Roadha Mihaaru
ސޮނީ އާއި ހޮންޑާ ގުޅިގެން އިލެކްޓްރިކް ވެހިކަލް ހަދަނީ

ސޮނީ އާއި ހޮންޑާ ގުޅިގެން އިލެކްޓްރިކް ވެހިކަލް އުފައްދަނީ

05 މާޗް 2022

އިލެކްޓްރިކް ސާމާނު އުފެއްދުމަށް މަޝްހޫރު ޖަޕާނުގެ ސޮނީ އާއި ވެހިކަލް އިފެއްދުމަށް މަޝްހޫރު ހޮންޑާ ގުޅިގެން އިލެކްޓްރިކް ވެހިކަލް އުފައްދަން ކުންފުންޏެއް ހަދަން ނިންމައިފި އެވެ.

އިލެކްޓްރިކް ސާމާނު އުފެއްދުމަށް މަޝްހޫރު ޖަޕާނުގެ ސޮނީ އާއި ވެހިކަލް އިފެއްދުމަށް މަޝްހޫރު ހޮންޑާ ގުޅިގެން އިލެކްޓްރިކް ވެހިކަލް އުފައްދަން ކުންފުންޏެއް ހަދަން ނިންމައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ސޮނީ އާއި ހޮންޑާ ގުޅިގެން ނެރުނު އިއުލާނެއްގައި ބުނީ އެ ދެ ކުންފުނި ގުޅިގެން އިލެކްޓްރިކް ވެހިކަލް އުފައްދާއި، އޭގެ ވިޔަފާރީކުރުމަށް ހާއްސަ ކުންފުންޏެއް ހަދަން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނީގެ އަމަލީ މަސައްކަތް މި އަހަރު ފަހުކޮޅު ފަށާއި 2025 ވަނަ އަހަރު ވިޔަފާރީ ފެށޭނެ ކަމަށް ވެސް ބުންޏެވެ.

ކުންފުނި ފެށުމަށް ހަދަން ޖެހޭ އެއްބަސްވުންތަކުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

"އެ ކުންފުނީގެ ރޯލަކީ އިލެކްޓްރިކް ވެހިކަލް އުފައްދަން އޭގެ ޕްލޭންތައް ހަދާއި ޑިޒައިންކޮށް، ޑިވެލޮޕްކޮށް އަދި އެ ވިއްކުމުގެ މަސައްކަތް،" އެ އިއުލާނުގައިވެ އެވެ.

އެ ވެހިކަލްތައް އުފައްދާނީ ހޮންޑާގެ ފެކްޓަރީއެއްގަ އެވެ. ވިޔަފާރީގެ ބައި ބަލަހައްޓާނީ ސޮނީ އިންނެވެ.

ސޮނީ އިން ވަނީ މި އަހަރު އިލެކްޓްރިކް ކާރަށް ހާއްސަ ކުންފުންޏެއް އުފައްދަން ވެސް ނިންމައިފަ އެވެ. ވެހިކަލް އުފެއްދުމުގެ އިންޑަސްޓްރީގައި ވެސް ކުރިއަށް ދާން އަމާޒު ހިފާފައިވާ ސޮނީން ވަނީ މީގެ ދެ އަހަރު ކުރިން އެ ކުންފުނީގެ ފުރަތަމަ ޕްރޮޓޮޓައިޕް ވެހިކަލް ވެސް ދައްކާލައިފަ އެވެ. އެއީ ވިޝަން-އެސް 1 ކިޔާ ކާރެކެވެ.