09 މާޗް 2022
ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ތުހުމަތުވާ މީހެއްގެ މައްޗަށް ދައުވާ ނުކޮށް، ގާނޫނުގައި ބުނާ މުއްދަތު ފަހަނަޅައި ދިއުމުން ވެސް އަލުން ދައުވާ ކުރުމަށް ކޯޓުން ދެ ފަހަރަށް ފުރުސަތު ދިނުމުން ދައުވާ ނުކޮށް ފަސް މަސް ދުވަސްވެ ދައުވާ ނުކުރެވުނު މައްސަލައެއްގައި ސުޕްރީމް ކޯޓުން ހޫނު ރައްދުތަކެއް މިއަދު ދީފި އެވެ.
ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ތުހުމަތުވާ މީހެއްގެ މައްޗަށް ދައުވާ ނުކޮށް، ގާނޫނުގައި ބުނާ މުއްދަތު ފަހަނަޅައި ދިއުމުން ވެސް އަލުން ދައުވާ ކުރުމަށް ކޯޓުން ދެ ފަހަރަށް ފުރުސަތު ދިނުމުން ދައުވާ ނުކޮށް ފަސް މަސް ދުވަސްވެ ދައުވާ ނުކުރެވުނު މައްސަލައެއްގައި ސުޕްރީމް ކޯޓުން ހޫނު ރައްދުތަކެއް މިއަދު ދީފި އެވެ.
ސުޕްރީމް ކޯޓުން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ބެއްލެވި މި މައްސަލަ އަކީ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓުގައި ނޮވެމްބަރު 21، 2019 ގައި އުފުލި ދައުވާއެއް، ގާނޫނުގައި ބުނާ މުއްދަތުގެ ފަހުން ހުށަޅާފައި ވާތީ ބޭރުކޮށްލި މައްސަލައެކެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އަދި ކުޑަކުއްޖަކަށް މީހެއްގެ ޖިންސީ ގުނަވަނެއް ކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ދައުވާ ލިބުނު މީހާގެ މައްސަލަ ފުރަތަމަ ބޭރުކޮށްލީ ދައުވާ ލިބުނު މީހާގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކަށެވެ. އެއީ ދައުވާ އުފުލަން ގާނޫނުގައި ބުނާ މުއްދަތުގެ ފަހުން ހުށަހެޅި މައްސަލައެއް ކަމަށް ބުނެ އޮތް ހުށަހެޅުމެކެވެ.
މި މައްސަލާގައި އެންމެ ފުރަތަމަ ދައުވާކުރީ ވެސް ދައުވާކުރުމަށް އޮންނަ އެންމެ ފަހު ދުވަސް ކަމަށްވާ، 45 ވަނައަށްވީ ބުރާސްފަތި ދުވަހު ރަސްމީ ގަޑީގެ ފަހުންނެވެ.
އެ ކޯޓުން އެހެންވެ މައްސަލަ ބާތިލްކުރި އެވެ. އަދި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ނިންމުމަށް ހައި ކޯޓުން ބާތިލްކޮށް، އެއީ މަނަދޫ ކޯޓަށް އަލުން މައްސަލަ ހުށަހަޅައިފި ނަމަ އަލުން ބަލަންޖެހޭ މައްސަލައެއް ކަމަށް ފެބްރުއަރީ 11، 2020 ގައި ހުކުމްކުރި އެވެ. އެކަމަކު އަލުން މަނަދޫ ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 22، 2020 ގަ އެވެ.
