Roadha Mihaaru
އެކަނިވެރިވެ ޒުވާން އުމުރު ގުރައިދޫ މަރުކަޒުގައި!

އެކަނިވެރިވެ ޒުވާން އުމުރު ގުރައިދޫ މަރުކަޒުގައި!

05 މާޗް 2022

ގުރައިދޫ މަރުކަޒުގައި ހަސަން ޖާވިދު އިނީ ގޮތް ހުސްވެ، މާޔޫސްވެފަ އެވެ. އުމުރުން 35 އަހަރުގައި މިއީ އޭނާގެ ދިރިއުޅުން ހުސްކޮށްލަން ޖެހޭ ތަނެއް ނޫނެވެ. މޮޅަށް ކިޔަވައިގެން ހުވަފެންތަކެއް ހުއްޓެވެ. ހިތްވަރާ އެކު ކުރިއަށް ދަނިކޮށް ކުއްލިއަކަށް ވަޒީފާ ގެއްލުމުން ކުރިމަތިވީ ފުން ހިތާމައެކެވެ. ހުރިހާ ކަމެއް ބަދަލުވެ، މީހާއަށް ވީ ގޮތެއް ނޭނގެ އެވެ.

އިފްރާޒް އަލީ ކ. ގުރައިދޫން އިފްރާޒް އަލީ

ގުރައިދޫ މަރުކަޒުގައި ހަސަން ޖާވިދު އިނީ ގޮތް ހުސްވެ، މާޔޫސްވެފަ އެވެ. އުމުރުން 35 އަހަރުގައި މިއީ އޭނާގެ ދިރިއުޅުން ހުސްކޮށްލަން ޖެހޭ ތަނެއް ނޫނެވެ. މޮޅަށް ކިޔަވައިގެން ހުވަފެންތަކެއް ހުއްޓެވެ. ހިތްވަރާ އެކު ކުރިއަށް ދަނިކޮށް ކުއްލިއަކަށް ވަޒީފާ ގެއްލުމުން ކުރިމަތިވީ ފުން ހިތާމައެކެވެ. ހުރިހާ ކަމެއް ބަދަލުވެ، މީހާއަށް ވީ ގޮތެއް ނޭނގެ އެވެ.

ރަނގަޅަށް ވިސްނެން ފެށިއިރު، ދިރިއުޅުން ހަމަޖެހިފައި އޮތީ ގުރައިދޫ މަރުކަޒުގަ އެވެ. އިތުރު ދެރައެކެވެ. މިތަނުގައި ތިބީ، ހަސަން ވެސް ހިމެނޭ ގޮތުން، އެކަނިވެރިންނެވެ. ދައުލަތުގެ އެހީތެރިކަން ފިޔަވައި، އެ މީހުން ހޭދަކުރަނީ ލޯތްބާއި އަޅާލުމުން މަހްރޫމްވެ، އުއްމީދެއް ނެތް ދިރިއުޅުމެކެވެ.

އެހާ ޒުވާން އުމުރުގައި މިތަނަށް ގެނައީ ކީއްވެތޯ "މިހާރު"ގެ ޓީމުން އެހުމުން ހަސަން ބުނީ އެ ސުވާލު އެންމެ ރަނގަޅުވާނީ އޭނާގެ އާއިލާއާ ކުރިއްޔާ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ އެތަނަށް ގެންނަން މެދުވެރިވި ހާލަތު ކިޔައިދޭކަށް ނޭނގުނެވެ. ވިސްނާކަށް ވެސް ފަސޭހައެއް ނޫނެވެ.

ހަސަން ކުރި ހޯދަމުން އައީ ޓެކްނޮލޮޖީގެ ދާއިރާއިންނެވެ. ވަކި ހިސާބަކުން ކުއްލިއަކަށް ވަޒީފާ ދޫކޮށްލަން ޖެހުމުން އަމިއްލަ ނަފްސަށް އުނދަގޫތަކެއް ކުރިމަތިވީ އެވެ. ގާތްކޮށް އުޅުނު އެންމެންނާ ވަރަށް ބޮޑަށް ދުރުވީ އެވެ. އާއިލާއާ ވެސް ދުރުވެ، ވަކިން ދިރިއުޅެން ފެށި އެވެ. އެކި ހިޔާލާއި ފިކުރުތަކުން އޭނާގެ ސިކުނޑި ފުރި، ބާރުވީ އޭގެ ފަހުންނެވެ.

އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާ އަށް އާދަޔާ ހިލާފު ގޮތްތަކެއް ވާން ފެށި އެވެ.

