Roadha Mihaaru
މި ފަސް އަހަރު ގައުމު ހަމަޖެހިއްޖެ: ސިޔާމް

މި ފަސް އަހަރު ގައުމު ހަމަޖެހިއްޖެ: ސިޔާމް

15 ޖުލައި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުގައި މުޅި ގައުމު ހަމަޖެހިއްޖެ ކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ދައުރުގައި މުޅި ގައުމު ހަމަޖެހިއްޖެ ކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދުކުރައްވައި އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ ސިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވެރިކަމުގައި ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ. އަދި މި ފަސް އަހަރުގެ ދައުރު ރައީސް ނިންމަވާލެއްވީ އެންމެ ނައިބު ރައީސަކާ އެކު ކަމަށާއި މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ވެސް ބަދަލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ދ. މީދޫ ދާއިރާގެ މެމްބަރު ވިދާޅުވީ މިވެރިކަމުގައި ގައުމު ހަމަޖެހިއްޖެ ކަމަށާއި ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު ވެސް ރިކޯޑް އަދަދަކާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"އާއިލާތަކަށް އުފާވެރިކަން. މިކަންކަމުން ރަމްޒުކޮށްދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގެ ހިންގުންތެރިކަމާއި ކެތްތެރިކަމާއި ހިކްމަތްތެރިކަން،" ސިޔާމް ލިޔުއްވާފައިވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން ސިޔާމް އިއުލާނުކުރެއްވި އެވެ. އެކަމަކު މިއީ ވެރިކަމަށް ވާދަކުރެއްވުމަށް އެންމެ މުނާސަބު ވަގުތު ނޫން ކަމަށް ވިދާޅުވެ ފަހުން އެމްޑީޕީއާ އެކު ކޯލިޝަން ހެދީ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން ވެސް ހުށަހެޅި އެވެ. އެކަމަކު އެ ޕާޓީން ނިންމީ ރައީސަށް އިތުރު ދައުރެއް ހޯދައިދޭން މަސައްކަތްކުރާށެވެ.

އެމްޑީއޭ އެކު މިއަހަރުގެ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީންނެވެ. އެހެން ކޮންމެ ޕާޓީއަކުން ވަނީ ކެންޑިޑޭޓުން ނެރޭނެކަން އިއުލާނުކޮށްފަ އެވެ.