ދައުވާ ލިބުނު މީހާގެ ފަރާތުން އަނެއްކާވެސް ޝަރީއަތުގެ ކުރިން ހުށަހެޅުމެއްގެ ގޮތުގައި، ގާނޫނުގައި ބުނާ 45 ދުވަހުގެ ފަހުން ދައުވާ އުފުލުމުން މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހުށަހެޅި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އެއިގެ 5 މަސް ދުވަސް ފަހުން، ޔަގީނާ ގާތަށް، އެއްވެސް ކޯޓަކުން މިފަހަރު އެ މައްސަލަ ބަލައިނުގަންނާނެ މުއްދަތެއް ފަހުންނެވެ. ސަބަބުވެރި އިންސާނެއްގެ މިންގަނޑުން، ދަޢުވާ ފެއިލްކޮށްލަން ބޭނުންވާ ނަމަ ޢަމަލުކުރާނީ މި ފަދަ ގޮތަކަށެވެ.
މި ހުށަހެޅުމަށް، ދަށު ކޯޓުން ނިންމީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރެވޭތާ 45 ދުވަސް ތެރޭ ދައުވާ އުފުލަންޖެހޭ މީހެއްގެ މައްސަލަ ކަމަށާއި ދައުލަތުން އަލުން މައްސަލަ ހުށަހެޅީ ހައި ކޯޓުން މައްސަލަ ނިންމިތާ 162 ދުވަސް ފަހުން ކަމަށެވެ.
މި މައްސަލަ ހުށަހެޅި އިރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށިފައި ނުވާތީ، މި މައްސަލަ ބަލައިދެވޭނީ ހައި ކޯޓުން މައްސަލަ ނިންމާތާ 45 ދުވަހުގެ ތެރޭގައި ހުށަހަޅައިގެން ކަމަށް ދެކޭ ކަމަށް މަނަދޫ ކޯޓުން ނިންމި އެވެ. އަދި ދައުވާކޮށްފައި ވަނީ އެކަމަށް އޮންމަ މުއްދަތު ހަމަވި ފަހުން ކަމަށް ވެފައި އަދި އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެފައި ވާތީ އާއި އެކަން އެހެން ދިމާވި ސަބަބެއް ވެސް ދައުލަތުން ކޯޓަށް ހުށަހަޅާފައި ނުވާތީ މިއީ ދައުވާގެ މައުލޫއާ މެދު ގޮތެއް ނިންމަންޖެހޭ މައްސަލައެއް ނޫން ކަމަށް އެ ކޯޓުން ނިންމި އެވެ.
މި ނިންމުން އަނެއްކާ ވެސް ހައި ކޯޓުގައި އިސްތިއުނާފުކުރި ނަމަވެސް ހައި ކޯޓުން ތާއީދުކުރީ ދަށު ކޯޓުގެ ނިންމުމަށެވެ.
މި މައްސަލާގައި ދައުލަތުން ބުނަމުން ދިޔައީ ގާނޫނުލްއުގޫބާތުގައި، ދައުވާ އުފުލުމަށް ބުނާ މުއްދަތަކީ ފުރަތަމަ ދައުވާކުރާއިރު ބަލަންޖެހޭ މުއްދަތު ކަމަށާއި މި މައްސަލާގައި ވަނީ ދެ ވަނަ ފަހަރަށް ދައުވާ އުފުލުން ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް ދައުވާކުރާއިރު މު މުއްދަތު ގުނަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. މިކަމާ ގުޅޭ ގޮތުން، ރިޔާސަތުން ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ރައުޔުގައި ވިދާޅުވީ ދައުލަތުން ވަކާލާތުކުރާ ގޮތަށް ދެ ވަނަ ފަހަރަށް ދައުވާ އުފުލުމުގައި ގާނޫނީ ހުސްކަމެއް އޮތް ކަމަށް ދައުލަތުން ބުންޏަސް އެގޮތަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެފަދަ ހާލަތުގައި އަމަލުކުރަންވީ ގޮތް މަނާކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
ދައުވާކުރުން ލަސްވީ ކޮވިޑްގެ ލޮކްޑައުންގެ ސަބަބުން ކަމަށް ދައުލަތުން ބުންޏަސް އެ މުއްދަތުގައި އޮންލައިންކޮށް ޝަރީއަތްތައް ހިންގި ކަމަށާއި އީމެއިލުން ވިޔަސް މި މައްސަލަ އަލުން ހުށަހަޅަން ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އިހުމާލު ވަރަށް ބޮޑަށް ފާހަގަކޮށްފައިވޭ. --- ފޮޓޯ/މިހާރު
މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނަށް ބަލާއިރު، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި، ކަމެއް ކުރުމުގައި ލަސްވި ލަސްވުމަކީ އެކަށީގެންވާ ސަބަބެއް އޮވެގެން ދިމާވި ގޮތެއް ނަމަ، މިއީ މުއްދަތަށް ވުރެ ފަސް މަސް ފަހުން ހުށަހެޅި މައްސަލައެއް ކަމަށް ވިޔަސް އެހެން ދިމާވި އެކަށީގެންވާ ސަބަބެއް ބުނެދިން ނަމަ މިއީ ބަލައިގަތުމުގެ ފުރުސަތު އޮތް މައްސަލައެއް ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވި އެވެ.
