Roadha Mihaaru
ރިޔާސީ އިންތިހާބަށް އަމާޒުކޮށް އެމްޑީއޭ ވަރުގަދަކުރަނީ

ރިޔާސީ އިންތިހާބަށް އަމާޒުކޮށް އެމްޑީއޭ ވަރުގަދަކުރަނީ

02 މާޗް 2022

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓަކު ނެރޭނެތޯ އަދި ކަނޑަނޭޅިއަސް އެހާ ތަނަށް ހަރަކާތްތައް ވަރުގަދަކޮށް، ނުފޫޒު ގަދަ ޕާޓީއަކަށް ހަދަން ނިންމާފައިވާ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓަކު ނެރޭނެތޯ އަދި ކަނޑަނޭޅިއަސް އެހާ ތަނަށް ހަރަކާތްތައް ވަރުގަދަކޮށް، ނުފޫޒު ގަދަ ޕާޓީއަކަށް ހަދަން ނިންމާފައިވާ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ހަރަކާތްތައް ނުހިންގާތާ އަހަރުތަކެއް ވެފައިވާ އެމްޑީއޭ އިން މިއަދު ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޕާޓީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިކޮށް އެންމެ ފަހުން ފެނުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅެވެ. ޕީޕީއެމާ އެކު ކޯލިޝަން ހަދައި މަސައްކަތް ކުރަމުން އައިސް އިންތިހާބާ ހިސާބުން "ގެއްލުނީ" އެެވެ. ޕީޕީއެމްގެ ކެމްޕޭންގައި ވެސް އެމްޑީއޭގެ ބައިވެރިވުމެއް ނެތެވެ.

މި ވެރިކަން ފެށުނު ފަހުން ވެސް އެމްޑީއޭ އޮތީ ސިޔާސީ ކަންކަމާ ދުރުގަ އެވެ.

އެމްޑީއޭގެ ހަރަކާތްތައް ހުއްޓާލައި މިހާތަނަށް މަޑުން ތިބީ ސިޔާމް ވިދާޅުވި ގޮތުގައި ކޮވިޑް 19އާ ގުޅިގެން އިންސާނިއްޔަތަށްޓަކަ އެވެ. ކޮވިޑުގެ ތެރޭގައި މަސައްކަތްތައް ކުރިއަށް ގެންދިޔަ ނަމަ، އޭގެ ގެއްލުން ލިބިދާނެ ކަމަށް އެ ޕާޓީގެ ކައުންސިލުގެ ބައެއް މެމްބަރުންނަށް ފެނިވަޑައިގަތުމުން ހަރަކާތްތައް މަޑުޖައްސާލީ ކަމަށް ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގެ ކޮވިޑުގެ ހާލަތު ތަންކޮޅެއް ރަނގަޅުވެފައިވާތީ، ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު މިއަދު މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީއޭގެ ލީޑަރު އަހުމަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސިޔާމް ވިދާޅުވީ އެ ޕާޓީގެ އެންމެ މުހިއްމު އަމާޒަކީ ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދިނުން ކަމަށެވެ. އެއާއެކު މިހާރަށް ވުރެ މާރަނގަޅު ގޮތްތަކެއް ވެސް ރައްޔިތުންނަށް ހޯދައިދޭނެ ކަަމަށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން. ރައްޔިތުންގެ އާމްދަނީ އިތުރުކޮށްދީ އިޖުތިމާއީ ދިރިއުޅުމުގެ ހުރިހާ ކަމެއް މިއަށް ވުރެ ރަނގަޅުކޮށްދިނުން. އަޅުގަނޑުމެންނަކީ މިކަން ކުރެވޭނެ ބައެއް،" ސިޔާމް ވިދާޅުވި އެވެ.

"ކޮންމެ ދިވެހި ރައްޔިތަކީ އަމިއްލަ ގެއެއް ހުރި މީހަކަށް މި ޕާޓީން ހަދައިދޭނަން،" ސިޔާމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 6،700 އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ކެންޑިޑޭޓަކު ނެރޭނެތޯ ސުވާލުކުރުމުން ސިޔާމް ވިދާޅުވީ އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމަކު ވެރިކަމަށް އަންނާނީ އެ ޕާޓީގެ ކެންޑިޑޭޓެއް ނުވަތަ އެ ޕާޓީން ތާއީދުކުރާ ބަޔަކު ކަމަށް ސިޔާމް ވިދާޅުވި އެވެ.

