Roadha Mihaaru
ކޮންޓޭއާ އެކު ލީގުގައި ޓޮޓެންހަމުން ފުރަތަމަ މޮޅު

ކޮންޓޭއާ އެކު ލީގުގައި ޓޮޓެންހަމުން ފުރަތަމަ މޮޅު

22 ނޮވެމްބަރ 2021

ލަންޑަން (ނޮވެމްބަރު 22) - މި މަހުގެ ކުރީކޮޅު ޓޮޓެންހަމުގެ ކޯޗުގެ މަގާމާ ހަވާލުވި ކުރީގެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު އެ ޓީމުން ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ނޮވެމްބަރު 22) - މި މަހުގެ ކުރީކޮޅު ޓޮޓެންހަމުގެ ކޯޗުގެ މަގާމާ ހަވާލުވި ކުރީގެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު އެ ޓީމުން ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެވެ.

ޓޮޓެންހަމް ވަނީ ރޭ ލީޑްސް ޔުނައިޓެޑާ ވާދަކޮށް ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ ކުރިން ލީގުގައި ކުޅުނު ތިން މެޗުން ވެސް ޓީމު މޮޅު ނުވާއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަދި މި ތިން މެޗުގައި ވެސް އެ ޓީމަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

ލީގުގައި ޓޮޓެންހަމަށް ކޮންޓޭ ފުރަތަމަ ކޯޗު ކޮށްދިނީ މި މަހު އެވަޓަންއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގަަ އެވެ.

ތިން މެޗަށް ފަހު ރޭގެ މެޗު އެ ޓީމުން ކާމިޔާބުކުރީ ޑިފެންސިވް ދެ ކުޅުންތެރިންގެ ގޯލުންނެވެ. ކެޕްޓަން ހެރީ ކޭން އަށް ލީގުގައި މިހާތަނަށް ޖެހުނީ އެންމެ ލަނޑެކެވެ. ކޭން އަކީ މިދިޔަ ސީޒަނުގައި ޕްރިމިއާާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ އިތުރުން އެންމެ އެސިސްޓް ވެސް ގިނަ ކުޅުންތެރިޔާ އެވެ.

ފުރަތަމަ ހާފުގައި ޓޮޓެންހަމަށް އެންމެ ހަމަލާއެއް ވެސް ފޮނުވާ ނުލެވުނުއިރު ލީޑްސް އިން ލީޑު ނެގީ 44 ވަނަ މިނިޓުގައި ޖެކް ހެރިސަންގެ ހުރަހަކުން ޑެނިއެލް ޖޭމްސް ޖެހި ގޯލުންނެވެ.

ފަހު ހާފުގައި ޓޮޓެންހަމުން ކުޅުން ރަނގަޅުކުރިއިރު، އެއްވަރު ކުރީ 58 ވަނަ މިނިޓުގައި ލޫކަސް މޯރާގެ ޕާހަކުން އެޓީމުގެ ޑިފެންސިވް މިޑްފީލްޑަރު ޕިއޭ-އެމީލް ހޮއިބިއޭ ޖެހި ލަނޑުންނެވެ. މެޗުން މޮޅުވި ލަނޑު 69 ވަނަ މިނިޓުގައި ޖަހައިދިނީ ފުލްބެކް ސާާޖިއޯ ރެގިލޯން އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޓޮޓެންހަމްގެ ކޭން އާއި ސޮން ހެއުން މިން ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލު ދަނޑިއާ އަމާޒުވެފަ އެވެ.

މި ނަތީޖާއާ އެކު ޓޮޓެންހަމް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ދެ ޕޮއިންޓް އިތުރަށް، 19 ޕޮއިންޓު ހޯދައިގެން ހަތްވަނައަށް ޖެހިލައިފަ އެވެ. ޓޮޓެންހަމާއި ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ތަފާތެވެ.

ލީޑްސް އޮތީ 11 ޕޮއިންޓާ އެކު ރެލިގޭޝަން ޒޯނާ އެންމެ ކައިރިން، ޓޭބަލްގެ 17 ވަނައިގަަ އެވެ.