"... މި މައްސަލައަކީ މިއީ ނިޒާމުގެ ތެރޭގައި 'ހަރުނުލައިގެން' އުޅޭ މައްސަލައެއްކަމަށް ދައުލަތުގެ ފަރާތުން ސިފަކުރި ނަމަވެސް، މި މައްސަލަ އެންމެ ފުރަތަމަވެސް ކޯޓަށް ވައްދަން މަސައްކަތް ކޮށްފައިވަނީ ގާނޫނުގައި ބުނާ މުއްދަތުގެ ރަސްމީ ގަޑީގެ ފަހުންކަމުގައިވާއިރު، އެކަންވެސް އެއް ފަރާތްކޮށް، އަލުން މައްސަލަ ހުށަހެޅުމަށް ދައުލަތަށް ހައިކޯޓުން ފުރުސަތު ދިނުމުން، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އެއިގެ 5 މަސް ދުވަސް ފަހުން، ޔަގީނާ ގާތަށް، އެއްވެސް ކޯޓަކުން މިފަހަރު އެ މައްސަލަ ބަލައިނުގަންނާނެ މުއްދަތެއް ފަހުންނެވެ. ސަބަބުވެރި އިންސާނެއްގެ މިންގަނޑުން، ދަޢުވާ ފެއިލްކޮށްލަން ބޭނުންވާ ނަމަ ޢަމަލުކުރާނީ މި ފަދަ ގޮތަކަށެވެ." ހުކުމުގައިވެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވީ މިކަމެއް ހިނގާފައިވަނީ ޕީޖީގެ މުވައްޒަފެއްގެ އިހްމާލެއްގެ ސަބަބުން ކަމަށް ވިޔަސް، ނުބައި ނިޔަތެއް އޮވެގެން ކަމަށް ވިޔަސް، ނުވަތަ ބައެއްގެ ނުފޫޒުން ކަމުގައި ވިޔަސް، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ދައުވާ ނުއުފުލާ އޮތް އޮތުމަކީ އެކަމެއް ފޫބެއްދުމަށްޓަކައި ކޯޓުތަކަށް އިތުރަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިފަދަ ކަންކަމުގައި ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން ކޯޓުތައް އިމްތިހާނުކޮށް ކޯޓުތަކުން ގާނޫނު ވާންކޮށްދޭނެ ކަމަށް ބެލުމުގެ ސަގާފަތާ ދުރުހެލިވާންޖެހޭ،" ފަނޑިޔާރު ވިދާޅުވި އެވެ.
