10 މާޗް 2022
މިއީ އޯކިޑް މަގުގައި ހުންނަ ޕޮއިންޓް ފާމަސީން ކުރި ތަޖުރިބާ އެކެވެ. ޕެނެޑިން ގުޅައެއްގެ އަގު 4ރ. އެވެ. އެއީ އެހެން ފާމަސީތަކަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ.
މިއީ އޯކިޑް މަގުގައި ހުންނަ ޕޮއިންޓް ފާމަސީން ކުރި ތަޖުރިބާ އެކެވެ. ޕެނެޑިން ގުޅައެއްގެ އަގު 4ރ. އެވެ. އެއީ އެހެން ފާމަސީތަކަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ބޮޑު އަދަދެކެވެ.
"އެ ކީއްވެ އެހާ އަގުބޮޑީ މިތާނގައި؟" އަޅުގަނޑު ސުވާލު ކުރީމެވެ.
"މިތަނަށް ހޯލްސޭލްކުރާ މީހުން ވިއްކާ އަގު ވެސް އަގު ވެސް މިހާރު ބޮޑީ،" އިންޑިއާގެ ސޭޓަކަށް ހުރި މީހާ ޖަވާބު ދިނެވެ.
އެކަމަކު، އެހެން ހުރިހާ ތަނެއްގައި 2ރ. އަށް ގުޅައެއް ހުރި އިރު، ހޯލްސޭލަރުން މިތަނަށް އެކަނި އަގުބޮޑުކޮށް ވިއްކަންވީ ކީއްވެތޯ އަޅުގަނޑު އަހައިފީމެވެ.
"އަހަންނަށް ނޭނގޭ. ބޮސް ބުނާ އަގުގައި ވިއްކަނީ،" އޭނާ ޖަވާބު ކުރުކޮށްލި އެވެ.
ބޮސް އަކީ ކާކުތޯ އަހައިފީމެވެ. އޭނާ ބުނީ އޭނާގެ ބޮސް އަކީ އިންޑިއާ މީހެއް ކަމަށެވެ. އުޅެއުޅެ ވެސް ނަންބަރެއް ނުދިނެވެ.
އައިޖީއެމްއެޗް ކުރިމަތީގައި ހުންނަ ޕޮއިންޓްގެ އެހެން ފާމަސީއަކަށް ވަދެފީމެވެ. އެތާނގައި ނެތް ބޭހެއް، އިންޑިއާގެ ސޭޓް ކައިރީގައި ހުރި އެހެން ފިހާރައަކަށް ގޮސް ހިފައިގެން އައިސް އޭތި ޑަބަލް އަގުގައި ވިއްކައިފި އެވެ.
"އެކަމަކު މިއީ އެހެން ތަންތަނުން 35ރ. އަށް ދޭ ބޭހެއްނު،" އަޅުގަނޑަށް އޭގެ އަސްލު އެނގޭތީ ޝަކުވާ ކޮށްފީމެވެ.
"އެހެންތަ، އެހެންވިއްޔާ 40ރ. ދީ،" ކުރިން 65ރ. އަށް އަގު ކީ ބޭސް ކާޑުގެ އަސްލު އަގު ބަދަލުކޮށްލި އެވެ.
މިއީ އޭގެ އަދި ކުޑަ މިންވަރެކެވެ.
ބޭހުގެ މައްސަލަތަކާ ބެހޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި ޑޮކްޓަރުންނާއި ފާމަސިސްޓުން އަދި ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ނިޒާމުގައި ހުރި ގިނަ މައްސަލަތައް ފެށޭ ހިސާބަކީ އަދި ކަންކަން ހައްލު ނުވެ ދެމިގެންދާ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގައި ފާމަސޫޓިކަލް އިންޑަސްޓްރީގައި "ވެރިކަން" ކުރާ ބާރުގަދަ ފާމަސީތަކެކެވެ.
