Roadha Mihaaru
ބޭރަށް ހިންގާ ރޯގާގެ ކޭސްތައް 7،000 މަތީގައި

ހޮޑުލައި ބޭރަށް ހިންގާ ރޯގާގެ ކޭސްތައް މިދިޔަ މަހު 7،000 އިން މަތީގައި

02 އޯގަސްޓް 2023

މިހާރު ރާއްޖޭގައި ވަރަށް ބާރަށް ފެތުރެމުންދާ ހޮޑުލައި ބޭރަށް ހިންގާ ރޯގާގެ ކޭސްތައް މިދިޔަ މަހު 7،000 އިން މައްޗަށް ދިޔަކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިހާރު ރާއްޖޭގައި ވަރަށް ބާރަށް ފެތުރެމުންދާ ހޮޑުލައި ބޭރަށް ހިންގާ ރޯގާގެ ކޭސްތައް މިދިޔަ މަހު 7،000 އިން މައްޗަށް ދިޔަކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ އެޖެންސީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު، ހޮޑުލައި ބޭރަށް ހިންގާ ރޯގާގެ 3،328 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް، މިދިޔަ މަހު އެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ. މިދިޔަ މަހު އެ ރޯގާގެ 7،384 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

މިނިވަން ދުވަހާ ގުޅިގެން މާލޭގައި މިދިޔަ ހަފުތާގައި ބޭއްވި ޕެރޭޑާއި ފުޅަނދުބުރު ބަލަން އެތައް ހާސް ބަޔަކު އެއްވި ފަހުން، އައިސް ހޮޑުލާތީ ހޮސްޕިޓަލްތަކަށް ކުޑަކުދިން ދެއްކި ވަރު ވަރަށް ބޮޑަށް އިތުރުވެ، ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލެއްގެ އިމަޖެންސީ ރޫމްތައް ފުރުނެވެ.

އެޗްޕީއޭ އިން ބުނެފައި ވަނީ މާލެ ސަރަހައްދުގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ވަރަށް ފަސޭހައިން ހަލުވިކަމާއެކު ފެތުރޭ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ.

މާލެ އާއި ރަށްރަށުގައި ވެސް މި ރޯގާ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނޯރޯވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގިނައިން ހޮޑު ލެވުމާއި ހުން އައުމާއި ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ފަދަ ކަންކަމެވެ. މި ބައްޔަށް "ސްޓަމަކް ފްލޫ" އޭ ވެސް ކިޔަ އެވެ.