"ކޮންމެވެސް ވަރަކަށް ދުނިޔެއާ އެކަހެރިވެވުނީ، އެގޮތަށް އެކަނި އުޅެން ފެށީމަ،" މި ބަލީގައި އުޅޭތާ ހަތަރު އަހަރުވެފައިވާ ހަސަން ކިޔައިދިނެވެ.

ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ މީހަކު އުނދޯންޏެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ މީހަކު އުނދޯންޏެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނަފުސާނީ ބޮޑު ބައްޔެއް!

ސިކުނޑި ތެރޭގައި އެނބުރެނީ ބާރު އަޑުތަކެކެވެ. އަސްލެއް ނެތް އެ އަޑުތަކުން މީހާގެ ސިކުނޑި ފަޅައިގެންދާ ވަރުވެ އެވެ. އެއްވެސް ގޮތަކަށް ނުވެސް ހިނގާ ކަންތައްތައް ފެނެ އެވެ. ރުޅިގަދަވެ، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ނުރައްކާވާ ހިސާބަށް ކަންކަން ކުރެވުނެވެ. މީހާ ކޮންޓްރޯލުން ނައްޓައިގެންދާ ކޮންމެ ފަހަރަކު، ރަނގަޅަށް ހޭވެރިކަންވާއިރު އޮންނަނީ ހޮސްޕިޓަލުގެ އެނދުމަތީގަ އެވެ.

ވީގޮތެއް ނުވަތަ ކުރެވުނު ކަމެއް ވެސް ހަނދާނަކު ނުހުރެ އެވެ.

ހަސަން ބުނި ގޮތުގައި، އޭނާއަށް ދިމާވި އެ ކަންކަމަކީ، ޑޮކްޓަރުން ބުނާ ގޮތުގައި، ވަރަށް ނުރައްކާތެރި ނަފްސާނީ ބައްޔެއް ކަަމަށްވާ "ސްކިޒޮފްރީނިއާ" އެވެ. އެއީ އެ މީހަކު، ހަގީގަތްތައް ދެނެގަންނަ ގޮތް ބަދަލުކޮށްލާ ނަފްސާނީ ބައްޔެކެވެ. އެ ހާލަތުގައި ވުޖޫދުގައި ނެތް ކަންކަން ފެނުމާއި އަޑުއިވުމާއި އަދި ހަގީގަތެއް ނެތް ގަބޫލުކުރުންތަކުން މީހާގެ ސިކުނޑި ވަރުބަލިކޮށްލަ އެވެ. އެ ބަލީގައި ބައެއް މީހުން އުމުރު ދުވަހު ބޭސް ކާން ޖެހެ އެވެ.

"ބޭސްކަމުން އައިސް އެއްކޮށް ރަނގަޅު ނުވަނީސް އަހަރެއް ވަރު ކުރިން ބޭސް ކެއުން އަމިއްލަ އަށް ހުއްޓާލީ. އެ ފަހުން، އަނެއްކާ ވެސް ގޯސްވީ،" ހަސަން ކިޔައިދިނެވެ.

ގުރައިދޫ މަރުކަޒުގައި ނަފުސާނީ ފަރުވާ ހޯދަމުން އަންނަ ބަޔަކު އެތަނުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގުރައިދޫ މަރުކަޒުގައި ނަފުސާނީ ފަރުވާ ހޯދަމުން އަންނަ ބަޔަކު އެތަނުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ފަހު ފަހަރު މާ ބޮޑަށް ގޯސްވީމަ، އާއިލާއިން ވާހަކަ ދެއްކީ މިތަނާ [ގުރައިދޫ މަރުކަޒާ]. އަމިއްލަ އަށް ވެސް ބޭނުންވި ރަނގަޅުވާން މިކޮޅަށް އަންނަން."

އޭނާ ކިޔައިދިން ގޮތުގައި މަރުކަޒަށް ގެންނަން ކައިރިވެފައި ވަނިކޮށް، އެއް ދުވަހަކު އޭނާ ވަރަށް ބޮޑަށް ސަކަރާތްވި އެވެ. އެ ފަހަރު، ރަނގަޅަށް ހޭވެރިކަންވި އިރު، އޮތީ މިތަނުގެ އެނދެއްގަ އެވެ.

މިތަނުގައި ދެމުން އަންނަ ފަރުވާ އިން އޭނާގެ ހާލު ކުރިއަށް ވުރެން މިހާރު ރަނގަޅެވެ. އޭނާ ބޭނުންވަނީ އާއިލާގެ ގާތަށް އެނބުރި ދާށެވެ.