ބޭހުގެ އަގު ކޮންޓްރޯލް ކުރަން ބަލާއިރު، "ހިތު ހުރި އަގެއް"ގައި ބިލު ކުރުމާއި، އަގުތައް އޮޅުވާލައިގެން ވިޔަފާރި ކުރުމާއި، ރާއްޖެ އެތެރެކުރުން ވެސް މަނާ ބޭސްތައް ދިވެހިންގެ ތެރޭގައި އާންމުކޮށް ވިއްކުމާއި، ޑޮކްޓަރެއްގެ ލިޔުމަކާ ނުލައި ދޫކުރަން ހެޔޮ ނުވާ ވަރުގެ ބޭސްތައް ކޮންމެ މީހަކަށް ވެސް ދޫކުރުން ފަދަ މައްސަލަތައް ރާއްޖޭގައި އޮންނަނީ އިންތިހާ އަށް އާންމުވެފަ އެވެ.
އެކަންކަން ހުއްޓުވަން ބަލާއިރު ދައުލަތުގެ ކަމާބެހޭ އިދާރާ އަށް ވުރެ އެ ފާމަސީތައް ބޮޑުވެ ބާރުގަދަވުމާއި ނެޓްވޯކުތަކެއް ގޮތަށް ހިންގާތީ "އަތް ނުލެވުން" ފަދަ މައްސަލަތަކާ ހެދި މުޅި ދާއިރާ އޮންނަނީ ހިފެހެއްޓުމެއް ނެތި ބޮއްސުންލައިފަ އެވެ.
މީގެ އެއް "ޖަޔަންޓަކީ" ރާއްޖޭގައި ފާމަސީ ޗެއިންތަކެއް ހިންގާ ޕޮއިންޓް ފާމަސީ އެވެ. އަދި މި ޗެއިނަކީ، ހައްދުން ނެއްޓިފައިވާ ޗެއިނެއް ކަމަށް ބޭހުގެ މުޅި އިންޑަސްޓްރީ ވެސް އެއްބަސްވެ އެވެ. އެއީ ތެދެއްތޯ ބަލަން، "މިހާރު"ގެ ނޫސްވެރިން ގޮސް ބެލިއިރު، ބަރާބަރަށް ހުރިހާ ވާހަކައެއް ދިމާވެ އެވެ.
މާލޭގައި އެކަނި 17 ފާމަސީއެއް ހިންގާ ޕޮއިންޓް ފާމަސީތަކަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ ބޭހުގެ އަގު އޮޅުވާލުމެވެ. އެހެން ފާމަސީތަކަށް ވުރެ ބައެއް ބޭސްތަކުގެ އަގުތަކަށް 100-200 ޕަސެންޓް އިތުރަށް ލާ މައްސަލަ އެވެ. އަސާސީ ބޭސްތައް ވެސް ހިތުހުރި އަގެއްގައި ވިއްކުމެވެ.
"މިހާރު"ގެ ޓީމުން ވަނީ ޕޮއިންޓް ފާމަސީ ހިމެނޭ ގޮތަށް މާލޭގެ ތަފާތު 10 ފާމަސީއަކަށް ވަދެ އަގުތައް ބަލައި އަޅައި ކިޔައިފަ އެވެ. އާދަޔާ ހިލާފު ބޮޑު ތަފާތެއް ފެންނަނީ ހަމައެކަނި ޕޮއިންޓް ފާމަސީން އެކަންޏެވެ.
