ލިބެ އެވެ.

އެ އިމާރާތް ނިމުނުއިރު ރާއްޖޭގައި ކޮވިޑް ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލް ތަސްލީމާ އުސްމާން ވިދާޅުވީ އެތަން ހަދާފައި ވަނީ ކޮވިޑްގެ އިތުރުން ގައިންގަޔަށް އަރާ އެހެން ބަލިތަކަށް ފަރުވާދޭން ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ.

"ކޮވިޑް ކޭސްތައް މަދުވިޔަސް އެ ބަލީގައި މީހެއްގެ ހާލުބޮޑުވެއްޖެ ނަމަ އެޑްމިޓްކުރާނެ ތަނެއް އަދިވެސް ބޭނުންވާނެ. އެ މީހުން އެޑްމިޓްކުރާނީ އެ ސެންޓަރުގައި،" އޭނާ ވިދާޅުވި އެވެ.

އެޗްޕީއޭ އިން ރޭގައި އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 12،000 އިން މަތީގައި ހުރި އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ އެންމެ ހަތަރު މީހަކަށެވެ.

ރާއްޖެއިން ކޮވިޑް ފެނުމާ އެކު ފަރުވާދޭން ފެސިލިޓީއެއް ފުރަތަމަ ހެދީ ފަރުކޮޅުފުށީގަ އެވެ. އެކަމަކު ޖޫން، 2020 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ހިދުމަތް ފެށި ފަހުން ހައި ރިސްކް މީހުންނަށް ފަރުވާ ދެމުން އަންނަނީ އެ ތަނުގަ އެވެ.

ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑްގެ އާ ކޭސްތަކުގެ އަދަދު މިހާރު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ. އެ ބައްޔާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.

ބަލީގައި ހާލުބޮޑުވާ މީހުންގެ އަދަދު މަދުވި އިރު، ރާއްޖޭގައި ގިނަ ބަޔަކު ވަނީ ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ވެސް ފުރިހަމަކޮށްފަ އެވެ. މި ބަލީގައި މިހާތަނަށް 297 މީހަކު ރާއްޖެއިން މަރުވެފައިވެ އެވެ.