ގާނޫނުގައިވާ ގޮތަށް އަދަބު ދެވި އިންސާފު ގާއިމުކޮށްދެވޭނީ ހަމައެކަނި ކޯޓުތަކަށް ކަމަށް ހީކުރެވުމަކީ ކުށް ހީއެއް ކަމަށާއި ކޯޓްތަކަކީ ވެސް ގާނޫނުތައް ނަގަހައްޓައި ކުށްކުރާ މީހުންނަށް އަދަބު ދީ، އިންސާފު ގާއިމުކުރުމުގައި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާ އެއް އަމާޒެއްގައި މަސައްކަތްކުރާ ތަނެއް ކަމަށް ވެސް، މި ރައުޔުގައި ވިދާޅުވި އެވެ.
ދައުލަތުގެ މުވައްޒަފެއްގެ އިހުމާލުން ހިނގި މި އަމަލުގެ މަތީގައި މި ކޯޓުން މަލަން އަޅަން އުޅެފި ނަމަ، މުޅި އަދުލު އިންސާފުގެ ހަމަތަކާއި ގާނޫނުގެ ވެރިކަމާއި ޖުޑިޝަލް ރިވިއުގެ އަސާސްތައް މުގުރިގެން ދާނެ: ފަނޑިޔާރު ސުއޫދު
ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ދައުލަތުގެ ދެން ހުރި މުއައްސަސާތަކުން ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން އިންސާފަށް ވާސިލުވުމަށްޓަކައި މަގު ކޮށައިދީ، އެފަދަ މާހައުލެއް ގާއިމުކޮށްދީގެން ކަމަށެވެ.
"ކުށްކުރުން ހުއްޓުވައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ދައުލަތުގެ އެންމެހައި އިދާރާތަކުން ގާނޫނުތައް އެއްފަރާތްކޮށް، އެއްވެސް ފަރުވާލެއް ނެތި އަމަލުކުރުމުން، އެކަންކަން ތާއަބަދު ކޯޓުތަކުން ފޫބައްދައިދިނުމުގެ އާޚިރު ނަތީޖާއަކީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބާރު ކެނޑިގެންދިޔުމެވެ." މުއްދަތު ހަމަވެފައި އޮތުމުން ދައުވާ ކުރިއަށް ނުގެންދަން ދަށު ކޯޓާއި ހައި ކޯޓުން ނިންމި ނިންމުމަށް ތާއީދުކުރައްވައި ކުރެއްވި ހުކުމުގައިވެ އެވެ.
މި ރައުޔުއަށް ފަނޑިޔާރު މަހާޒް ވަނީ ތާއީދުކުރައްވައިފަ އެވެ.
ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވީ ގާނޫނެއްގެ ދަށުން ދައުލަތުގެ މުވައްޒަފަކަށް ކަމެއް ކުރުން ލާޒިމުކޮށްފައިވާ ނަމަ އެކަމެއް ކުރަން ގާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތަސް ހިތުހުރިހައި ދުވަހަކަށް އެކަމެއް ނުކޮށް ދަންމާލުމުގެ ފުޅާ އިހްތިޔާރު ދައުލަތުގެ އެ މުވައްޒަފަކަށް ނޯންނާނެ ކަމަށެވެ.
"ހާއްސަކޮށް އެކަމެއް ނުކޮށް ލަސްކުރުމުގެ ސަބަބުން ފަރުދެއްގެ ހައްގަކަށް އަސަރުކުރާނަމަ އެކަމުގެ ސީރިއަސްކަން އިންތިހާއަށް ގުނަވެގެންދާނެ އެވެ. ވީމާ، އެކަމެއް ވީހައި އަވަހަކަށް ކުރުމަކީ ލާޒިމުކަމެކެވެ. ހަމައެކަނި އިސްތިސްނާ ހާލަތަކީ މަގުބޫލު ސަބަބެއް ނުވަތަ އުޒުރެއް އޮންނަ ހާލަތެވެ." ސުއޫދުގެ ރައުޔުގައިވެ އެވެ.