އާންމުކޮށް މީހުން ގަންނަ 1000 މިލިގްރާމުގެ ވިޓަމިން ސީ ކާޑެއް އަގު އެހެން ފާމަސީތަކުގައި އެވަރޭޖް ކޮށް ހުރީ 35ރ. އާއި 45ރ. ދެމެދުގަ އެވެ. ޕޮއިންޓުން ހަމަ އެ ބޭސް ވިއްކަނީ 70ރ. އަށެވެ. ޕެންޓޭޒްގެ 40 މިލިގްރާމް ބޭސް ކާޑެއް 10ރ. އާއި 25ރ. ދެމެދުގައި ފާމަސީތަކުން ވިއްކި އިރު ޕޮއިންޓް ފާމަސީން ވިއްކީ 50ރ. އަށެވެ. އެލެގްރާ ސިރަޕް ވެސް އެހެން ފާމަސީތަކުގައި ހުރީ 60ރ. އާއި 75ރ. ދެމެދުގަ އެވެ. އެކަމަކު ޕޮއިންޓަށް ވަދެ އަހައިލުމުން ބުނީ އޭގެ ފުޅިއެއް ލިބޭނީ 95ރ. އަށް ކަމަށެވެ.
އެ މައްސަލައިގެ ތެރެއަށް އިތުރަށް ވަނުމުން އެނގުނީ މި އަގުތަކަކީ ފާމަސީން ކަނޑައަޅާފައިވާ އަގުތައް ނޫން ކަމެވެ. އޭގެ ބަދަލުގައި އެތަނުގައި ބޭސް ވިއްކަން ހުންނަ ބިދޭސީ މީހާ ބޭނުން އަގެއް ކިޔަނީ ކަމެވެ. ޕޮއިންޓްގެ އެއްވެސް ތަނަކީ ބިލް ހަދައި، ބިލްކޮޅު ދޭ ތަނެއް ނޫނެވެ.
ޕޮއިންޓް ފާމަސީއެއް ތެރެ--ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"މުސްކުޅިއެއް އައިއާ އެއް އަގެއްގައި ތަންކޮޅެއް ޒުވާންކޮށް ހުރި މީހަކު އައިސިއްޔާ އެހެން އަގެއްގައި. އެ ދުވަހެއް ތެރޭ އެއް ބޭހެއް ތަފާތު އަގުތަކުގައި އެބަ ވިއްކާ ހަމަ އެ ފާމަސީން،" ބޭހުގެ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.
"އެއަށް ކިޔަނީ ބިޒްނަސް އިންސައިޑް ބިޒްނަސް. އޯނަރު ކަނޑައަޅާފައި އޮންނަ އަގަށް ވުރެ ކިތަންމެ ބޮޑުކޮށް ވިއްކައިގެން ވެސް ފައިދާ ނަގަންވީ."
"އެއަށް ކިޔަނީ ބިޒްނަސް އިންސައިޑް ބިޒްނަސް. އޯނަރު ކަނޑައަޅާފައި އޮންނަ އަގަށް ވުރެ ކިތަންމެ ބޮޑުކޮށް ވިއްކައިގެން ވެސް ފައިދާ ނަގަންވީ."
ޕޮއިންޓް ފާމަސީގެ ތެރޭގައި ހިންގާ ކަންކަން އެއީ މެނޭޖްމަންޓަށް އެނގިގެން ހިންގާ ކަމެއްތޯ އާއި އަގުބޮޑުކޮށް ބޭސް ވިއްކަނީ ކީއްވެގެންތޯ، އެ ފާމަސީތައް ހިންގާ ކުންފުނީގެ އިސް ބޭފުޅަކަށް ދެންނެވުމުން އެއަށް ޖަވާބެއް ނުދެއްވި އެވެ. އެކަމަށް ޖަވާބު ދެއްވާނީ ސީދާ އޯނަރު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އެކަމާ ބެހޭ ގޮތުން ކުންފުނީގައި މި ވަގުތު އެންމެ އިސްކޮށް ހުންނެވި ބޭފުޅާއާ ގުޅުމުން ވިދާޅުވީ އެ އޮފިޝަލާ ގުޅުމަށެވެ.
