Roadha Mihaaru
އައްޑޫގެ ކުކުޅުފާމުން ދުވާލަކު 1،000 ކުކުޅު

12 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު ދުވާލަކު 1،000 ކުކުޅު ރާއްޖޭގެ މާކެޓަށް!

03 މާޗް 2022

އައްޑޫގައި ޕޮލްޓްރީ ފާމިން [ކުކުޅު އާލާކުރުން] އަށް ސިޓީ ކައުންސިލުން ހުޅުވައިލި ފުރުސަތުގައި ބީޓެކް ކުންފުނިން ބޭނުންވީ ރާއްޖޭގެ ފުޅާދާއިރާއެއްގައި މިކަން ކުރެވޭ ވަރުގެ ފާމެއް ތަރައްގީ ކުރާށެވެ. ޕްރޮޖެކްޓް ކާމިޔާބުކޮށް އައްޑޫ ހިތަދޫގައި އެ ފާމުގެ މަސައްކަތް ބީޓެކުން ފެށީ މީގެ ފަސް ވަރަކަށް މަސް ކުރިންނެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، އެ ފާމުގައި ބޮޑުކޮށްފައިވާ ކުކުޅުތައް މިދިޔަ އަންގާރަ ދުވަހު ވަނީ ވިއްކަން ފަށައިފަ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އައްޑޫގައި ޕޮލްޓްރީ ފާމިން [ކުކުޅު އާލާކުރުން] އަށް ސިޓީ ކައުންސިލުން ހުޅުވައިލި ފުރުސަތުގައި ބީޓެކް ކުންފުނިން ބޭނުންވީ ރާއްޖޭގެ ފުޅާދާއިރާއެއްގައި މިކަން ކުރެވޭ ވަރުގެ ފާމެއް ތަރައްގީ ކުރާށެވެ. ޕްރޮޖެކްޓް ކާމިޔާބުކޮށް އައްޑޫ ހިތަދޫގައި އެ ފާމުގެ މަސައްކަތް ބީޓެކުން ފެށީ މީގެ ފަސް ވަރަކަށް މަސް ކުރިންނެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، އެ ފާމުގައި ބޮޑުކޮށްފައިވާ ކުކުޅުތައް މިދިޔަ އަންގާރަ ދުވަހު ވަނީ ވިއްކަން ފަށައިފަ އެވެ.

ޕޮލްޓްރީ ފާމިންއަކީ ކުކުޅާއި އަސްދޫންޏާއި ޓާކީ ފަދަ ދޫނިތައް، އޭގެ މަހާއި ބިހާއި ފަތްތަކުގެ ބޭނުމުގައި އާލާކޮށް ބޮޑު ކުރުމެވެ. މި ގޮތަށް ތަކެތި އާލާ ކުރާއިރު ބިސް ފީކުރުމުން ފެށިގެން ކުކުޅުތައް ވަކި ވަރަކަށް ބޮޑުވަންދެން ކާންދީ، ފާމުގެ ތެރޭގައި ބަލަހައްޓާނެ އެވެ.

ބީޓެކްގެ މެނޭޖިން ޑިރެކްޓަރު ހުސައިން މުހައްމަދު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން ޕޮލްޓްރީ ފާމް ހުޅުވުމުގެ ކުރިން ގިނަ ދިރާސާތަކެއް ކުރި ކަމަށެވެ. އަދި މި މަސައްކަތް އެ ކުންފުނިން ފެށީ ރާއްޖެ ފަދަ މާހައުލެއްގައި ބިސް ފީކޮށްގެން ކުކުޅު ވިއްސުވައި، އެ އާލާ ކުރެވޭނެ އެންމެ ފުރިހަމަ ގޮތްތަކާ ގުޅޭ މައުލޫމާތު އެކަމުގެ މާހިރުންގެ ފަރާތުން ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފާމް ހުޅުވަން ބީޓެކުން 12 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާއިރު، ފާމުގައި ދެ ފުލީ އޮޓޮމޭޓެޑް ބްރޮއިލާ ހައުސްއަކާއި ލެބޯރެޓްރީއަކާއި ބިސް ފީކުރުމަށް ހެޗަރީ އަކާއި ކުކުޅު ކަތިލައި ބަންދު ކުރެވޭ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ފުރިހަމަ ޕޯލްޓްރީ ފާމެއްގައި ހުންނަން ޖެހޭ ތަންތަނެވެ.

ބީޓެކް ޕޮލްޓްރީ ފާމުގެ ބްރޮއިލާ ހައުސް ތެރޭގައި ކުކުޅުތަކެއް ކަނީ-- ފޮޓޯ: ބީޓެކް

ބީޓެކް ޕޮލްޓްރީ ފާމުގެ ބްރޮއިލާ ހައުސް ތެރޭގައި ކުކުޅުތަކެއް ކަނީ-- ފޮޓޯ: ބީޓެކް

ހުސައިން ވިދާޅުވިގޮތުގައި، އެ ކުންފުނީގެ ފާމުން މިދިޔަ އަންގާރަ ދުވަހު ވިއްކަން ފެށި ކުކުޅުތަކަކީ ޓެސްޓު ބުރެއްގައި ވިއްސުވައިގެން ބޮޑު ކުރި ކުކުޅުތަކެއް ކަމަށެވެ. ޓެސްޓު ބުރުގައި 5،000 ބިސް ފީ ކުރިއިރު މީގެ ތެރެއިން 94 ޕަސެންޓް ކުކުޅު ކާމިޔާބު ކަމާއެކު ބޮޑު ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެސްޓް ބުރުގައި މަދު ކުކުޅުތަކެއް ވިއްސުވި ނަމަވެސް ފާމުގެ މަސައްކަތް ރަސްމީކޮށް ފަށައިގަތުމުން އެއްފަހަރާ 30،000 ބިސް ފީކުރެވޭނެ އެވެ. އެ ރޭޓުން ދުވާލަކު 1،000 ކުކުޅު ރާއްޖޭގެ މާކެޓަށް ނެރެވޭނެ ކަމަށް ހުސައިން ވިދާޅުވި އެވެ.

"ދެ ބްރޮއިލާ މިހާރު މިހިރީ ކޮންމެ ބްރޮއިލާއެއްގައި ވެސް އެއްފަހަރާ 15،000 އެއްހާ ބިސް ފީ ކުރެވޭނެ. އެހެންވިއްޔާ އެއީ އެއްފަހަރާ 30،000 ބިސް. ކުކުޅުތައް ބޮޑުކޮށް ދުވާލަކު 1،000 އެއްވަރު މާކެޓަށް ނެރެވޭނެ ކަމަށް ލަފާ ކުރެވެނީ،" ހުސައިން ވިދާޅުވި އެވެ.

ބީޓެކް ޕޮލްޓްރީ ފާމުގެ ބްރޮއިލާ ހައުސެއްގެ އެތެރެ-- ފޮޓޯ: ބީޓެކް

ބީޓެކް ޕޮލްޓްރީ ފާމުގެ ބްރޮއިލާ ހައުސެއްގެ އެތެރެ-- ފޮޓޯ: ބީޓެކް

ބީޓެކުން ކުކުޅު ފާމިން ކުރަނީ ސްރީ ލަންކާއިން ބިސް ގެނެސްގެންނެވެ. އެއީ އެކަމަށް ހާއްސަ ބިސްތަކެކެވެ. އެ ބިސްތައް ރާއްޖެ ގެނައުމަށް ފަހު، ހެޗަރީގައި ފީކޮށް، ބްރޮއިލާ ހައުސްގައި ފިޔޮއްތަށް ބޮޑު ކުރާނެ އެވެ. ބީޓެކުން ރާއްޖެ އަށް ގެންނަނީ "ކޮބް 500" ގެ ބިސްތަކެވެ.

ކޮބް 500 އަކީ ކުކުޅު ގިންތި ކުރާ ބައެކެވެ. މި ބައިގައި ހިމެނޭ ކުކުޅުތަކަކީ ކެއުމަށް އެންމެ ރަނގަޅު ކުކުޅުތައް ކަމަށް ހުސައިން ވިދާޅުވި އެވެ.

ކުދި ފިޔޮއްތައް ގެނެސްގެން ވެސް ކުކުޅު ފާމިން ކުރެވޭނެ އެވެ. ނަމަވެސް ބޭރު ގައުމުތަކުން އައްޑު އަށް ދަތުރުކުރާ އެއާލައިންތައް މަދުވުމުން ފިޔޮށް ނުގެނެވެނީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މި ބޭނުން ކުރަނީ ކޮބް 500 ކުކުޅު. އަޅުގަނޑުމެން ބެލިބެލުމުން ކާން އެންމެ ރަނގަޅީ މި ކުކުޅު. އައްޑު އަށް ބޭރުން ބިސް ގެންނަން ފަސޭހަޔަސް ފިޔޮށް ގެންނަ އަދި ދަތި. އައްޑު އަށް އަންނަ ފްލައިޓުތައް މަދުއިރު ފިޔޮށް ގެންނަންޏާ ކަރަންޓީން ފެސިލިޓީއެއް ވެސް ހަދާފައި ހުންނަން ޖެހޭ،" ހުސައިން ވިދާޅުވި އެވެ.

(ކ-ވ) އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ބީޓެކްގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް، ބީޓެކް ޕޮލްޓްރީ ފާމުގައި ބޮޑުކުރި ކުކުޅުތަކެއް ހިފަހައްޓައިގެން-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

(ކ-ވ) އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ބީޓެކްގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް، ބީޓެކް ޕޮލްޓްރީ ފާމުގައި ބޮޑުކުރި ކުކުޅުތަކެއް ހިފަހައްޓައިގެން-- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ރާއްޖެ އަށް ބިސް ގެނެސް ފީކުރަން ފަށާތާ ދެ މަސް ދުވަހުގެ ތެރޭގައި ކުކުޅު ބޮޑުވެ ވިއްކާލެވޭ ވަރުވާނެ އެވެ. ބީޓެކުން ކުކުޅު ވިއްކަނީ ރާއްޖޭގެ ބާޒާރުގައި ގަނޑުކުރި ކުކުޅު ވިއްކާ އަގުތަކުގަ އެވެ. ދިރޭ ކުކުޅު ވެސް އެ ފާމުން ލިބޭނެ އެވެ.

ޕޮލްޓްރީ ފާމިންގައި ކުކުޅުތައް ބޮޑު ކުރަނީ ވެޓިނޭރިއަން [ޖަނަވާރުންގެ ހާއްސަ ޑޮކްޓަރު] އެއްގެ ވެސް ބެލުުގެ ދަށުންނެވެ. ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ އެ ވެޓިނޭރިއަން ބީޓެކަށް ހަމަޖައްސައިދިނީ ފިޝަރީޒްމިނިސްޓްރީންނެވެ.

ކުރިމަގުގައި ބިސް ވެސް އުފައްދާނެ

ބީޓެކް ޕޮލްޓްރީ ފާމުގެ މުވައްޒަފަކު އެ ފާމުގައި ބޮޑު ކުރި ކުކުޅެއް ހިފަހައްޓައިގެން-- ފޮޓޯ: ބީޓެކް

ބީޓެކް ޕޮލްޓްރީ ފާމުގެ މުވައްޒަފަކު އެ ފާމުގައި ބޮޑު ކުރި ކުކުޅެއް ހިފަހައްޓައިގެން-- ފޮޓޯ: ބީޓެކް

ޕޮލްޓްރީ ފާމިންގައި ބިސް އުފެއްދުމަކީ ކުކުޅުތައް ބޭނުން ކޮށްގެން ބިސް އަޅުވައި އެ ވިއްކުމެވެ. މިކަމަށް ވެސް ތަފާތު ބާވަތުގެ ކުކުޅު ބޭނުންވާނެ އެވެ. އެއީ "ބްރީޑިން" ކުކުޅެވެ.

ހުސައިން ވިދާޅުވީ ބިސް އުފައްދަން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ބީޓެކް ފާމުގައި ނިމިފައިވާ ކަމަށެވެ. މެޝިންތަކާއި ކުކުޅުތައް ގެނައުމަށް ފަހު އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެ ކަން އެއްފަހަރާ ނުފަށަން ވެގެން އަދި ބިސް އުފައްދަން ނުފަށަނީ. މިހާރު އިމާރާތް އެހެރީ ނިމިފައި، ބްރީޑިން ކުކުޅުތައް ގެނެސް ބިސް އުފެއްދުމުގެ މަސައްކަތް ފަށަންވީ ދެން،" އޭނާ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި މި މަސައްކަތް އެ ފާމުގައި ފެށުމުން ދުވާލަކު 10،000 ބިސް މާކެޓަށް ނެރެވޭނެ އެވެ.

މި ވަގުތު ބީޓެކް ފާމުން އުފައްދާ ތަކެތި އައްޑޫގައި އެކަނި ވިއްކި ނަމަވެސް ކުރިއަށް އޮތްތަނުގައި މުޅި ރާއްޖެއަށް އެތަކެތި ވިއްކަން ފަށާނެ ކަމަށް ހުސައިން ވިދާޅުވި އެވެ. މީގެ ތެރޭގައި ގަނޑުކުރި ކުކުޅާއި ދިރޭ ކުކުޅާއި ބިސް ހިމެނެ އެވެ.