Roadha Mihaaru
ޓޮޓެންހަމްގެ ހާލާމެދު ކޮންޓޭ މާޔޫސް ވެފައި

ޓޮޓެންހަމްގެ ހާލާމެދު ކޮންޓޭ މާޔޫސް ވެފައި

05 މާޗް 2022

ލަންޑަން (މާޗް 4) - ދުނިޔޭގެ އެއްވެސް މެނޭޖަރަކަށް އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ނުހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗް 4) - ދުނިޔޭގެ އެއްވެސް މެނޭޖަރަކަށް އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާ އަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ނުހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ކޮންޓޭ ޓޮޓެންހަމްގެ ކޯޗުގެ މަގާމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މި ސީޒަނާއެކު، އެ ޓީމުން ހަމަޖެއްސި ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ އަށް ސީޒަންގެ ފުރަތަމަ ތިން މެޗު ރަނގަޅަށް ނިންމައިލެވުނަސް ދެ މަސް ތެރޭގައި ލީގްގައި ފަސް މެޗުން ބަލިވުމުގެ ނަތީޖާއަކީ މަގާމުން ދުރުކުރުމެވެ.

ކޮންޓޭއާއެކު، ލީގްގައި ފުރަތަމަ ވީ އެއްވަރެވެ. އެކަމަކު، ރަނގަޅު ނަތީޖާތަކަކާއެކު ބަލި ނުވެ ލީގުގައި ނުވަ މެޗު ހަމަކުރި އެވެ. ނަމަވެސް ލީގް ކަޕް ސެމީ ފައިނަލުގައި ޗެލްސީ އަތުން ދެ ލެގުން ބަލިވުމާއެކު ލީގްގައި ވެސް ޖެހިޖެހިގެން ތިން މެޗުން އެ ޓީމު ބަލިވީ އެވެ.

ޗެލްސީ އާއި ސައުތެމްޓަން އަދި ވުލްވްސް އަތުން ބަލިވި މެޗަށް ފަހު، ދެން ޓޮޓެންހަމުން އެންމެން ހައިރާން ކޮށްލައި، ރަށުން ބޭރުގައި ވަރުގަދަ މެންޗެސްޓާ ސިޓީ ބަލިކުރި އެވެ. ނަމަވެސް ޖެހިގެން އައި މެޗުން ބަލިވީ ލީގްގެ ފުލުގައި އޮތް ބާންލީ އަތުންނެވެ. އެ ޓީމުގެ އަތުން ބަލިވުމުގެ ހިތި ރަހަ ކަރުބުޑުން ނުފިލަނީސް މިދިޔަ ހަފުތާގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރި އެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ ޓޮޓެންހަމް ވަނީ އެފްއޭ ކަޕްގައި ދެވަނަ ޑިވިޝަނުގެ މިޑްލްސްބަރާ އަތުން ބަލިވެގެން މުބާރާތުން ކަޓައިފަ އެވެ.

ލީގްގައި ހޯމަ ދުވަހުގެ ރޭ ޓޮޓެންހަމް ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. ކޮންޓޭގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އެވަޓަން އަތުން ވީ އެއްވަރެވެ. އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޮންޓޭ ބުނީ، ކްލަބްގައި "ބައިވަރު އުސްގަނޑާއި އަޑިގަނޑު އެބަހުރި،" ކަމަށާއި ވާދަވެރި މާހައުލެއްގައި ކާމިޔާބަށް މަސައްކަތް ކުރަން ބޭނުން ނަމަ އެ ކަން ހަމަޔަކަށް އަޅުވަން ޖެހޭ ކަމަށެވެ.

"ޓީމު މި ހާލަތުގައި އޮންނަތާ އެތައް އަހަރެއް ވެއްޖެ. ކުޑަދުވަސްކޮޅެއްގެ ތެރޭ ހާލަތު ބަދަލުކޮށްލުމަކީ އެއްވެސް މެނޭޖަރަކަށް ކުޅަދާނަ ކަމަކަށް ނުވާނެ. މިއީ ވޭތުވެދިޔަ 20 އަހަރު ދުވަހު ޓޮޓެންހަމްގެ ހާލަތަކީ،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުޅުންތެރިން ތަމްރީނުތަކުގައި ކުރާ މަސައްކަތާ މެދު ކުރާނެ އެއްވެސް ޝަކުވާއެއް ނެތެވެ. ނަމަވެސް މެޗުތަކުގައި އެ ހިތްވަރު ކުޅުންތެރިންގެ ފަރާތަކުން ނުފެންނަ ކަމަށް ބުންޏެވެ.

"ހަމައެކަނި ޓްރެއިނިންގައި ފުލް ކޮމިޓްމަންޓް ދިނުމަކުން ނުފުދޭ. މެޗަށް އެރުވީމާ ވެސް އެބަޖެހޭ ނަތީޖާ ނެރެވޭފަދަ ކުޅުމެއް ކުޅެން،" ކުރިން ޗެލްސީ އަށް ޕްރިމިއާ ލީގް ކާމިޔާބު ކޮށްދީ، މިދިޔަ ސީޒަނުގައި އިންޓަ މިލާނާއެކު އިޓަލީ ލީގް ވެސް ކާމިޔާބުކުރި ކޮންޓޭ ބުންޏެވެ.

ޓޮޓެންހަމް މި ވަގުތު އޮތީ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ދެ މެޗު މަދުން ކުޅެގެން، ފަސް ޕޮއިންޓް މަދުން، ޓޭބަލްގެ ހަތްވަނައިގަ އެވެ.

ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުން ވެސް ބޭރުކޮށްލާފައިވާ ޓޮޓެންހަމް، އެވަޓަންއާ ދެކޮޅަށް ކުޅުމަށް ފަހު، ދެން އޮތީ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ މެޗެވެ. އަދި އޭގެ ފަހުން 10 ވަނައިގައި އޮތް ބްރައިޓަންއާ ދެކޮޅަށް ކުޅެ، ދެން ކުޅޭނީ އަމިއްލަ ދަނޑުގައި ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

ޓޮޓެންހަމްގެ ލޫކަސް މޯރާ އާއި ރޮޑްރިގޯ ބެންޓަންކޫ، އެވަޓަން މެޗަށް ފިޓް ވެފައިވާ ކަމަށް ކޮންޓޭ ބުނެ އެވެ. އަދި އޮލިވާ ސްކިޕް އާއި ޖަފެޓް ޓަންގަންގާ އަދިވެސް އަނިޔާއިން ރަނގަޅު ނުވާ ކަން އޭނާ ފާހަގަކުރި އެވެ.