ބައެއް ސުވާލުތަކަށް އޮފިޝަލް ޖަވާބު ދެއްވި އެވެ. މެނޭޖްމަންޓުން ވަކި އަގެއް ކަނޑައެޅުމަށް ފަހު، އެ ބޭސްތައް ފާމަސިސްޓުން ބޭނުން އަގެއްގައި ވިއްކަން ހުއްދަ ދީފައިވާ ވާހަކަ އޭނާ ދޮގުކުރެއްވި އެވެ.
ބިދޭސީން ހިންގާ ޕޮއިންޓް ފާމަސީ އަށް ކުރާ އަނެއް ތުހުމަތަކީ އެތަނުން މަނާ ބޭސްތައް ވިއްކާ މައްސަލަ އެވެ. އެބޯޝަން ޕިލްސްތަކާއި ޑޮކްޓަރުގެ ބޭސް ސިޓީއަކާ ނުލައި ބާރުގަދަ އަދި މަނާ ބޭސްތަކާއި އެންޓި ބަޔޮޓިކްތައް ވެސް ހަމަ އަންނަ ކޮންމެ މީހަކަށް އެ ފާމަސީން ދޫކުރެ އެވެ. މިކަން އޮންނަނީ "އެންމެނަށް އެނގޭ ބޮޑު ސިއްރެއް" ގޮތުގަ އެވެ.
މިހާރުގެ ނޫސްވެރިން ޕޮއިންޓްގެ ހަތަރު ފާމަސީއަކަށް ވަދެ ވަރަށް "މަނާ ބޭސްތައް ލިބޭނެތޯ" ވަރަށް ސިއްރުން ސުވާލު ކުރީމެވެ. ކޮންމެ ފާމަސީއަކުން ވެސް ވަގުތުން ބޭސް ވިއްކަން އެއްބަސްވި އެވެ. ބޭސް ލިބޭ އަގުތަކާއި ބޭނުންކުރަން ޖެހޭ ގޮތާއި ހުރިހާ ކަމެއް ކިޔައިދިނެވެ.
އެކަމަކު އެއްވެސް ބިލެއް ދޭކަށް އެއްބަހެއް ނުވެ އެވެ. އެއް ތަނަކުން އެބޯޝަން ބޭހުގެ ސްޓޮކް ހުސްވެފައި ހުރުމުން އަނެއް ފާމަސީއެއްގެ ނަމްބަރު ދީ ވަގުތުން ބޭސް ލިބޭނެ ގޮތް ހަމަޖައްސައިދިނެވެ. މިއީ ބޮޑު ނެޓްވޯކެއް ގޮތަށް ވަރަށް އިންތިޒާމްވެގެން ހިންގާ ވަގު ވިޔަފާރި އެކެވެ.
މިކަންކަމަށް ފާރަވެރިވާން ހުރީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީންނެވެ. މިފަދަ ކަންކަން ވަރަށް ގިނަ ފާމަސީތަކުން ކުރާކަން އެ އިދާރާ އަށް ވެސް އެނގެ އެވެ. ދޭތެރެއަކުން ކުއްލި އިންސްޕެކްޝަންތައް ޖައްސާ އަތުލައިގަންނަން މަސައްކަތް ކުރެ އެވެ. އެކަމަކު ގިނަ ފަހަރަށް ވަނީ ފެއިލް އެވެ. ސަބަބުތައް ވެސް ގިނަ އެވެ.
އެމްއެފްޑީއޭ އަށް އޮތް ގޮތަކީ އެއްފަހަރާ އެއް ގަޑިއަކަށް ގިނަ ފާމަސީތައް ރެއިޑް ކުރުމެވެ. މިދިޔަ އަހަރު ތެރޭގައި އެ އިދާރާ އިން 117 ފާމަސީ އަށް މީހުން ފޮނުވައިގެން އެއްފަހަރާ ވަދެ ބޭސް ސިޓީއަކާ ނުލައި ވިއްކުން މަނާ ބޭސް ލިބޭތޯ ސުވާލު ކުރި އެވެ. އޭގެ ތެރެއިން 100 ފާމަސީއެއް ވަގުތުން ވިއްކި އެވެ.