އެމްޑީއޭގެ ގައުމީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ޕާޓީގެ 33 ޕަސެންޓް މަގާމުތައް އަންހެނުންނަށް ހާއްސަކުރަން ފާސްކޮށްފަ އެވެ. އަދި ދެން އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުތަކުގައި އެއްވެސް ދާއިރާގެ ގޮނޑި ދޫކޮށްލުމުގެ ބަދަލުގައި 87 ދާއިރާއަށް އެ ޕާޓީން ވާދަކުރާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވަސްވީ ޕާޓީތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު އެމްޑީއޭއާ ގުޅެމުން އަންނަ ކަމަށާއި އެ ގޮތަށް ދިމާވަނީ އިސްލާހަށް ކުރަމުންދިޔަ މަސައްކަތް ފެއިލްވުމުން އެ މަގުގައި ދެވޭނެ ޕާޓީއަކާ އެކު ކުރިއަށްދާން ބޭނުންވާތީ ކަމަށެެވެ.

އެމްޑީއޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަަމަ އެ ޕާޓީ އަށް ސޮއިކުރި މީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅުވީ އެމްޑީއޭގެ މަސައްކަތްތައް އޭނާގެ ތަޖުރިބާގެ އަލީގައި ވަރުގަދަ ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގައި އިސްކޮށް އުޅުއްވި ޝުއައިބު އަލީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީގައި އިސްކޮށް އުޅުއްވި ޝުއައިބު އަލީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެމްޑީއޭއާ އެކު ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތައް ބޮޑުތަނުން ފެއިލްވުމުންނެވެ. ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކުރީ އެމްޑީއޭ ނޫން ޕާޓީތަކުން ކަމަށާއި އެހެންވެ އޭނާ ބެލީ އިހުލާސްތެރިކަމާއި ހިތްވަރާ އެކު ރައްޔިތުންނަށް މުސްތަގުބަލެއް ހޯދައިދެވޭނީ ޕާޓީއަކާ ގުޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ދަނޑުގައި އަޅުގަނޑަށް މަސައްކަތްކުރަން އެނގޭނެ. މިއީ ކުޑަ ޕާޓީއަކަށް ވިޔަސް މިއީ ރައްޔިތުން އިތުބާރުކުރާ އެންމެ ނުފޫޒު ގަދަ ސިޔާސީ ޕާޓީއަށް ހެދުމުގެ މަސައްކަތް ކުރާނަން،" ޝުއައިބު ވިދާޅުވި އެވެ.

އޭނާ އެމްޑީޕީން ވަކިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫނުތަކެއް ކުރަހައި ސޯޝަލް މީޑިއާގައި އާއްމުކުރިކަމުގެ ތުހުމަތާއި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މައްސަލައިގަ އެވެ.

ވަކި އަތަކަށް ނުޖެހޭ ފޮރިން ޕޮލިސީއެެއް ގެންގުޅޭނަން

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ސިޔާމް ވިދާޅުވީ އެކި ގައުމުތަކުގެ ސިފައިން ނޫޅޭ ގައުމެެއް މިހާރު މަދުވާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ ޖަރުމަނުގައި ވެސް އެމެރިކާ ސިފައިން އުޅޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ސިފައިން ބަޑިއާ އެކު ރާއްޖޭގައި އުޅެ އެވެ. އެހެންވެ ވަކި ގައުމެއްގެ ސިފައިން ތިބުމަކުން މައްސަލައެއް ނެތް ކަމަށާއި ބަލަންވީ އެގްރީމެންޓްތަކުގެ ތަފްސީލް ކަމަށް ވިދާޅުވި އެވެ.

"ބަލަންވީ އަޅުގަނޑުމެންނަށް ނުރައްކާތެރި އެގްރީމެންޓެއްތޯ. އަޅުގަނޑުމެންނަށް އެއިން ލިބެނީ ގެއްލުންތޯ ފައިދާތޯ. މި ރާއްޖޭގައި ރައީސަކު ޗައިނާއަށް އެެއްޗެހި ގޮވަނީ. ދުނިޔޭގެ އެންމެ ބޮޑު އިކޮނޮމީ އެއީ. މިއީ އުސޫލެއް ނޫން އެއް ބަޔަކު އަނެއް ބަޔަކަށް ގޮސް ޖައްސަލައިގެން އުޅުން،" ސިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ކުޑަކުޑަ ގައުމެއް ކަމަށާއި އުޅެންޖެހޭނީ އެންމެންނާ ގުޅިގެން ކަމަށެވެ. އެ ޕާޓީން އެކަށައަޅާ ފޮރިން ޕޮލިސީގައި ވަކި އަތަކަށް ނުޖެހި ހަމަހަމަ ކަން ގައުމުތަކާ އެކު ބާއްވާނެ ކަމަަށް ވިދާޅުވި އެވެ.

"ވަކި ކޮޅަކަށް ޖެހިގެން ގައުމުތަކާ ދެކޮޅަށް އެކަހަލަ ކަންކަން ކުރަންޏާ ގެއްލުން ލިބޭނީ،" އޭނާ ވިދާޅުވި އެވެ.

އެމްޑީއޭއަކީ ހުރިހާ ގައުމަކާ އެކު ހަމަހަމަ ކަމާ އެކު ގުޅުން ބާއްވާނެ ޕާޓީއެއް ކަަމަށާއި އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ރަނގަޅުކުރާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.