"މިހާރު ހަމަ އައި ފީލް ނޯމަލް. މިކޮޅަށް އައިސް ތިން މަސްވި ފަހުން ބޭހެއް ވެސް ނުކަން. އެކަމަކު އަދި ވަރަށް ރަނގަޅަށް ހުރިހާ ކަމެއް މި ދަނީ،" އޭނާ ބުންޏެވެ.

"މޮޔައިންގެ މަރުކަޒެއް" ނޫން!

ގުރައިދޫ މަރުކަޒުން ލިބުނު އެހީތެރިކަމާއި، ފަރުވާ އަށް އޭނާ ޝުކުރުވެރިވެ އެވެ. އެކަމަކު އެތަނުގެ ދިރިއުޅުން އަމިއްލައަށް ތަޖުރިބާކުރަން ޖެހުމުން ދެން ތިބި މީހުންގެ ހާލު ގާތުން ފެނުނެވެ. އެހެންވެ އެ މީހުންގެ ހައްގުގައި އޭނާގެ ހުރި ކަންބޮޑުވުންތައް ގިނަ އެވެ. ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އޭގެ ތެރޭގައި ނަފްސާނީ އެއްވެސް މައްސަލައެއް ނެތަސް އާއިލާ އިން ބާކީކޮށްލުމުން މަޖުބޫރުވެގެން އުޅެން ޖެހިފައި ތިބި މީހުން ވެސް އެބަތިއްބެވެ.

ހަސަންގެ ހިތްހަމަނުޖެހުން އޮތީ، ގައުމުގެ އިސް ސަފުގެ ހިންގުންތެރިންނާއި މުޖުތަމައުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންނާ މެދުގަ އެވެ. ރާއްޖޭގައި ނަފުސާނީ ބަލިތަކަށް އަދިވެސް އެންމެ ރަނގަޅު ފަރުވާ ލިބެން ނެތުމުން އޭނާ ކުރި ޝަކުވާތައް ގިނަ އެވެ.

މިތަން، ކޮމިއުނިޓީގެ ތެރޭގައި ސިފަކޮށްފައި އޮންނަނީ "މޮޔަވީމަ" ގެންނަ ތަނެކޭ. އެހެންވެ، އެއް ކަހަލަ ނަފުސާނީ ބައްޔަށް ބޭސްކުރަން ބޭނުންވާ މީހާ ވެސް އަންނަން ޖެހިލުންވޭ. ނަފުސާނީ ވުމަކީ މީހާ މޮޔަވުމެއް ނޫން.

އައިޖީއެމްއެޗުގައި ނަފްސާނީ ބަލިތަކަށް ފަރުވާ ދެ އެވެ. އެކަމަކު ރާއްޖޭގައި މި ބަލީގެ ހާލަތު ގޯސްކަމުން ބޮޑު ކިޔޫއެއް އަބަދުވެސް އޮންނަ އެތަނުން އެޕޮއިންޓްމަންޓެއް ލިބި ދެތިން ހަތަރުމަސްވާ އިރު ވެސް ނުދެއްކި ހާލަތު ގޯސްވާ ފަހަރު ވެސް އާދެ އެވެ.

ނަފުސާނީ ބަލީގައި އެންމެ ބޮޑުވަރުވާ މީހުންނަށް ކިރިޔާ ވެސް ފަރުވާ ލިބޭ ހަމައެކަނި ތަނަކަށް ހުރީ ގުރައިދޫ މަރުކަޒެވެ. އެކަމަކު މިއީ "މޮޔައިގެން މަރުކަޒެއް" ގޮތުގައި މުޖުތަމައުގައި ސިފަކޮށްފައި އޮންނާތީ އޭނާ ހިތްހަމައެއްނުޖެހެ އެވެ. ހޭލުންތެރި މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރާ އިރު، ހާއްސަކޮށް ޒުވާނުން އެ ވިސްނުން ދޫކޮށްލަން ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"މިތަން ކޮމިއުނިޓީގެ ތެރޭގައި ސިފަކޮށްފައި އޮންނަނީ "މޮޔަވީމަ" ގެންނަ ތަނެކޭ. އެހެންވެ، އެއް ކަހަލަ ނަފުސާނީ ބައްޔަށް ބޭސްކުރަން ބޭނުންވާ މީހާ ވެސް އަންނަން ޖެހިލުންވޭ. ނަފުސާނީ ވުމަކީ މީހާ މޮޔަވުމެއް ނޫން،" އޭނާ ބުންޏެވެ.