އެމްއެފްޑީއޭގެ އިންސްޕެކްޝަންތަކަށް ފާމަސީ ހިންގާ ބިދޭސީން ވަރަށް ފަރިތަ އެވެ. އެ އިދާރާގެ ފަރާތުން ފޮނުވާ އޮފިސަރުން ވަކި ކުރަން އެނގެ އެވެ. ބައެއް ފަހަރު އިންސްޕެކްޝަންތައް ޖެއްސުމުގެ ކުރިން ފާމަސީތަކަށް އޮންނަނީ އެ މައުލޫމާތު ލިބި، ތައްޔާރަށެވެ.
އަނެއްބައި ފަހަރު އެއް ތަން ރެއިޑް ކުރާއިރަށް އެ ތަނުން އެހެން ހުރިހާ ޕޮއިންޓަކަށް ގުޅައި އެ މީހުން އެލާޓަށް ގެނެ އެވެ. އަދި ޕޮއިންޓް ފާމަސީ ނޫނަސް އެ މީހުންނާ ގުޅުން އޮންނަ އެހެން ފާމަސީތަކަށް ވެސް މި މައުލޫމާތު ދީ އެ މީހުން ރެޑީ ކުރުވަ އެވެ.
އެހެންވެ އެމްއެފްޑީއޭ އަށް އޮތް ގޮތަކީ އެއްފަހަރާ އެއް ގަޑިއަކަށް ގިނަ ފާމަސީތައް ރެއިޑް ކުރުމެވެ. މިދިޔަ އަހަރު ތެރޭގައި އެ އިދާރާ އިން 117 ފާމަސީ އަށް މީހުން ފޮނުވައިގެން އެއްފަހަރާ ވަދެ ބޭސް ސިޓީއަކާ ނުލައި ވިއްކުން މަނާ ބޭސް ލިބޭތޯ ސުވާލު ކުރި އެވެ. އޭގެ ތެރެއިން 100 ފާމަސީއެއް ވަގުތުން ވިއްކި އެވެ.
މާލޭގައި ފާމަސޫޓިކަލް ޖަޔަންޓުންގެ ގޮތުގައި އޮޕަރޭޓުކޮށް ބިދޭސީންގެ ވެސް ބޮޑު ކޮންޓްރޯލެއް އޮވެގެން މިފަދަ ބޮޑެތި ކަންކަން ހިންގާއިރު މި މައްސަލަތައް ހައްލު ކުރަން މުއައްސަސާތައް އޮތީ ނުކުޅެދިފައި
މާލޭގައި ފާމަސޫޓިކަލް ޖަޔަންޓުންގެ ގޮތުގައި އޮޕަރޭޓުކޮށް ބިދޭސީންގެ ވެސް ބޮޑު ކޮންޓްރޯލެއް އޮވެގެން މިފަދަ ބޮޑެތި ކަންކަން ހިންގާއިރު މި މައްސަލަތައް ހައްލު ކުރަން މުއައްސަސާތައް އޮތީ ނުކުޅެދިފަ އެވެ. މަނާ ވިޔަފާރި ކުރުމުގެ އިތުރުން ސީދާ ބަލި މީހުންނަށް ނުރައްކާވާ ފަދަ ކަންކަން ވެސް ބައެއް ފާމަސީތަކުން ހިންގަ އެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި ޕާމަސީތަކުގައި ބޭސް ވިއްކުމަކީ މަތީ ފެންވަރަށް ކިޔަވައިގެން ތިބި ފާމަސިސްޓުން ނޫން އެހެން ބަޔަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ސީދާ ބަލި މީހުންނާ ޑީލް ކުރަން ޖެހޭ އިރު ވަރަށް ގިނަ ގޮތް ގޮތަށް ބަލައި އެ މީހެއް ގައިގައި ތަޖުރިބާ ހުންނަން ޖެހެ އެވެ.