މީގެ އިތުރުން ސުއޫދު ވިދާޅުވީ ދައުލަތުގެ މުވައްޒަފުން ގާނޫނުތަކުގެ ދަށުން ކުރަން ލާޒިމުވާކަންކަން މަގްބޫލު ސަބަބެއް ނެތި ލަސްވެ ދިއުމުގެ ސަބަބުން އެކަން ކުރުވުމުގެ އަމުރަކަށް އެދިގެން އަންނަ ގިނަ މައްސަލަތަކެއް ކޯޓަށް ހުށަހަޅާ ކަމަށެވެ. އަދި މި މައްސަލަ ދައުލަތުން އެދޭގޮތަށް ނިންމައިފި ނަމަ، ދައުލަތުގެ މުވައްޒަފުން މަގާމުގެ ބާރު ތައައްސުފީ ގޮތުން ބޭނުން ހިފައި، އެކި ފަރާތްތަކުން ހޯދުމަށް އެދޭ ލައިސަންސްތަކާއި ހުއްދަތައް ނުދީ ވަކި މުއްދަތެއް ނެތް ގޮތަކަށް ދިގުދެންމި ކަމުގައިވިޔަސް މި ގަޒިއްޔާއިން އުފެދޭ އުސޫލުގެ ސަބަބުން ދައުލަތުގެ މުވައްޒަފުން ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅޭނެ ކަމަށެވެ.
"އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރެވެނީ ވަރަށް ޚުތޫރަތްތެރި، އަދި ވަރަށް ހަޑިމުޑުދާރު އަމަލަކަށް ތުހުމަތުކުރެވޭ ދައުވާއެކެވެ. އެހެންނަމަވެސް، ދައުލަތުގެ މުވައްޒަފެއްގެ އިހުމާލުން ހިނގި މި އަމަލުގެ މަތީގައި މި ކޯޓުން މަލަން އަޅަން އުޅެފި ނަމަ، މުޅި އަދުލު އިންސާފުގެ ހަމަތަކާއި ގާނޫނުގެ ވެރިކަމާއި ޖުޑިޝަލް ރިވިއުގެ އަސާސްތައް މުގުރިގެން ދާނެ އެވެ." ދައުލަތުން އެދޭ ގޮތަށް މައްސަލަ ނިންމައިފި ނަމަ ނުކުންނާނެ ނަތީޖާ ތަފްސީލްކޮށްދެއްވަމުން ސުއޫދު ވިދާޅުވި އެވެ.
މި ކަންކަމަށް ބަލައި ސުޕްރީމް ކޯޓުން ހުކުމްކުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓާއި ހައި ކޯޓުން ނިންމި ނިންމުމަށް ތާއީދުކޮށެވެ. އެހެންވެ މި މައްސަލާގައި، ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ތިން ދައުވާ ލިބުނު މީހާ ވަނީ ދައުވާ އިން ސަލާމަތްވެފަ އެވެ.
ބޭރުކޮށްލި ޖިންސީ ގޯނާގެ މައްސަލަ ސުޕްރީމް ކޯޓަށް
ދޮންދަރިއާ ބެހުނު މީހާއަށް ކުރި ހުކުމަށް ތައުރީފް
ޔާމީނާ ދެކޮޅު އާ ހެކިތަކުގެ މައްސަލަ ބަލައިގެންފި
މޫސަގެ މަރު: މީހާ ބަންދު ނުކުރާތީ ސުޕްރީމް ކޯޓަށް
ކާފަ ދަރިއާ ބެހުނު ކަމަށް ބުނާ މީހަކު ދޫކޮށްލައިފި
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ކުޑަކުދިންނާ ބެހޭ މީހުންގެ ދަފްތަރު ޑިޖިޓައިޒްކޮށްފި
ނައީމާގެ މަރާ ގުޅޭ އިތުރު ރިޕޯޓްތަކެއް ހަދަނީ
"ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވެން ޖެހޭނެ"
އަލީގެ ޖަލު ހުކުމް ބާތިލްކުރީ މާފަށް އެދުމުން: ކޯޓް