"އަޅުގަނޑު އާއިލާއިން ވެސް ޖެހިލުންވި މިތަނަށް ފޮނުވަން، ކިހިނެއްވާ ތަނެއް ކަމެއް ނޭނގޭއިރު. މިތަން ބަލާލިޔަސް އެނގޭނެ، ޒުވާން ކުއްޖަކު ވަރަށް ނުފެންނާނެ. ގިނައިން ތިބޭނީ ދުވަސްވީ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން."

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު: އެ މަރުކަޒުގައި ނަފުސާނީ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އަޅާލާނެ މީހަކު ނެތް އުމުރުން ދުވަސްވީ މީހުން ތިބޭ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު: އެ މަރުކަޒުގައި ނަފުސާނީ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އަޅާލާނެ މީހަކު ނެތް އުމުރުން ދުވަސްވީ މީހުން ތިބޭ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

މިތަނުގައި ނަފުސާނީ ބަލިތަކަށް އެންމެ ރަނގަޅު ފަރުވާ ނުލިބެނީ ވެސް މުޖުތަމައުގެ ސަބަބުން ކަމަށް އޭނާ ދެކެ އެވެ. ނަފުސާނީ ބަލީގެ ދާއިރާއިން ކިޔަވައިގެން ކޮންމެ އަހަރަކު އެތައް ޒުވާނަކު ގްރެޖުއޭޓްވާ އިރު، އެތަނުގައި މަސައްކަތް ކުރަން ދާނެ މީހަކު ނުވެ އެވެ. އެތަނުގައި ހުރި މައްސަލަތައް އަޑުއަހާނެ މީހަކު ނެތެވެ. ހިދުމަތް ރަނގަޅު ކުރަން އެހީވާނެ ވެރިޔަކު ނެތެވެ.

އޭގެ ނަތީޖާއަކީ، ހަސަން ދެކޭ ގޮތުގައި، މުޖުތަމައު އިން ބާކީވެފައި އޮތް މުޖުތަމައުއެއް ދިރިއުޅޭ ތަނަކަށް ގުރައިދޫ މަރުކަޒު ވުމެވެ. މިތަނަކީ މުހިއްމު ތަނެއްގެ ގޮތުގައި ނުދެކެ އެވެ. އާއިލީ ދިރިއުޅުންތަކުން ގަސްތުގައި ބާކީކޮށް އެއްލައިލާ މީހުންގެ ތަނެއްގެ ގޮތުގައި ވިސްނުން ވެސް ކުރިއަށް ނެރެނީ އެވެ.

"މިތަނުގެ ލައިބްރަރީގައި ހުރި ހުރިހާ ފޮތެއްހެން މިހާރު ކިޔައިފިން. މިތަނަށް ފޮތްތަކެއް ހަދިޔާކޮށްލުން ކަހަލަ ކުޑަކުޑަ ކަމެއް ކޮށްދޭނެ މީހަކު ވެސް ނުވޭ،" އޭނާ ބުންޏެވެ.

މި ޝަކުވާތަކާއި ކަންބޮޑުވުން ހުރީ އޭނާއަށް އެތަނުން ދެވޭ ދުވަހެއްގައި ވެސް ދެން ތިބި މީހުން މިތަނުގައި ދިރިއުޅޭނެ ގޮތް އިހްސާސްވާތީ އެވެ. މިތަނުން ނުކުމެ އަލުން ވަޒީފާއަކަށް ގޮސް ދިރިއުޅުމެއް ފެށޭވަރަށް، ހަސަން ގަބޫލުކުރާ ގޮތުގައި، އޭނާގެ ހާލަތު ރަނގަޅުވެއްޖެ އެވެ.

އޭނާގެ ދިރިއުޅުމުގެ ހިތްދަތި ހާދިސާތަކުން ބައެއް ކިޔައިދީ ނިންމާލީ އުއްމީދުތަކަކާ އެކުގަ އެވެ. އަހަރެމެންނާ ދެން ބައްދަލުވާނީ މިތަނުން ބޭރުން ކަމުގެ އުފާވެރި އިހްސާސް ހަސަންގެ މޫނު މަތިން އެ ވަގުތުކޮޅު ފެނުނެވެ. އެކަމަކު އެއީ، އާއިލާ އާއި މުޖުތަމައުން ވެސް އެހީގެ އަތެއް ފޯރުކޮށްދީފި ނަމަ އެވެ. މި މަރުކަޒުގެ ހަތަރު ފާރުގެ ތެރެއިން ފެންނަނީ، އަޑުއިވެނީ އުއްމީދުތައް މާޔޫސްކަމަށް ބަދަލުވެގެންދާ މަންޒަރެވެ.