އެހެންވެ ހެލްތު މިނިސްޓްރީ އިން ވަނީ ކޮންމެ ފާމަސިސްޓަކަށް ހާއްސަކޮށް އެ މީހުންގެ ރަޖިސްޓްރޭޝަނާ ފޮޓޯ އާއި އެހެނިހެން ހުރިހާ މައުލޫމާތެއް ހިމެނޭ ކާޑެ ދީފަ އެވެ. ބޭސް ގަންނަން ފާމަސީ އަށް ވަންނަ މީހުންނަށް ފެންނަ ގޮތަށް އެ ކާޑު ކަރުގައި އަޅުވާފައި އޮންނަން ޖެހެ އެވެ.
ނަމަވެސް ފާމަސީތަކަށް ވަންނަ އިރު ފެންނަނީ އެ މަންޒަރެއް ނޫނެވެ. ކާޑު އަޅައިގެން ތިބޭނީ މަދު ފަހަރަކު އެވެ. ފާމަސިސްޓުން ބޭރަށް ނިކުންނަން ބޭނުންވެއްޖެ ނަމަ އެ މީހުންގެ ރައްޓެހި އެހެން ބިދޭސީއަކަށް ގުޅައި އެތަނުގައި ބަހައްޓަ އެވެ. ބައެއް ފަހަރު ބޭސް ނުވެސް ދަންނަ މީހުން ބޭސް ސިޓީއަށް ބަލައިގެން ބޭސް ދޫކޮށްފައި އެބަހުއްޓެވެ. ރަނގަޅު މައުލޫމާތުތައް ނޭނގި ގާނޫނާއި ގަވައިދުތަކަށް ބެލުމެއް ނެތި ކުރާ މިފަދަ ކަންކަމުގެ ސަބަބުން ބައެއްގެ ފުރާނައަށް ނުރައްކާވިޔަސް ނޭނގޭނެ އެވެ.
"އެ ފާމަސީއަކާ ދޭތެރޭ ފިޔަވަޅު އެޅިޔަސް ނުބައިކޮށް ބޭސް ވިއްކީމަ ޕޭޝަންޓަކަށް ހުންނާނީ ނުބައި ބޭހެއް ކެވިފައި. އޭގެން ބޮޑު ގެއްލުމެއް ވެސް ވެދާނެ. އަޅުގަނޑުމެން ގޮސް އިންސްޕެކްޓު ކުރާއިރު ގިނަ ފަހަރަށް ފޮޓޯ އަށް ބަލާފައި ނޭނގުނަސް ސުވާލުތައް ކުރަން ފެށުމުން އެ މީހުން ދޭ ޖަވާބުތަކަށް ބަލާފައި އެނގޭ،" އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބޭހުގެ އަގު ކޮންޓްރޯލް ނުކުރެވި މުއްދަތު ފަހަނައަޅައިފި
ބޭހުގެ އަގު ކޮންޓްރޯލްކުރުން މާޗް މަހަށް ފަސްކޮށްފި
ފާމަސީތަކުގެ ދެކޮޅު ހެދުން؛ އަގު ކޮންޓްރޯލެއް ނުވި!
"ފާމަސީ އެމްވީ"ގެ ނަމުގައި އޮންލައިން ފާމަސީއެއް
ބޮޑެތި ބަދަލުތަކަކާ އެކު އެސްޓީއޯ އާ ފެށުމަކަށް!
އޭޑީކޭ އިން ހުޅުމާލޭގައި ފާމަސީއެއް ހުޅުވައިފި
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް ބަދަލެއް ގެނެސްފި
ބޭހުގެ މައްސަލަ އުޅޭތީ އިންސްޕެކްޝަން ވަރުގަދަކޮށްފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި